މިފަހަކުން ފުޓްސަލް ދަނޑުތަކުން ފިޔަޖަހަމުން އަންނަ ޢަލީ ޝާޒް ހަބީބަކީ ގއ.ގެމަނަފުއްޓަށް އުފަން، ކުޅަދާނަ ފުޓްސަލް ކުޅުންތެރިއެކެވެ. ރާއްޖޭގެ ކުޅިވަރުތަކުގެ ތެރެއިން އެންމެ ގަދަޔަށް ވައިގައިހިފަމުން އަންނަ ކުޅިވަރުކަމުގައިވާ ފުޓްސަލްގެ މައިދާނުން ޖަރީވަމުން އަންނަ ޝާޒްއަކީ ދަނޑުމައްޗަށް ފަރިތަ، ރާއްޖޭގެ ފުޓްސަލް ކިންގުންނާއެކު ފާހަގަކޮށްލެވޭ މެޗުތަކެއް ކުޅެފައިވާ، އަދި ކުޅެމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ. އެކި މުބާރާތްތަކުން ލޯތަކަށް ފަރިތަވަމުން އަންނަ މޫނެކެވެ. ފުޓްސަލްގެ ލިސްޓަށް އިތުރުވެފައިވާ ހުނަރުވެރި 'އެސެޓެކެވެ.'

އާއިލާއާއި ރައްޓެހިން ސިފަކުރާ ގޮތުގައި މަޖާ މިޒާޖެއްގެ، އެންމެނާވެސް ގުޅޭ ޝާޒްއަކީ މޮޅު ކުޅުމެއް ދައްކާ ހުނަރުވެރި އަދި އިންސާފުވެރި ކުޅުންތެރިއެކެވެ. ހުނަރުން ފުރިފައިވާ، ހިތްވަރާއެކު ގަދައަޅާ މަސައްކަތް ކުރާ ޒުވާނެކެވެ. ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ޤާބިލިއްޔަތު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންވެސް އެންމެ ފުރިހަމައަށް ހިފާ ކުޅުންތެރިއެއް ކަމަށްވެސް ފާހަގަކުރެއެވެ. މިހާރު ކުރިޔަށްދާ ގޮތަށް ކުރިޔަށްދާނަމަ، ރާއްޖޭގެ ފުޓްސަލް ކިންގުންނާ އެއްހަމައަކަށް ޝާޒްއަށް ދެވޭނެކަމަށް އެ ފަރާތްތަކުން ޤަބޫލުކުރެއެވެ. މީގެ އިތުރުން، ޝާޒްއާއެކީ ފުޓްސަލްގެ މައިދާނުގައި ކުޅެމުން އަންނަ ކުޅުންތެރިން ފާހަގަ ކުރާ ގޮތުގައި، 'ގޭމް' ދެނެގަނެ، ކުޅުންތެރިން ދަސްކޮށް 'ރީޑް' ކުރުމަށްފަހު އެންމެ އެކަށީގެންވާ ގޮތަށް ކުޅުން ބައްޓަން ކުރުމުގެ އާދަޔާޚިލާފް އުކުޅެއް ޝާޒްގެ ކިބައިގައި ހުރެއެވެ.

ދަނޑުމަތީގެ ފަރިތަކަމާއި، ބޯޅަ ގެންގުޅޭ މޮޅެތި ގޮތްތަކާއި ޝާޒްގެ ޤާބިލިއްޔަތަކީ ޓީމަށް ވަރަށް ބޮޑު ފައިދާއަކަށްވާއިރު، ޝާޒްއަކީ އިދިކޮޅު ޓީމަށް ހިފަހައްޓަން އުނދަގޫ، އެ ޓީމުގެ ކުޅުމަށް ގޮންޖެހުންތައް ކުރިމަތިކުރުވުމާއެކު، ވާދަވެރިކަން އިތުރުކޮށްދޭ ވާދަވެރިއެއްކަމަށްވެސް ސިފަކޮށްފައިވެއެވެ. ހަމަމިއާއެކު، އެންމެ މުހިންމު ކަމެއް ގޮތުގައި، ޝާޒްއަކީ ލީޑަރެއްކަމަށް އެ ކުޅުންތެރިން ފާހަގަކުރެއެވެ. ކޮންމެ ކަހަލަ ޕްރެޝަރެއް އަދި ގޮންޖެހުމެއްވެސް ވިސްނުންތެރިކަމާއެކު ހައްލުކޮށް، އެ ޕްރެޝަރަކާ ކުރިމަތިލުމުގެ ޤާބިލުކަން ހުންނަކަންވެސް ބުނެދީފައިވެއެވެ. މިއީ އުމުރުން ހަގު އަދި ޒުވާން ކުޅުންތެރިއެއްގެ ކިބައިގައި ހުރި، ފާހަގަ ކުރުން ހައްޤު އުކުޅުތަކަކާއި ސިފަތަކެކެވެ. ފަވާލުން ހައްޤު ހުނަރުތަކަކާއި ޤާބިލިއްޔަތުކަމެވެ.

ޝާޒް ދެކޭގޮތުގައި ފުޓްސަލްއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ކުރިއަރާފައިވާ ކުޅިވަރެވެ. ޝާޒް ސިފަކުރާ ގޮތުގައި ފުޓްސަލްއަކީ މިހާރު ރާއްޖޭގެ އެންމެ 'ޓޮޕް ސޮޕޯޓެ'ވެ. ފުޓުބޯޅައަށްވުރެ ބޮޑު ތަރުހީބެއް މިހާރު އޮންނަނީ ފުޓްސަލްއަށެވެ. ކުރިއެރުން ބޭނުންނަމަ ފުޓްސަލްއަކީ ވަރަށް 'ސަޅި' އަދި ރަނގަޅު ދާއިރާއެއް (ޕްލެޓްފޯމެއް) ކަމަށް ޝާޒް ފާހަގަކުރެއެވެ. ސުކޫލު ދައުރުން ފެށިގެންވެސް މަގުތައް މަތީ އަބަދު ފުޓްބޯޅަ ކުޅެމުން އައި ޝާޒްއަށް ފުޓްސަލްގެ ތެރެއަށް ވަދެވުނީ ސުކޫލު ނިންމި އަހަރު އިންޓަރ ހައުސްގައި ކުޅެވުނު ފުޓްސަލް މުބާރާތުންނެވެ. އެއީ 2019ވަނަ އަހަރު ސުކޫލުގައި ބޭއްވުނު ފުޓްސަލް ޓޯނަމެންޓުންނެވެ. ފުޓްސަލްއިން ލިބުނު އެންމެ ފުރަތަމަ ކާމިޔާބީއަކީ އެ އިންޓަރހައުސް ފުޓްސަލް މުބާރާތުން ޗެމްޕިއަންސްކަން ލިބުމާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ (ބެސްޓް ޕްލެޔަރ އޮފް ދި ޓޯނަމެންޓް) މަޤާމުގެ އިތުރުން، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ލަޤަބާއި (ޓޮޕް ސްކޯރަރ)، އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ޝަރަފު ލިބުންކަމުގައި ޝާޒް ފާހަގަކުރެއެވެ. އަދި އެ މުބާރާތުގެ އެކި މެޗްތަކުގައި 'މޭން އޮފް ދި މެޗް' ވެސް އޭނާއަށް ލިބިފައިވެއެވެ.

       

ރަށު ފެންވަރުގައި ބޭއްވުނު މުބާރާތަކުން އެންމެ ފުރަތަމަ ޝާޒްއަށް ލިބުނު ކާމިޔާބީއަކީ 2019 ވަނަ އަހަރު ގެމަނަފުށީގައި ބޭއްވުނު ކައުންސިލް ކަޕްގައި ގެމަނަފުށީގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު 5 ކުޅުންތެރިން އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހާސިލްކުރުމެވެ. ފުޓްސަލްގެ މައިދާނަށް ހިތްޖެހިފައިވާ ޝާޒްގެ ރޯލް މޮޑެލްއަކީ ފުޓްސަލް ދަނޑުތަކުގައި ރަން އަކުރުން ނަން ފަވާލާފައިވާ އަލީ ހާފިޒް - ހާއްޕެއެވެ. 

2019 ވަނަ އަހަރު ފެށުނު މި ބާބުގައި ޝާޒްވަނީ މިހާތަނަށް ގިނަ މުބާރާތްތަކެއްގައި ބައިވެރިވެފައެވެ. މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކައި، ގިނަ ކާމިޔާބީތަކެއްގެ ހިއްސާދާރަކަށް ވެފައެވެ. މުހިންމު ފައިދާތަކެއް އަދި މޮޅުތަކެއް ޓީމުތަކަށް ހޯދައިދިނުމުގެ ޒަރީޢާއަކަށްވެފައެވެ. މިހާތަނަށް ޝާޒްގެ ބައިވެރިވުން ފެނިފައިވާ މުބާރާތްތަކުގެ ތެރޭގައި ގެމަނަފުށީ ކައުންސިލް ފުޓްސަލް ޓޯނަމެންޓް (ޖީ.ސީ.އެފް.ޓީ) 2019، ޖީ.ސީ.އެފް.ޓީ 2022 އަދި ޖީ.ސީ.އެފް.ޓީ 2024 ހިމެނެއެވެ. މީގެ އިތުރުން، ލިބޭ ފުޓްސަލް ޓޯނަމެންޓް 2020، ވަގުތު ފުޓްސަލް ޓޯނަމެންޓް 2020، ހިޔަލަ ކަޕް 2021، މަޅި ޓޯނަމެންޓް 2021، ފޭމް ޔޫ19 ޔޫތް 2021، ޓީ.އެން.ޓީ 2022 އާއި ގޯދިއްޔަ 2022، ޓީ.އެފް.ޓީ 2022 އަދި ވޭލި ފުޓްސަލް 2023 ހިމެނެއެވެ. ހަމައެހެންމެ، ޓީ.އެފް.ޓީ ފުޓްސަލް 2024، ޓީ.އެން.ޓީ ޔޫ23 2024 އާއި ގެމަނަފުށި ސްޕޯޓްސް ތްރީ.އޮން.ތްރީ (3on3) 2023 ގައި ޝާޒްގެ ބައިވެރިވުން ފެނިގެން ދިޔައިރު، ތްރީ.އޮން.ތްރީ 2024 އާއި ޔޫ30 ކަޕް 2024ގައިވެސް އޭނާގެ ފުރިހަމަ ކުޅުން ފެނިގެން ދިޔައެވެ. ހަމަމިއާއެކު، ގޯލްޑަން ފުޓްސަލް 2021، 2022، 2023 އަދި 2024ގައި ޝާޒްގެ ހުނަރުވެރިކަން ވަނީ އެތަށް ބައެއްގެ ސަމާލުކަން ހޯދާފައެވެ. އެންމެފަހުން ޝާޒް ފެނިގެން ދިޔައީ ކުޅުދުއްފުށީ ސިޓީ ޒިގްޒެގް ޓޯނަމެންޓް 2024 ގައެވެ. ޒުވާން ކުޅުންތެރިއެއްގެ ބައިވެރިވުން ދައްކާފައިވާ އެތަށް މުބާރާތެކެވެ. މި ކޮންމެ މުބާރާތެއްގައި ޝާޒްގެ ބައިވެރިވުން ފެނިގެން ދިއުމުން ދޭހަވަނީ، ފުޓްސަލްއަށް ޝާޒްގެ ހިތުގައި އޮންނަ ލޯތްބާއި ދާއިރާއިން ކުރިޔަށް ދިއުމަށް އޮންނަ އުންމީދާއި ޖޯޝެވެ.

ކޮންމެ ރާސްތާއެއްގައިވެސް ކޮންމެވެސް އުނދަގޫތަކާއި ގޮންޖެހުން ހުންނަ ބީދައިން، ޝާޒްގެ ފުޓްސަލް ދަތުރަކީވެސް ލޮލަށް ފެންނަހާ ފަސޭހަ ދަތުރެއް ނޫނެވެ. ކާމިޔާބީގެ މަގުގައި މި ކުޅުންތެރިޔާވެސް ކުރިމަތިލާ ގޮންޖެހުންތައް އެބަހުއްޓެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ގޮތުގައި ޝާޒް ފާހަގަ ކުރަނީ ވަޒީފާއާއި މުބާރާތްތައް އެއްފަހަރާ މެނޭޖް ކުރުމެވެ. ވަޒީފާގެ ގޮތުން ދެ ކަންތައް އެއްފަހަރާ ކުރަން އުނދަގޫ ކަމަށާއި، ރަށުން ބޭރުގައި އޮނަން މުބާރާތްތަކަށް ދާން ޖެހޭނީ ޗުއްޓީ ނަގައިގެން ކަމަށާއި، އެގޮތަށް މުބާރާތަކަށް ދެވެނީވެސް މަދު ފަހަރަކު ކަމުގައިވުމަކީ ދާއިރާގައި ކުރިމަތިވާ ގޮންޖެހުމެކެވެ. ކޮންމެ ކުޅުންތެރިއެއްވެސް ބޭނުންވާނީ ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށެވެ. ހުނަރު ތަރައްޤީކޮށް ތަޖުރިބާ އިތުރު ކުރުމަށެވެ. އެކަމަށް ފުށުއެރުމަކީ ކުރިމަތިވާނެ ދަތިކަމެއްކަން ޔަޤީނެވެ. 

         

ނަމަވެސް އެ ގޮންޖެހުމާއެކުވެސް ޝާޒްގެ ޖޯޝާއި ފޯރިއަށް ބަދަލެއް ނާދެއެވެ. ލިބޭ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމުގެ މުހިންމުކަން އެ ކުޅުންތެރިޔާއަށް ވަޒަން ކުރެވެއެވެ. އެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމުގައި ފަރުވާ ކުޑަ ކުރުމަކީ ޝާޒް ދަންނަކަމެއް ނޫނެވެ. ބަހަނާތަކުގެ ފަހަތުގައި ފިލުމަކީ ޝާޒްއަށް އަދި އެނގޭކަމެއް ނޫނެވެ. ހިތްވަރުއެލުވާލުމަކީ ޝާޒްއަށް ދަސްވެފައިވާ ކަމެއްވެސް ނޫނެވެ. 'ނޭނގެ' އަދި 'ނުވާނެ' އަކީ ޝާޒްގެ ރަދީފުގައި އޮންނަ ލަފުޒުތަކެއް ނޫނެވެ. ކުރިމަތިވާ ގޮންޖެހުންތަކާއި ނާކާމިޔާބީއާއެކުވެސް، ހިތްވަރާއި މިންނަތުން ކުރާ މަަސައްކަތުގެ ނަތީޖާ ވަރަށްވެސް ފުރިހަމައެވެ. ފުޓްސަލްގެ މައިދާނުން ޝާޒްއަށް ލިބިފައިވާ ކާމިޔާބީތައް ނުހަނު ގިނައެވެ. އޭގެ ތެރޭގައި ގެމަނަފުށި ކައުންސިލް ފުޓްސަލް ޓޯނަމެންޓް 2019 ގައި ގެމަނަފުށި ބެސްޓް ޕްލެޔަރ (އެންމެ މޮޅު ކުޅުންތެރިޔާ)، ޓޮޕް ސްކޯރާ (އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ) އަދި ބެސްޓް 5 (އެންމެ މޮޅު 5 ކުޅުންތެރިން)ގެ ޝަރަފު ލިބުން ހިމެނެއެވެ. މީގެ އިތުރުން، ފޭމް ޔޫތް 2021 ގައި ރަނަރަޕްކަން ލިބިފައިވާއިރު، ޖީ.ސީ.އެފް.ޓީ 2022ގައި ޗެމްޕިއަންސްކަމާއި، ބެސްޓް ޕްލެޔަރ މަޤާމު ލިބުމާއެކު އެންމެ މޮޅު 5 ކުޅުންތެރިން ތެރޭގައި ޝާޒްވަނީ ހިމެނިފައެވެ. ހަމައެހެންމެ، ވޭލި ފުޓްސަލް 2023 ގައި ރަނަރަޕްސް ގޮތުގައި ނިމިގެން ދިޔައިރު، ގޯލްޑެން ފުޓްސަލް 2023ގައި ޓޮޕް ސްކޯރާގެ އެވާޑް ކަށަވަރު ކުރިއެވެ. އަދި ނިމުނީއެއް ނޫނެވެ. އަދިވެސް އެ ކާމިޔާބީގެ ދާސްތާން އޮތީ ކުރިއަށެވެ. ތްރީ.އޮން.ތްރީ 2023ގައި ޗެމްޕިއަންސް، އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު 3 ކުޅުންތެރިން އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ހަޤުދާރަށް ވެފައިވަނީ ގެމަނަފުއްޓަން އުފަން އަލީ ޝާޒް ހަބީބެވެ.

ހަމަމިއާއެކު، ޔޫ15 ކަޕް 2023ގައި އެންމެ މޮޅު ކޯޗުގެ ގޮތުގައި ހޮވިފައިވާއިރު، ގޯލްޑަން ފުޓްސަލް 2024 އެޓޯލް ރައުންޑުގައި ރަނަރަޕްކަން ވަނީ ލިބިފައިވެއެވެ. ނިމުމަކަށް މިދާ 2024ވަނަ އަހަރަކީވެސް ފުޓްސަލްގެ މައިދާނުގައި ޝާޒްއަށް އުސްއަލިތަކަށް ވާސިލްވެވިފައިވާ، ކާމިޔާބު އަހަރެއްކަން ފާހަގަ ކުރަނީ އުފަލާއެކުގައެވެ. އެގޮތުން ޖީ.ސީ.އެފް.ޓީ 2024 ގެ ޗެމްޕިއަންސްއާއި، ޔޫ30 ކަޕް 2024ގެ ރަނަރަޕްކަން ލިބިފައިވުމާއެކު، ޝާޒްވަނީ އެ މުބާރާތުގެ ޓޮޕް 5އިން ޖާގަ ހޯދާ، ޓޮޕް ސްކޯރާގެ މަޤާމުވެސް ހޯދާފައެވެ. ހަމަ މިނޭވާގައި، ތްރީ.އޮން.ތްރީ 2024ގެ ޗެމްޕިއަންސްކަމާއި، ބެސްޓް ޕްލޭޔަރގެ މަޤާމުން ގޮސް، ޓޮޕް 3 އަދި ޓޮޕް ސްކޯރާގެ ގިންތީގައި ޝާޒްގެ ނަން ރަން އަކުރުން ފެވިފައިވެއެވެ. ދެންވެސް އޮތީ ކާމިޔާބީގެ ރަން ލިސްޓުގައި ޝާޒްގެ ނަން ތަކުރާރުވީ މުބާރާތެކެވެ. އެސް.ޓީ.އޯ އިންޓަރ ޑިޕާޓްމެންޓް 2024ގައި، ބެސްޓް ޕްލެޔަރ، ޓޮޕް ސްކޯރާ އަދި ޓޮޕް 5ގައި ޝާޒްގެ ނަން އިޢުލާން ކުރެވިގެން ދިޔައިރު ޗެމްޕިއަންކަންވެސް ލިބިފައިވަނީ އެ ޓީމަށެވެ. މީގެ އިތުރުންވެސް މުބާރާތްތަކުގެ އެކި މެޗުތަކުން، މޭން އޮފް ދި މެޗްގެ ގޮތުގައިވެސް ޝާޒްވަނީ ހޮވިފައެވެ. ހައްތަހާވެސް ކާމިޔާބީއެވެ. ކުރި ބުރަ މަސައްކަތާއި، ގައިގެ އެންމެ ހިމަނާރުން ނެރުރު ހިތްވަރާއި މިންނަތުގެ ފޮނި ނަތީޖާއެވެ. ހިތްވަރު އެލުވާލުމަށް ދެކޮޅު ހެދުުމުގެ ސަބަބުން ލޮލަށް ފެނުނު އުސްއަލިތަކެވެ. ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފިކަމުގެ ނިޝާންތަކެވެ. ފުޓްސަލްއަށްޓަކައި ހިތުގައި އޮތް ލޯބީގެ ސާފު ހެއްކާއި ގަރީނާތަކެވެ.          

      

ފުޓްސަލްގެ ދަނޑުމަތިން ލިބުނު ކާމިޔާބީތަކުގެ ތެރެއިންވެސް ޚާއްސަގޮތެއްގައި ޝާޒްއަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް އެބައޮތެވެ. އެއީ ގެމަނަފުށި ކައުންސިލް ފުޓްސަލް ޓޯނަމެންޓް 2022 ގައި ޗެމްޕިއަން ތަށި ނެގުމެވެ. އެއީ އަދި މިހާތަނަށް އެންމެ ބޭނުންވެގެން ލިބުނު ތަށިކަމުގައި ޝާޒް ފާހަގަކުރެއެވެ. ހުރިހާ ކާމިޔާބީތަކެއް ތެރެއިންވެސް މި ކާމިޔާބީ ޚާއްސަވާ ސަބަބަކީ، ރަށުގެ ގިނަ ބަޔަކާއި ވާދަކޮށް ލިބުނު ކާމިޔާބީއަކަށްވީތީއެވެ. ގާތްގަނޑަކަށް ރަށުގެ އެންމެނާއި ދެކޮޅަށް ކުޅެފައި ލިބުނު ތަށްޓަކަށްވީތީއެވެ. އެއީ އެކާމިޔާބީއަކާމެދު ފަޚުރުވެރިވުން ހައްޤު ކާމިޔާބީއެކެވެ. ޝާޒް ފާހަގަކުރާ ގޮތުގައި އެ ކާމިޔާބީތަކުގެ ސިއްރަކީ އަމިއްލަ ނަފުސަށް ކުރާ އިތުބާރާއި ޔަޤީންކަމެވެ. ހިތްވަރުއެލުވާ ނުލާ ކުރާ ބުރަ މަސައްކަތެވެ. އަމިއްލަ މީހާއަށް އެކަން ވާނެކަން ޤަބޫލުކޮށްގެން ކުރިޔަށް ދިއުމެވެ. ޝާޒް ބުނާ ގޮތުގައި، ފުޓްސަލް ދާއިރާގައި އެންމެ ބޮޑު ތަރުޙީބަކާއި ހިތްވަރެއް ލިބެނީ ބައްޕަގެ ފަރާތުންނެވެ. ކޮންމެ ޙާލަތެއްގައިވެސް ސަޕޯޓްކޮށް، ހިތްވަރުދިނުމުގައި ބައްޕަ ސާބިތުވެ ހުންނަކަން ޝާޒް ފާހަގަކުރަނީ އުފަލާއެކުގައެވެ. ހަމަމިއާއެކު، އަނބިމީހާއާއި އާއިލާގެ އިތުރުން، އެކުވެރިންގެ ފަރާތުންވެސް ވަރަށް ބޮޑު ހިތްވަރެއް ލިބޭކަން ގެމަނަފުއްޓަށް އުފަން މި ކުޅުންތެރިޔާ ހާމަކުރެއެވެ. 

ފުޓްސަލް ދާއިރާގައި ޝާޒް އެންމެ ދެކެން ބޭނުންވާ ދުވަހަކީ ގޯލްޑަން ފުޓްސަލްގެ އެޓޯލް ތަށި ގެމަނަފުއްޓަށް ހޯދައިދެވޭނެ ދުވަހެވެ. ފުޓްސަލްއިން ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި (ޓޮޕް ލެވެލްގައި) ކުޅުމަކީވެސް، ހަޤީޤަތަކަށްވުމަށް ޝާޒް ބޭނުންވާ ހުވަފެނެކެވެ. ފުޓްސަލްގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިންނަށް ޝާޒް ދޭން ބޭނުންވާ ނަސޭޙަތަކީ ޑިސިޕްލިންގައި ހިފެހެއްޓުމެވެ. ފުޓްސަލް ވިޔަސް، އަދި އެހެން ކޮންމެ ކުޅިވަރެއްވިޔަސް، ޑިސިޕްލިންނާއި އަޚްލާޤަކީ އެންމެ މުހިންމު އެކަތިކަމަށާއި، ޑިސިޕްލިންގައި ހިފެހެއްޓުމުން ކުރިޔަށް ދާނެ ކަމަށް ޝާޒް ޤަބޫލުކުރެއެވެ. އަދި މިހާރު ރާއްޖޭގެ ކުޅިވަރުގެ ކަންތައްތައް އޮތް ގޮތުން، މިއީ ވަނުމަށް އެންމެ ރަނގަޅު ދާއިރާކަމަށާއި، ރަނގަޅަށް މިކަން ކުރަން އެނގިއްޖެނަމަ ރަނގަޅު އާމްދަނީއެއްވެސް ލިބޭނެކަމަށް ފާހަގަކުރެއެވެ. ޑިސިޕްލިން ހިފަހައްޓަމުން ހިތްވަރާއެކު މަސައްކަތް ކުރުމުން ކާމިޔާބީއަށް ވާސިލްވާނެކަން ޝާޒް މިވަނީ ސާބިތު ކޮށްދީފައެވެ. ތީރު މީޑިޔާގެ ފަރާތުން ޝާޒްއަށް އެދެނީ އަބަދުވެސް ފުރިހަމަ ކާމިޔާބީއަށެވެ. ފާގަތިކަމާއި އުސްއަލިތަކުން ޖަރީވެފައިވާ މުސްތަޤުބަލަކަށެވެ. ރާއްޖޭގެ ފުޓްސަލް ލިސްޓުގައި އަމިއްލަ ޖާގަ، އަދަށްވުރެ ވަރުގަދަޔަށް ކަށަވަރުކުރާނެ ކުުޅުންތެރިޔަކަށްވުމަށެވެ. އަދަށް ވުރެ ފެހި މާދަމާއަކާއި އަދަށްވުރެ ގަދަޔަށް ފުޓްސަލްގެ ދަނޑުތަކުގައި ވިދާލާ ތަރިޔަކަށް، ޝާޒްވުމަށެވެ. ފުޓްސަލްގެ މައިދާނުގެ އިތާތަކުން ޝާޒްއަކީ އަގުހުރި މުތެކެވެ. ދާއިރާއަށް ލިބިފައިވާ މުހިންމު 'އެސެޓެކެވެ'. އެކަން ޝާޒް އެވަނީ އުމުރުން އެންމެ 21 އަހަރުގައި ސާބިތުކޮށްދީފައެވެ.