ލޭމައްޗަށް ދިއުމަކީ ދިވެހި މުޖުތަމައުގައި ވަރަށް އާންމު ބައްޔެކެވެ. އަދި އެބައްޔަކާއިމެދު ގިނަބަޔަކު ޣާފިލުވެފައިވާ ބައްޔެކެވެ. ނަމަވެސް ސިއްހީ މާހިރުންގެ އިންޒާރު މިކަމުގައި ވަރަށްވެސް ބިރުވެރިއެވެ. އެމީހުންގެ އާދޭސް މިކަމުގައި އަސަރުގަދައެވެ.
ލޭމައްޗަށް ދިއުމޭ ބުނެވެނީ ލޭގެ ޕުރެސަރު މަތިވުމުންނެވެ. ލޭގެ ޕުރެސަރަކީ ހިތުން ލޭ ފޮނުވާއިރު، ލޭހޮޅީގެ ފާރުގައި، ލޭ ޖެހޭ ބާރުމިނެވެ. މިގޮތަށް މި ޕުރެސަރު ނުވަތަ މި ބާރުމިން މަތިކޮށް، ދިގުމުއްދަތަކަށް ހުރެއްޖެނަމަ، އޭގެ ސަބަބުން އިންސާނާ އެތަކެއް ބައްޔެއްގެ ޝިކާރައަކަށް ވެދެއެވެ. ނަމަވެސް ލޭމައްޗަށްދާ މީހަކަށް އެކަން ނޭނގި، ނުވަތަ އިހުސާސްނުވެ އަހަރުތަކެއްވެސް ހޭދަވެދާނެއެވެ. މާތުރަ މިކަމަކީ ދެނެގަންނަން ވަރަށް ފަސޭހަ ކަމެކެވެ. ޑަކްޓަރަކަށް ދައްކާލުމުން ލޭގެ ޕުރެސަރު ބަލައިދޭނެއެވެ. އެހިސާބުން ޑަކްޓަރު އެކަމަށް ބަސްކިޔާނެއެވެ. އެކަން އެނގި ހާމަވާ ހިސާބުން އެކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭން ޖެހޭނެއެވެ.
ލޭމައްޗަށްދިއުމުގެ ސަބަބުން ދިމާވެދާނެ އެތަކެއް ނުރައްކާރެތި ބަލިތަކެއްގެ އިންޒާރު ސިއްހީ މާހިރުން އަންނަނީ ދެމުންނެވެ. އާންމުކޮށް މިކަމުގެ ސަބަބުން ދިމައިވާނީ ހިތުގެ ބަލިތަކެވެ.
މިގޮތަށް ގިނަ މުއްދަތަކަށް ލޭގެ ޕުރެސަރު މަތިކޮށް ހުރެއްޖެ ނަމަ، ހިތުން ހަށިގަނޑަށް، ލޭ ފޮނުވައިދޭ ލޭހޮޅިތަކަށް އެކިއެކި ގެއްލުން ލިބެއެވެ. އެގޮތުން އެ ލޭހޮޅިތައް، ބޯވެ ހަރުވާގޮތް ވެދާނެއެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ސްޓްރޯކް ފަދަ ބަލިތަކަށް މަގުފަހިވުމެވެ. ސިކުނޑިއަށް ލޭ ފޮނުވައިދޭ ލޭހޮޅިތަކުން އެކަށީގެންވާ މިންވަރަށް ލޭ ފޮނުވައި ނުދެވޭނަމަ، ސިކުނޑީގައި ހުންނަ ނާރުތަކަށް ބޮޑެތި ގެއްލުން ތަކެއް ވެއެވެ. ސިކުނޑީގެ ބައެއް މަރުވުމަކީވެސް މިކަމުގެ ސަބަބުން ދިމައިވެދާނެ ނުރައްކާތެރި ކަމެކެވެ.
ހަމަ އެއާއިއެކު އެ ލޭހޮޅިތަކުގެ ބާރު ދަށްވެ ބައެއް ހިސާބުތަކުން އުފުލޭ ގޮތް ވެދާނެއެވެ. މިހެން ލޭހޮޅިތަކުގެ ބާރު ދެރަވެފައިވާ ހިސާބަކުން ލޭހޮޅި ފަޅައިގެން ދިއުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. މިހެން ދިމައިވެއްޖެނަމަ، ގިނަ އަދަދަކަށް ލޭ ބޭރުވެ، ފުރާނައަށް ނުރައްކާ ވުމަކީ ވަރަށް ގާތްކަމެކެވެ.
ލޭމަތިކޮށް ހުރުމުން ދޭހަވާ އެއް ކަމަކީ، ހިތުން ލޭ ފޮނުވަން އިތުރު ބާރުތަކެއް ލާންޖެހޭނޭ ކަމެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ހިތުގެ މަސްތައް ބޯވާން ފަށައެވެ. ނަމަވެސް ހިތުން ލޭފޮނުވަން ކުރާ ބާރު ކުޑައެއް ނުވެއެވެ. އެހެންކަމުން ހިތުގެ މަސްތަކަށް ބޭނުންވާ އޮކްސިޖަންގެ ނިސްބަތް ގިނަވެއެވެ. އާހިރު ނަތީޖާއަކަށް ވަނީ މި ދެންނެވި ހިތުގެ މަސްތަކަށް ބޭނުންވާ އޮކްސިޖަން، ބޭނުންވާ މިންވަރަށް ނުލިބުމެވެ. ކަން މިހެން ވެއްޖެ ނަމަ ހިތުގެ މަސްތައް ވަރުބަލިވެ އޭގެ މަސައްކަތް ހުއްޓޭގޮތް ވެއެވެ. އާދެ! ހިތް ހުއްޓޭގޮތް ވެއެވެ.
އިސްވެ ދެންނެވުނުފަދައިން ލޭމަތިވުމުގެ ސަބަބުން ލޭހޮޅިތައް ބޯވެއެވެ. އެހެން ކަމުން ލޭހޮޅިތަކުގެ ޖާގަ ކުޑަވެއެވެ. މި ގޮތަށް ޖާގަ ކުޑަވުމުން، ލޭހޮޅީގެ ތެރެއިން ލޭ ދައުރުކުރާ މިންވަރު މަދުވެއެވެ. ނަމަވެސް ޕުރެސަރު ދަށެއް ނުވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އަސާސީ ބައެއް ގުނަވަންތަކުގެ މަސައްކަތަަށް ހުރަސް އެޅެއެވެ. މިގޮތަށް އެންމެ ފަސޭހައިން ގެއްލުން ލިބޭ އެއް ގުނަވަނަކީ ގުރުދާ (ކިޑްނީ) އެވެ. މިކަމުގެ ސަބަބުން ގުރުދާއިން ކުރާ މަސައްކަތަށް ބުރޫއަރާ އޭގެ މަސައްކަތް ނާކާމިޔާބުވެއެވެ. އެހިސާބުން ހަށިގަނޑުގައި ދައުރުވާ ލޭގައި ވިހަ މާއްދަތައް އިތުރުވެ އިތުރު އެހެން ވޭންތަކާ އިންސާނާ ކުރިމަތިލާން ޖެހެއެވެ.
ލޭމައްޗަށް ދިއުމުގެ ސަބަބުން ލޭހޮޅިތަކަށް ލިބޭ އެކިކަހަލަ ގެއްލުން ތަކުގެ އަސަރު އިންސާނާގެ ލޮލަށް ކުރާލެއް ފަސޭހައެވެ. އެހެނީ ލޮލުގައި ހުންނަ ކުދި ކުދި ލޭހޮޅިތަކަކީ ޠަބީއީގޮތުން ބަލިކަށި ލޭހޮޅިތަކެކެވެ. މިގޮތަށް ލިބޭ ބައެއް ގެއްލުން ތަކުގެ ނަތީޖާއެއްގެ ގޮތުން ލޮލުގެ ފެނުމަށްވެސް އަސަރުކުރެއެވެ.
މީގެ އިތުރުންވެސް، ލޭމައްޗަށް ދިއުމުގެ ސަބަބުން އެތަކެއް ގެއްލުން ތަކެއް ކުރިމަތިވެދާނޭ ކަމުގެ ހަބަރު، ސިއްހީ މާހިރުން އަންނަނީ އަބަދުވެސް ދެމުންނެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ރަނގަބީލަކަށް އަޅުގަނޑުމެންނަށް ބީރުކަންފަތެއް ދެވޭކަށް ނެތެވެ.
