އިންޑިއާގައި ކޮންޓްރޯލެއް ނެތި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުން އެނދާއި އޮކްސިޖަން ހުސްވަމުން ދާތީ އެކި ފަރާތްތަކުން ދަނީ އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންޑިއާގެ ފިލްމީ ތަރިންވެސް ވަނީ އާންމުންނަށް އެހީތެރިވާން ފަށާފައެވެ.

އަކްޝޭ ކުމާރާއި ޓުވިންކަލް ކަންނާ ވަނީ 100 އޮކްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފައެވެ. އަކްޝޭ މީގެ ކުރިންވެސް ވަނީ އާންމުންނަށް އެހީތެރިވުމަށްޓަކައި ގޯތަމް ގަމްބީރް ފައުންޑޭޝަނަށް 1 ކްރޯޑް ރުޕީސް ހަދިޔާކޮށްފައެވެ. އަޖޭ ދޭވްގަން މިހާރު މިވަނީ 20 އެނދުގެ އައިސީޔޫއެއް ޤާއިމުކުރަން ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީ.އެމް.ސީ) އަށް 1 ކްރޯޑް ރުޕީސް ހަދިޔާކޮށްފައެވެ. މި އައިސީޔޫ ޤާއިމްކުރަނީ މުމްބާއީ ޝިވާޖީ ޕާކް ސަރަހައްދުގައި ކަމަށްވެއެވެ.

އަކްޝޭއާި އަޖޭގެ އިތުރުން ޕްރިޔަންކާ ޗޯޕްރާއާއި ބޫމީ ޕެޑްނޭކަރް، ވިކީ ކޯޝަލް، އާލިއާ ބަޓްގެ އިތުރުންވެސް އެތައް ފިލްމީ ތަރިންނެއް ވަނީ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކާފައެވެ.