ޙަޔާތުގެ ބައިވެރިއެއް އިޙްތިޔާރު ކުރުމުގައި އެކި މީހުން ބަލަނީ އެކި ކަންކަމަށެވެ. ދީންވެރިކަމާއި މީހާގެ އަޚްލާޤަށެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމަށެވެ. ލޯބިން ތިމާއާއެކު އުޅެވޭނެ މީހަކަށެވެ. ބޭރުފުށުގެ ރީތިކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށެވެ. ކެރިފޯރުންތެރިކަމާއި މުއްސަނދިކަމަށެވެ. މީހާގެ މާލީ ހާލަތަށާއި ހަޞަބާއި ނަސަބަށެވެ. ނަމަވެސް ހަނދާންކުރަންވީ މުހިންމު ނުކުތާއަކީ، އަހަރުމެން އިޙްތިޔާރުކުރާ ބައިވެރިޔާއަކީ އަހަރުމެންގެ ދަރިންގެ ބެލެނިވެރިޔާއަށް ވާނެކެމެވެ. ދަރިންގެ މަންމައަށް ނުވަތަ ބައްޕައަށް ވާނެކަމެވެ. ޙަޔާތުގެ ބައިވެރިއެއް އިޙްތިޔާރުކުރުމުގެ ފުރުސަތު އޮތީ އަހަރުމެންނަށެވެ. މަންމައާއި ބައްޕައެއް އިޙްތިޔާރު ކުރުމުގެ ފުރުސަތު ދަރިންނަކަށް ނޯވެއެވެ. ދަރިންނަށް ރަނގަޅު މަންމައަކާއި ބައްޕައެއް ހޯދައިދިނުމަކީ އަހަރުމެންގެ ޒިންމާއެކެވެ. އެކަމަށްޓަކައި ރަނގަޅު ބައިވެރިއެއް އިޙްތިޔާރުކުރުން މުހިންމެވެ. އެއީ ދަރިން ދުނިޔެއަށް އުފަންވުމުގެ ކުރިން އެކުދިންނަށްޓަކައި އަދާކުރަން ޖެހޭ ހައްޤެކެވެ. 

ޙަޔާތުގެ ބައިވެރިއެއް އިޙްތިޔާރު ކުރާއިރު، އަހަރުމެންގެ ދަަރިންގެ ބެލެނިވެރިއެއްގެ މަޤާމަށް އެމީހަކު ފެތޭނެތޯ ބަލައިލުން މުހިންމެވެ. އިޙްތިޔާރު ކުރާ ބައިވެރިޔާއަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި ލާމަސީލު ނަމޫނާ ދައްކާނެ މީހެއްކަން ޔާޤީންކުރުމަށެވެ. ދަރިންގެ ހައްޤުގައި ޤުރުބާންވުމަށް ފަސްނުޖެހޭނެ މިހެއްތޯ ބެލުމަށެވެ. ދަރިންނަކީ ދީނަށް ލޯބިކުރާ، ނަމާދުތައް ޤާއިމްކުރާ ބަޔަކަށް ހަދަން ބޭނުންނަމަ، އެ ނަމޫނާ ދަރިންނަށް ދައްކަން ޖެހޭނެއެވެ. އެ ޢަމަލުތައް މައިންބަފައިން ފަރާތުން ދަރިންނަށް ފެންނަން ޖެހޭނެއެވެ. އަހަރުމެން ދޭ ނަސޭޙަތްތަކާއި އެއްގޮތަށް ޢަމަލުކުރާ ބަޔަކަށް އަަހަރުމެން ވާންޖެހޭނަކަން ޤުރުއާނުގެ އަލީގައިވެސް ދަލީލު ލިބެއެވެ. 

‫یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفۡعَلُونَ﴿ ٢ ﴾‬ ‫كَبُرَ مَقۡتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفۡعَلُونَ﴿ ٣ ﴾‬ (61:2-3)

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، ﷲގެ ޙަޟުރަތުގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ." 

 

ހެޔޮ ކަންތައްތައް ކުރުމުގައި ނަމޫނާ ދެއްކުމުގެ އިތުރުން، އިޙްތިޔާރު ކުރާ ޙަޔާތުގެ ބައިވެރިޔާއަކީ ދަރިންގެ ޙަޔާތަށް ރަނގަޅު ނަމޫނާއެއް ދައްކާނެ މީހުން، ދަރިފުޅުގެ ދިރިއުޅުމަށް ތަޢާރަފު ކުރުމަށް ސަމާލުކަން ދޭ މީހެއްތޯ ބެލުންފަދަ ކަންކަމަށް ނަޒަރު ހިންގާލުން މުހިންމެވެ. ރަނގަޅު ހެޔޮ ބަދަލުތަކެއް، އެ މީހުންގެ ކިބައިން ދަރިންނަށް ކުރާނެ މީހުން، ރޯލް މޮޑެލުން ގޮތުގައި ދަރިފުޅަށް ތަޢާރަފު ކޮށްދޭނެ ބެލެނިވެރިއަކަށްް އެމީހަކު ވޭތޯއެވެ. މާތް ވެގެންވާ ރަސޫލުންނާއި ލޮބުވެތި އަޞްޙާބުންގެ ސީރަތާއި ވާހަކަތައް ދަރިންނަށް ބުނެދޭން ޖެހެއެވެ. ރަނގަޅު ރޯލްމޮޑެލުންގެ ވާހަކަ ދަރިންނަށް ކިޔައިދެވޭނީ އެ ޝަހުސިއްޔަތުންގެ ވާހަކަތައް އަހަރުމެންނަށް އެނގޭނަމައެވެ. އިސްލާމްދީނުގައިވާ ވަރުގަދަ ޝަހުސިއްޔަތުންގެ ދާސްތާންތައް، ދަރިންނަށް އެމީހެއްގެ ފަރާތުން އެނގޭނެ މީހަކަށް އަހަރެމެންގެ ޙަޔާތުގެ ބައިވެރިޔާވުން މުހިންމު ނޫން ހެއްޔެވެ؟ އަޙްޒާބު ސޫރަތުގެ 21 ވަނަ އާޔަތުގައި ވެއެވެ. 

‫لَّقَدۡ كَانَ لَكُمۡ فِی رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةࣱ لِّمَن كَانَ یَرۡجُوا۟ ٱللَّهَ وَٱلۡیَوۡمَ ٱلۡـَٔاخِرَ وَذَكَرَ ٱللَّهَ كَثِیرࣰا﴿ ٢١ ﴾‬ (33:21)

"ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ."

 

ހަމަމިއާއެކު، ދަރިންގެ ބެލެނިވެރިޔާގެ މަޤާމަށް 'ފިޓު' ވާ މީހަކަށް ޙަޔާތުގެ ބައިވެރިޔާވޭތޯ ޔަޤީންކުރުމުގައި ބެލިދާނެ އެތައް ކަމެއް އެބަހުއްޓެވެ. އެއީ ކުދިންގެ ރައްކާތެރިކަން ކަށަވަކުރާ، ހުރިހާ ގެއްލުންތަކުން އެ ދަރިން ރައްކާތެރިކުރާނެ މީހެއްތޯއެވެ. އެ ދަރިންނަަށް އޯގާތެރި، އެ ކުދިންނަށް އަޅާލާ އެންމެ ހައްޤު ލޯބި ދިނުމުގެ ކުޅަދާނަކަން ހުރި މީހެއްތޯއެވެ. އަނިޔާވެރިކަމާއި ޖާހިލުކަމުން ދުރުގައިވާ، ސުލްޙަވެރިކަމާއި ކުލުނާއި ލޯބި އިސްކުރާ މީހެއްތޯއެވެ. ދަރިންނަށް އަޑުލައި ހެދުމުގެ ބަދަލުގައި، ރިވެތި ގޮތުގައި އެކުދިންނަށް ކަންކަން އިސްލާހު ކުރުމަށް ނަސޭހަތްދޭނެ މަންމައެއްތޯއެވެ. ނުވަތަ ބައްޕައެއްތޯއެވެ. ދަރިންނަށް ރަނގަޅު ގޮތް ބުނެދީ، ރަނގަޅު އެކުވެރިން އިޙްތިޔާރުކުރުމަށް ލަފާދޭ ބެލެނިވެރިއެއްތޯއެވެ. 

އިޙްތިޔާރު ކުރާ ބައިވެރިއަކީ އަނިޔާވެރި، އެއްވެސް ރަޙުމެެއް ނެތް މީހެއްނަމަ އެ މީހެއްގެ ފަރާތުން އަހަރުމެންގެ ދަރިންނަށް ފެންނާނީ ކޮން މަންޒަރުތަކެއް ހެއްޔެވެ؟ އަނިޔާވެރިކަމާއި ހިތްހަރުކަމެވެ. ލޯތްބާއި ކުލުނުގެ ބަދަލުގައި ފެންނާނީ ރުޅިވެރިކަމާއި ނަފްރަތެވެ. އަޑުއިވޭނީ ރުއްކުރު ޖުމުލަތަކެވެ. ލިބެން ޖެހޭ ލޯބިން އެކުދިން ތިބޭނީ މަޙްރޫމުވެފައެވެ. މީގެ އިތުރުން، ދީނީ ވާޖިބުތަކަށް ފަރުވާކުޑަ ބައިވެރިއެއް އަހަރުމެންގެ ދަރިންގެ ބެލެނިވެރިޔާއަށް ވެއްޖެނަމަ، އެ ކުދިންނަށް ޅައުމުރުގައިވެސް ދަސްވާނީ ދީނާ ދުރުވުމަށެވެ. ދީނީ ވާޖިބުތަކަށް ފަރުވާލެއް ނުބެހެއްޓުމަކީ 'އޯކޭ' ކަމެއް ގޮތުގައި އެ ކުދިންނަށް ޤަބޫލު ކުރެވެން ފަށާނެއެވެ. ނާމާދު ޤާއިމް ކުރުމާއި، ޤުރުއާން ކިޔެވުމުގެ އިތުރުން އައުރަ ނިވާކުރުން ފަދަ ކަންކަމަށް އަހަށްމިއްޔަތުކަން ދޭންވީ މިންވަރު އެކުދިންނަށް ވަޒަނެއް ނުކުރެވޭނެއެވެ. ހަމަމިއާއެކު، ދަރިން އުޅޭނެހާ ގޮތަކަށް އުޅުމަށް ދޫކޮށްލައިގެން ހުންނަން ވަރިހަމަ މީހަކާ ކައިވެނި ކުރެވިއްޖެނަމަ، އެ ކުދިން އިޙްތިޔާރުކުރާ ރާސްތާ ގޯސްވާކަށް މާ ގިނަ ދުވަހެއް ނުނަގާނެއެވެ. ގޯސް އެކުވެރިންނާއެކު އުޅެމުންގޮސް، ގޯސް ޢަމަލުތަކުގެ ޝިކާރައަކަށް ވާން ފަޅި ސިކުންތެއް ނަގާނެ ހެއްޔެވެ؟ މިއީ ވިސްނާލުން މުހިންމު ކަންކަމެވެ. ދަރިންނަށް ހެޔޮލަފާ މަންމައަކާއި ބައްޕައެއް ހޯދައިދިނުމަކީ އަހަރުމެންގެ ޒިންމާއެކެވެ. ޙަޔާތުގެ ބައިވެރިއެއް އިޙްތިޔާރުކުރުމުގައި ރަނގަޅު ނިންމުނަތަށް ނިންމުމަށް އިސްކަން ދޭންވީ މިހެންވެއެވެ. މިއަދު އަހަރުމެންގެ ޙަޔާތުގެ ބައިވެރިޔާއަކީ މާދަމާ އަހަރުމެންގެ ދަރިންގެ ބެލެނިވެރިންނަށް ވާނެތީއެވެ.