ބޮލީވުޑްގައި މިވަގުތު ހުރި އެންމެ އަގުބޮޑު ބަތަލާ ދީޕިކާ ޕަޑުކޯން ޝަކުން ބަޓްރާގެ ފިލްމަކަށް ސޮއިކުރި ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. ކޮންކަހަލަ ފިލްމެއް ކަމެއް އަދި ފިލްމުގެ ނަމެއްވެސް މީގެ ކުރިން ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގެ ނަން ބޮޑު ފޮށްޓަށް ލައި ތަޅުލާފައި ވީނަމަވެސް މިހާރު މިވަނީ ފިލްމާއި ބެހޭ ބައެއް މަޢުލޫމާތު ހާމަވެފައެވެ.

ބޮލީވުޑް ހަންގާމާއިން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމުގައި ދީޕިކާ ކުޅެނީ ފިޓްނެސް އިންސްޓްރަކްޓަރެއްގެ ރޯލެވެ. ޚަބަރުތައް ބުނާގޮތުން މި ފިލްމަކީ ސެލެބްރިޓީ ފިޓްނެސް އިންސްޓްރަކްޓަރެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަދި މި ފިލްމުގައި ކައިވެނީގެ ބޭރުން ހިންގާ ގުޅުންތަކުގެ ސަބަބުން ދިމާވާ މައްސަލަތަކެއްވެސް ކިޔައިދޭނެއެވެ. ނަމަވެސް ދަރްމާ ޕްރޮޑަކްޝަނުންވެސް އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔާ ފަރާތްތަކުންވެސް އެކަމާ ބެހޭގޮތުން އެއްޗެއް ބުނާކަށް އަދި ބޭނުމެއް ނުވެއެވެ.

ދީޕިކާ ޕަޑުކޯންއާއި ސިދާންތު ޗަތުރްވެޑީ އަދި އަނަންޔާ ޕާންޑޭއާއި ދައިރިޔާ މައިގަނޑު ރޯލުތައް ކުޅޭ މި ފިލްމުގައި އަނަންޔާއަކީ ދީޕިކާގެ ކޮއްކޮ ކަމަށްވެއެވެ. އަދި މީގެ ހަޤީޤީ މައްސަލަ ފެށެނީ އަނަންޔާގެ ބައިވެރިޔާއާއި ދީޕިކާ ގާތްވާ ހިސާބުންނެވެ. ދީޕިކާގެ ފިރިމީހާގެ ރޯލު ކުޅެނީ ސިދާންތެވެ.

ޝަކުންއަކީ އޭނާގެ ފިލްމުތަކުގެ ކެރެކްޓަރތައް ވަރުގަދަކޮށްލައި، ކެރެކްޓަރތަކުގެ މެދުގައި ވަރުގަދަ ޕްލޮޓްލައިނެއް ބާއްވާ ޑައިރެކްޓަރެއްކަން ފާހަގަކޮށްލެވެއެވެ. "އޭކް މޭ އޯރް އޭކް ތޫ" އާއި "ކަޕޫރް އެންޑް ސަންސް" އަކީ އެކަމުގެ ހެއްކެކެވެ. އޭގެ ތެރެއިންވެސް "ކަޕޫރް އެންޑް ސަންސް" އަކީ ކްރިޓިކުންގެ ތަޢުރީފު ވަރަށް ބޮޑަށް ލިބުމާއެކު ބޮކްސް އޮފީހުގައިވެސް ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ.