ވ. ރަކީދޫގައި ސްޓެލްކޯއިން ހިންގި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުއާއި އެކު އެރަށުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ދިނުމުގެ މަސައްކަތް ކުރި އަރާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަކީދޫއަށް ކަރަންޓުގެ ޙިދުމަތް މިހާރު ފޯރުކޮށްދެނީ ހައިބްރިޑް ޕީވީ-ބެސް-ޑީޖީ ސިސްޓަމް ބޭނުންކޮށްގެން ކަމަށެވެ.

މިއާއެކު މިހާރު އެރަށަށް ކަރަންޓު ދިނުމަށްޓަކައި ބޭނުންކުރާ ޖަނަރޭޓަރު ހިންގަން ޖެހޭނީ ދުވާލަކު އެންމެ 2 ގަޑިއިރު ކަމަށާއި ބާކީ ހަކަތަ އުފައްދަނީ ސޯލާ އަދި ބެޓެރީ ސްޓޯރޭޖް ބޭނުންކޮށްގެން ކަމުގައި ފަހުމީ ފާހަގަކުރެއްވި އެވެ.

ފަހުމީ ވިދާޅުވީ، މިއީ ރާއްޖޭގެ %33 ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ހަކަތަައިގެ ލަނޑުދަނޑިތައް ކުރިއެރުވުމުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ސިސްޓަމްތަކާއި ބެޓެރީ އެނާޖީ ސްޓޯރޭޖް ހިމެނޭ ގޮތަށް މިހާރު ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢަކީ ސްޓެލްކޯގެ ފުރިހަމަ ހަރަދުގައި ހިންގާ އައު މަޝްރޫއެއް ކަމަށާއި މި މަޝްރޫޢުގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތަކަށް ރާއްޖެ ގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕާއި ތަޞައްވުރު ހާމަވެގެންދާ ކަމަށެވެ.

މީގެ ކުރިން އެރަށުގައ މިފަދަ މަޝްރޫއުއެއް އޭޑީބީއިން ކުރިޔަށް ގެންދަން މަސައްކަތް ކުރި ނަމަވެސް އެ ޕްރޮޖެކްޓަށް ތަރައްޤީކުރި އިންފްރާސްޓްރަކްޗަރ ވަނީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަންވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.