ހަކުރު ބަލި ޖެހުމުން އިންސާނާގެ ހަށިގަނޑުގެ ގިނަ ކަންތައްތަކަށް ނޭދެވޭ އަސަރު ކުރާއިރު، އޭގެ ތެރޭގައި ދަރިމައިވުމުގެ ނިޒާމަށް ކުރާ އަސަރުތައްވެސް ހިމެނެއެވެ. ނިއުބަރގް ޑައިގްނޯސްޓިކްސްގެ ޑރ. މޮނިކާ ކުމްބަތް ބުނާ ގޮތުގައި މި ބަލި ފިރިހެނުންނާއި އަންހެނުންގެ ދަރިމައިވުމުގެ ގާބިލުކަމަށް ތަފާތު ގޮތްގޮތުން އަސަރުކުރެއެވެ.

އަންހެނުންނަށް ބަލާއިރު، ހާއްސަކޮށް ޓައިޕް 2 ހަކުރު ބަލީގެ ސަބަބުން ހޯމޯން ބެލެންސް ގެއްލި، މާބަނޑުވުމަށް ދަތިވެއެވެ. އިންސިއުލިން ރެސިސްޓެންސްގެ ސަބަބުން އެންޑްރޮޖެން ލެވެލް މައްޗަށް ގޮސް، ރިޕްރޮޑަކްޓިވް ހޯމޯންތަކަށް އަސަރުކުރެއެވެ. މީގެ އިތުރުން، ޕީސީއޯއެސް ޖެހުމުގެ ފުރުސަތު ބޮޑުވެ، މަހުވާރީ ސައިކަލްއަށް ބަދަލު އާދެއެވެ. އަދި ހަކުރު ބަލި ރަނގަޅަށް ކޮންޓްރޯލް ނުކުރެވޭ އަންހެނުންނަށް ވިހެއުމުގެ ކުރިން ދަރިފުޅު ގެއްލުމުގެ ފުރުސަތު ބޮޑުވެއެވެ.

ފިރިހެނުންނަށް ބަލާއިރު، ހަކުރު ބަލީގެ ސަބަބުން ޓެސްޓޮސްޓެރޯން ލެވެލް ދަށްވެ، އިރެކްޓައިލް ޑިސްފަންކްޝަން ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. މީގެ އިތުރުން، މަތީ ލެވެލްގައި ހުންނަ ހަކުރުގެ ސަބަބުން ސްޕަރމްގެ ކޮލިޓީއަށް އަސަރުކޮށް، ދަރިން ލިބުމުގެ ފުރުސަތު ކުޑަވެއެވެ. އަދި ނާރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ރެޓްރޯގްރޭޑް އިޖެކިއުލޭޝަން ޖެހުމުގެ ފުރުސަތުވެސް އޮވެއެވެ.

ދަރިން ބޭނުންވާ މައިންބަފައިންނަށް ޑޮކްޓަރުން ދޭ ލަފާގައި، ބަނޑުބޮޑުވުމުގެ ކުރިން ހަކުރު ބަލި ރަނގަޅަށް ކޮންޓްރޯލް ކުރުމަށް އިސްކަންދިނުމަށް ބާރުއަޅައެވެ. އެޗްބީއޭވަން ސީ ލެވެލް 6.5 ޕަސަންޓަށްވުރެ ދަށުގައި ބެހެއްޓުމަށް ލަފާދެއެވެ. އަދި ހަކުރު ބަލި ހުންނަ މީހުން ބަނޑުބޮޑުވުމުގެ ކުރިން ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި، ފޯލިކް އެސިޑް، އޮމެގާ-3 ފެޓީ އެސިޑް އަދި އެންޓިއޮކްސިޑެންޓްސް ފަދަ ސަޕްލިމެންޓްތައް ބޭނުންކުރުމަށް ލަފާދެއެވެ.

ހަކުރު ބަލި ހުންނަ މީހުން ދަރިމައިވުމުގެ ކަންތައްތަކުގައި ސަމާލުވާންޖެހޭ އެންމެ މުހިންމު ކަމަކީ ހަކުރު ބަލި ރަނގަޅަށް ކޮންޓްރޯލް ކުރުމެވެ. މީގެ އިތުރުން ރަނގަޅު ކާނާ ބޭނުންކުރުމާއި، ގަވާއިދުން ކަސްރަތު ކުރުމަކީވެސް މުހިންމު ކަންތައްތަކެވެ. އަދި ބަނޑުބޮޑުވުމުގެ މުއްދަތުގައި ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި، ހަކުރު ލެވެލް ބެލެހެއްޓުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.