2024 ވަނަ އަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެއްވަނަ ދުވަހުން ފެށިގެން މި ހިނގާ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،803،823 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.2 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،651،706 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ދުވާލަކު އެވްރެޖްކޮށް ރާއްޖެއަށް 5،483 ފަތުރުވެރިން ޒިޔާރަތްކުރާއިރު ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހަތް ދުވަސް ހޭދަކުރެއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް 248،564 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު ތިންވަނާގައި އޮތް މާކެޓެެވެ. ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ، ރަޝިއާ މާކެޓުންނެވެ. އެ މާކެޓުން ރާއްޖެއަށް މިހާތަނަށް 202،136 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން މި މުއްދަތުގައި 156،944 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
މި ލިސްޓުގައި ދެން ހިމެނެނީ، އިޓަލީ، ޖަަރުމަނުވިލާތް، އިންޑއިާ، އެމެރިކާ ފްރާންސް، ސްވިޓްޒަލޭންޑްގެ އިތުރުން ސްޕެއިންއެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،253 ތަނަކަށް މިހާރު ހުއްދަ ދީފައިވާއިރު، އޭގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ 1،242 ތަނަކުންނެވެ. އެއީ 171 ރިސޯޓާއި، 14 ހޮޓަލާއި، 902 ގެސްޓްހައުސްގެ އިތުރުން 155 ސަފާރީއެވެ.
