ހދ.ހަނިމާދޫއަށް އުފަން ނާއިލް ޔޫސުފްއަކީ ފުޓުބޯޅައިގެ މައިދާނުގައި ވިދަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ. އާއިލާއާއި ރައްޓެހިން ސިފަކުރާ ގޮތުގައި ހިތްހެޔޮ، މަޖާ މިޒާޖެއްގެ ނާއިލްއަކީ އެންމެނާވެސް ގުޅޭ، މީހުންނަށް އިޙްތިރާމްކުރާ، ރިވެތި އަޚްލާޤެއްގެ ވެރިއެކެވެ. ބުނާބަހުގެ އިތުބާރުހިފޭ، ގަޑިޔަށް ނުހަނު ފަރުވާތެރި ކުޅުންތެރިއެކެވެ. ކިޔެވުމުގެ މައިދާނަށްވެސް ކުޅަދާނަ ނާއިލްއަކީ ބަރާބަރަށް ނަމާދު ޤާއިމްކުރުމުގެ އިތުރުން، ކޮންމެ ކަމެއްގައިވެސް ދީނުގައި އޮންނަ ގޮތަށް ކަންތައްތައް ކުރުމަށް ފަރުވާތެރިކަން ބަހައްޓާ ކުއްޖެއްކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
އަވައްޓެރި ރަޙުމަތްތެރިންނާއެކީ ފުޓުބޯޅަ ކުޅެން އުޅުމުގެ ތެރެއިންނާއި، ފުޓުބޯޅަ މެޗުތައް ލައިވްކޮށް ބެލުމުގެ ތެރެއިން ފުޓުބޯޅައިގެ މައިދާނަށް ވަދެވުނު ނާއިލް ސިފަކުރާ ގޮތުގައި ފުޓުބޯޅައަކީ، ރާއްޖެއަށް ފުޓުބޯޅަ ތަޢާރަފުވީ ދުވަހުން ފެށިގެން، މިއަދާހަމައަށްވެސް އެންމެ ބޮޑު ތަރުޙީބެއް އޮންނަ ކުޅިވަރެވެ. އެންމެ ބޮޑު 'ފޭން ބޭސް' އޮންނަ ކުޅިވަރެވެ. ދާއިރާއެއް ނުވަތަ ކަރިއަރއެއް ގޮތުގައި އަދިވެސް ފުޓުބޯޅަ އިޚްތިޔާރު ކުރެވޭނެކަމަށް ނާއިލް ޤަބޫލުކުރެއެވެ. އެންމެ ކުޑައިރުއްސުރެވެސް އެންމެ ކުރާހިތުން އޭނާ ކުރި ކަންތަށް ގޮތުގައި ފުޓުބޯޅަ ކުޅެމުން އައި ނާއިލް، އެންމެ ފުރަތަމަ ބައިވެރިވެފައިވަނީ ސުކޫލުގައި ބޭއްވުނު އިންޓަރހައުސް ފުޓުބޯޅަ ޓޯނަމެންޓުތަކުގައެވެ. ގްރޭޑް ހަތަކުން ފެށިގެން ގްރޭޑް ދިހައަކާ ހަމައަށް ބޭއްވުނު ކޮންމެ އިންޓަރހައުސް މުބާރާތެއްގައި އެންމެ މޮޅު 5 ކުޅުންތެރިން (ޓޮޕް 5) ތެރޭގައި ނާއިލްވަނީ ހިމެނިފައެވެ. މީގެ އިތުރުން، ގްރޭޑް 7 އަދި 9ގެ އިންޓަރހައުސް ފުޓުބޯޅަ މުބާރާތުގައި ރަނަރއަޕްސްގެ ގޮތުގައި ހިިމެނިފައިވެއެވެ. ގްރޭޑް 10ގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ (ޓޮޕް ސްކޯރަރގެ) މަޤާމު ނާއިލް ކަށަވަރުކޮށްފައިވާއިރު، ގްރޭޑް 8 އަދި 10ގައި ޗެމްޕިއަންސްކަންވެސް ވަނީ ހޯދާފައެވެ. ރަށު ފެންވަރުގައި ބޭއްވުނު މުބާރާތްތަކުން ނާއިލްއަށް ލިބުނު ފުރަތަމަ ކާމިޔާބީއަކީ، ހަނިމާދޫގައި ބޭއްވުނު ސާއްބަ އެނިވާސަރީ ކަޕް 2022ގެ ޗެމްޕިއަނުންގެ ޝަރަފްލިބުމެވެ. ފުޓްސަލްކުޅުމުގެ އިތުރުން ފީނަން ދިއުމާއި މަސްބާނަން ދިއުމަކީ ހުސްވަގުތުތަކުގައި ނާއިލް ކުރާހިތްވާ ކަންތައްތައް ނަމަވެސް، އެ ލިސްޓުގެވެސް އެންމެ ކުރިން ޖާގަ ހޯދާފައިވަނީ ފުޓުބޯޅަކުޅުމެވެ. ފުޓުބޯޅައަށް ނާއިލްގެ ހިތުގައި ދެވިފައިވަނީ ޚާއްސަ މަޤާމެކެވެ. ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ނާއިލް ކުރާ މަސައްކަތުންވެސް ހާމަވެގެންދަނީ އެކަމެވެ. އުމުރުން އެންމެ 16 އަހަރުގައި ފުޓުބޯޅައިގެ ދަނޑުތަކުން ނަން ފަވާލަމުން އަންނަ ނާއިލްގެ ރޯލް މޮޑެލްއަކީ ލިޔޮނަލް މެސީއެވެ.
ހަގު އުމުރެއްގައި ނާއިލްގެ ބައިވެރިވުން ވަނީ މުހިންމު ބޮޑެތި މުބާރާތްތަކުގައި ފެނިފައެވެ. ހުނަރާއި ޤާބިލިއްޔަތުން ފުރިފައިވާ މޮޅު ކުޅުމަކުން އެ މެޗުތަކުގައި ނާއިލްގެ ހިއްސާވަނީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައެވެ. މިހާތަނަށް ނާއިލްގެ ބައިވެރިވުން ފެނިފައިވާ މުބާރާތްތަކުގެ ތެރޭގައި، ސާއްބަ އެނިވާސަރީ ކަޕް 2022 އަދި 2024 އާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ޗެމްޕިއަންޝިޕް ހިމެނެއެވެ. މީގެ އިތުރުން، ކުޅުދުއްފުށި ޗެމްޕިއަންޝިޕްއަކީ ނާއިލްގެ ހުނަރާއި މޮޅެތި އުކުޅުތަކުން މުޅި އަތޮޅުގެ ލޯތައް ނާއިލްއަށް އަމާޒުކުރުވި މުބާރާތެކެވެ. ހަމަމިއާއެކު، ދިވެހި ޔޫތް ލީގާއި އޭއެފްސީ 17 އަހަރުން ދަށުގެ (އޭޝިއަން ފުޓްބޯލް ކޮންފިޑަރޭޝަން އަންޑަރ 17) އޭޝިއަން ކަޕް ކޮލިފައިންގ މެޗުތަކަކީ މިހާތަނަށް ނާއިލް ބައިވެރިވެފައިވާ މުހިންމު މުބާރާތްތަކެވެ.
ދާއިރާއިން ކުރިޔަށް ދިއުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފުޓުބޯޅަ ކުޅުމުގެ ތެރެއިން ލިބޭ ގެއްލުންތަކާއި އަނިޔާތައްކަމަށް ނާއިލް ފާހަގަކުރެއެވެ. 'އިންޖަރީ'ތަކުގެ ސަބަބުން މެޗުތަކުގައި އެންމެ ފުރިހަމަ ކުޅުމެއް ދައްކައި، ޓީމަށް ފައިދާކުރުވަނިވި އުކުޅުތައް ބޭނުންކުރުމަށް ހުރަސްއެޅެއެވެ. ނަމަވެސް ކުޅުމުގެ ތެރެއިން ލިބޭ ގެއްލުންތަކަކީ ނާއިލްގެ ހިތުގައި ފުޓުބޯޅައަށް ދެވިފައިވާ ލޯބި ފަނޑުކޮށްލެވޭ ގޮންޖެހުމެއް ނޫނެވެ. އެއަށްވުރެ ނާއިލްގެ ޢަޒުމް ވަރުގަދައެވެ. އެ ހިތުގައި ފުޓުބޯޅައަށްޓަކައި ޖަހާ ވިންދުގެ ބާރު، މާގަދައެވެ. ފުޓުބޯޅައިގެ ރޮނގުން ކުރިޔަށް ދިއުމަށް އޮންނަ ރޫޙު، މާފުރިހަމައެވެ. ހިތްވަރު އެލުވާލުމަކީ ނާއިލް ދަންނަކަމެއް ނޫނެވެ. 'ނުވާނެ' އަކީ ނާއިލްގެ ރަދީފުގައި އޮންނަ ލަފުޒެއް ނޫނެވެ. ހިތްވަރު އެލުވާނުލާ ކުރިޔަށް ދިއުގެ ނަތީޖާއެއްގެ ގޮތުން، ސާއްބަ އެނިވާސަރީ ކަޕް 2022 އަދި 2024ގެ ޗެމްޕިއަންސްކަން ލިބިފައިވެއެވެ. މީގެއިތުރުން، ވާދަވެރިކަން ބޮޑު، ވަރުގަދަ ޓީމުތަކެއްގެ މެދުގައި ކުޅެވުނު ކުޅުދުއްފުށި ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންގެ ލަޤަބުވެސްވަނީ ލިބިފައެވެ. މިހާތަނަށް ކުޅެފައިވާ އެކި މުބާރާތްތަކުގެ އެކި މެޗުތަކުން 'މޭން އޮފް ދި މެޗް'ގެ ގޮތުގައިވެސް ނާއިލް ވަނީ ހޮވިފައެވެ. ހަމައެހެންމެ، އޭ.އެފް.ސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅުނު ދިވެހިރާއްޖޭގެ ޓީމުގައި ހިމެނުމަކީ، ހުރިހާ ކާމިޔާބީއެއް ތެރެއިންވެސް ނާއިލް ޚާއްސަގޮތެއްގައި ފާހަގަކުރާ ކާމިޔާބީއެކެވެ. ރާއްޖެ ޓީމުގައި ކުޅުމުގެ ފުރުސަތަކީ ބޮޑު ކާމިޔާބީއެކެވެ. ފާހަގަކުރުން ހައްޤު އުސްއަަށްޔެކެވެ. ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ކުޅުމަކީ ނާއިލް ދެކެމުން އަންނަ ހުވަފެނެކެވެ. ހަމަމިއާއެކު، ފުޓުބޯޅައިގެ ދާއިރާގައި ނާއިލް އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޤައުމީ ޓީމާއެކު 'ޓްރޮފީއެއް' ހޯދާ ދުވަހެވެ. ޤައުމީ ޓީމަށް ލިބޭ 'ތަށްޓެއްގައި' ނާއިލްގެވެސް ބައިވެރިވުން އޮންނަ ދުވަހެވެ.
ނާއިލްއަށް ލިބިފައިވާ ކާމިޔާބީގެ ސިއްރުކަމުގައި ނާއިލް ފާހަގަ ކުރަނީ ނަމާދާއި، ކުރިޔަށް ދިއުމަށް ކުރާ ބުރަ މަސައްކަތުގެ އިތުރުން ރިވެތި އަޚްލާޤު ނުވަތަ ޑިސިޕްލިންނެވެ. ނަމާދުތައް ބަރާބަރަށް އަދާކޮށް ދީނީ ވާޖިބުތަކަށް އިސްކަންދޭންޖެހެއެވެ. ކާމިޔާބު ދެއްވަނީ ވަކި ފަރާތަކުން ކަމަށްވާއިރު، އެ އިލާހުގެ އަމުރުފުޅުތަކަށް ބޯލަނބާ ކިޔަމަންވާން ޖެހެއެވެ. މީގެ އިތުރުން، ކާމިޔާބީތަކަށް ވާސިލްވުމަށް ގިނަ ދުވަސްތަކެއް ވަންދެން މީހާ ކުރާ ބުރަ މަސައްކަތަކީ، ކާމިޔާބަށް ވާސިލްކޮށްދޭ މުހިންމު ވަސީލަތެއްކަމަށް ނާއިލް ހާމަކުރެއެވެ. ނަމަވެސް ނަމާދާއި ދުޢާތަކަށްފަހު، ފުޓުބޯޅަ ކުޅުންތެރިއަކަށް އެންމެ މުހިންމީ ޑިސިޕްލިންކަމުގައި ނާއިލް ފާހަގަކުރެއެވެ. ނާއިލްއަށް ލިބޭ އުސްއަލިތަކާއި ކާމިޔާބީތަކުގެ ފަހަތުގައިވަނީ ރަނގަޅު، ރިވެތި އަޚްލާޤެކެވެ. ދެގޮތެއްނުވާ ޑިސިޕްލިންނެކެވެ. ފުޓުބޯޅަ ދަނޑުތަކުގައި އަމިއްލަ ޖާގަ ކަށަވަރުކުރަމުން އަންނަ ނާއިލްއަށް، ދާއިރާއިން ކުރިޔަށް ދިއުމަށް އެންމެ ބޮޑު އެއްބާރުލުމާއި ތަރުޙީބެއް ލިބެނީ، އާއިލާއާއި ރައްޓެހިންގެ އިތުރުން އެކުގައި އުޅޭ ފުޓުބޯޅަ ކުޅުންތެރިންގެ ފަރާތުންނެވެ. ނާއިލްގެ 'ސަޕޯޓް ސިސްޓަމް'ގެ ގޮތުގައި ތިބޭ އެ ފަރާތްތަކުން ދޭ ހިތްވަރާއި އެއްބާރުލުން ނާއިލް ބަަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ.
ސުކޫލު ދަރިވަރެއް ގޮތުގައި ކިޔަވަމުން ފުޓުބޯޅައިގެ ދާއިރާގައި ކުރިއަރަމުން އަންނަ ނާއިލް، ދެ ކަންތައް 'މެނޭޖް' ކުރަނީ ގަޑިތަކަށް ކަންތައްތަައް ބަހާލައިގެންނެވެ. އެގޮތުން، ކިޔަވަން ކަނޑައަޅާފައިވާ ގަޑިތަކުގައި ކިޔެވުމަށްފަހު، ފުޓުބޯޅަކުޅުމަށް އޮންނަ ވަގުތުގައި މީހާ އެކަމަށް ހުސްވަނީ ކަމުގައި ނާއިލް ބުނެއެވެ. ނާއިލް ދަންނަ އެކުވެރިންނާއި ކުޅުންތެރިން، ފުޓުބޯޅައިގެ މައިދާނުގައި ނާއިލް ސިފަކުރަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ފެންވަރަށް ކުރިއަރަމުން އަންނަ ތަރިއެއްގޮތުގައެވެ. ފުޓުބޯޅަ ކުޅެން ނާއިލް އަބަދުވެސް ފޯރި ހުންނަކަމާއި، ދާއިރާއިން ކުރިޔަށް ދިއުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ފުޓުބޯޅައިގައި ނާއިލް ކުރިއަރަން މެދުވެރިވާ ސަބަބަކީ ނާއިލްގެ އަޚްލާޤާއި، އުސްއަލިތަކަށް ވާސިލްވުމަށް އޮންނަ ވަރުގަދަ ޢަޒުމުކަމަށްވެސް ޤަބޫލުކުރެއެވެ. މީގެއިތުރުން، ދަނޑުމަތީގައިވެސް ނާއިލްއަކީ ތަޢުރީފު ހައްޤު ޑިސިޕްލިންނަކާއެކު، ލީޑަރެއްގެ ފަރާތުން ފެންނަން ޖެހޭ ސިފަތައް އެ ކުޅުންތެރިއެއް ފަރާތުން ފެންނަ ހުނަރުވެރި މިޑްފީލްޑަރއެއް ކަމަށް، އެ އެކުވެރިންނާއި ކުޅުންތެރިންވަނީ ހާމަކޮށްފައެވެ. އުމުރުން ހަގު ނަމަވެސް ނާއިލްގެ ފަރާތުން އެވެރިންނަށް ގިނަ ކަންތައްތަކެއް ދަސްވެއެވެ. ކިޔަވަމުންވެސް ފުޓުބޯޅަ ނުވަތަ އެހެނިހެން އިތުރު ކުޅިވަރުތަކުގައި އުޅެވޭނެކަމެވެ. އެހެން ކަންކަމަށް އިސްކަންދެމުންވެސް ދާއިރާއިން ކުރިޔަށް ދެވޭނެކަން ނާއިލްގެ ފަރާތުން ވަނީ އެނގި ހާމަވެފައެވެ. ހަމަމިއާއެކު، ވަގުތަށް ފަރުވާތެރިވުމަށާއި އެކަމުގެ މުހިންމުކަމުގެ އިތުރުން، ގަދައަޅާ މަސައްކަތްކުރާނަމަ ކާމިޔާބުވާނެކަންވެސް ނާއިލްވަނީ ސާބިތުކޮށްދީފައެވެ.
ފުޓުބޯޅައިގެ މައިދާނަށް ނުކުންނަން ބޭނުންވާ އަދި ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ކުދިންނަށް ނާއިލް ދޭން ބޭނުންވާ ނަސޭޙަތަކީ، ކޯޗުންނާއި ސީނިއަރ ކުޅުންތެރިން ދޭ ލަފަޔާއި އިރުޝާދުތައް ޤަބޫލުކޮށް އެކަން ބަލައިގަތުމެވެ. އަދި ކޮންމެ ދުވަހަކުވެސް ފަރިތަކުރުންތަކުގައި ބައިވެރިވެ، ބަރާބަރަށް 'ޕްރެކްޓިސް'ތައް ކުރިޔަށް ގެންދިއުމެވެ. މީގެ އިތުރުން، ބޮޑާކަމާއި ކިބުރުވެރިކަމުން ދުރުވެ، އިތުރަށް ދަސްކުރަން ޖެހޭ 'ސްކިލް' ހުންނާނެކަމާއި، އެނގިފައި ނުވާ އުކުޅުތައް ހުންނާނެކަން ޤަބޫލުކޮށް، ޤާބިލިއްޔަތާއި ހުނަރު އިތުރަށް ކުރިއެރުވުމަށްޓަކައި، މީހުން ބުނެދޭ އެއްޗެހި ދަސްކުރުމަށް އަބަދުވެސް ތައްޔާރަށް ހުރުމަށް ނާއިލް ނަސޭޙަތްތެރިވެއެވެ. ހަމަމިއާއެކު، ތަޖުރިބާކާރު ކުޅުންތެރިންގެ ކުޅުންތައް ބަލައި، އެ ޕްރޮފެޝަނަލް ކުޅުންތެރިންގެ ކުޅުމާއި އުކުޅުތައް ދަސްކުރުމަކީވެސް މުހިންމުކަމެއް ގޮތުގައި ނާއިލް ދެކެއެވެ. މިވަގުތު ދިވެހި ޔޫތް ލީގުގައި ފުޓުބޯޅަ ކުޅުމާއެކު ނާއިލްދަނީ އޭނާގެ އޭލެވެލްގެ ކިޔެވުން ކުރިޔަށް ގެންދަމުންނެވެ. ތީރު މީޑިޔާގެ ފަރާތުން ނާއިލްއަށް އެދެނީ އަބަދުވެސް ފުރިހަމަ ކާމިޔާބީއަށެވެ. އަދަށްވުރެ ފެހި މާދަމާއަކާއި އަދަށްވުރެ ފާގަތި މުސްތަޤުބަލަކަށެވެ. ފުޓުބޯޅައިގެ މައިދާނުގައި ނާއިލްގެ ނަން، ރަން އަކުރުން ފެވިގެންދިޔުމަށެވެ. ދަނޑުތަކުގައި އިތުރު އުސްއަލިތަކާއި ކުރިބޯށިތަކަށް ވާސިލުވުމަށެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ލިސްޓުގައި ނާއިލްގެ ނަން، މިއަށްވުރެ ވަރުގަދަޔަށް ކަށަވަރުކުރުމަށެވެ. ކިޔެވުމާއި ފުޓުބޯޅައަކީ ދެކަމުންކުރެ އެއްކަމަކަށްވެސް އޮތް ހުރަސްތަކެއް ނޫންކަން ނާއިލް އެވަނީ ހާމަކޮށްދީފައެވެ. ހިތްވަރާއި ޢަޒުމާއެކީ ރަނގަޅު ޑިސިޕްލިންއެއްގައި ހިފަހައްޓުމުން، ކާމިޔާބީތައް ހާސިލްކުރެވޭނެކަން ނާއިލް އެދަނީ ސާބިތުކޮށްދެމުންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން