އުމުރުން 85 އަހަރުގެ ސަވަކް ނަރަޔާން، އޭނާ ފަރުވާ ހޯދަމުން އައި އެނދު އުމުރުން 40 އަހަރުގެ ފިރިހެނަކަށް ދީފިއެވެ. އިންޑިޔާގެ ނަގްޕޫރު އަވަށުގެ ހޮސްޕިޓަލެއްގައި ސަވަކް އެނދުމަތިކުރީ ކޮވިޑް19 ޖެހިގެން އެބައްޔަަށް ފަރުވާ ކުރާށެވެ.
އޭނާގެ ދަރިއަކާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި އޭނާއަށް އެނދެއް ނުލިބި އެތަކެއް ދުވަސްތަކެއް ހޭދަވިއެވެ. އަދި އޭގެފަހުން އެ ހޮސްޕިޓަލުން އެނދެއް ލިބި އެނދުމަތިކުރެވުނެވެ. ނަމަވެސް އޭނާ އެނދުމަތިކޮށްފައި ވަނިކޮށް އުމުރުން 40 އަހަރުގެ މިމީހާކަށް އެ އެނދު ދޫކޮށްލަން ނިންމީ އެމީހާ(40) ހަރަދުކުރަންޖެހޭ އަންބަކާއި ދެ ދަރިން ދުނިޔޭގައި ހުރީތީއެވެ. ސަވަކް ގެ މި ނިންމުމަށް ގިނަބަޔަކު ތައުރީފުކުރިއެވެ.
ސަވަކް ވަނީ އޭނަަގެ އެނދު ދޫކޮށްލުމަށްފަހު ގެއަށް ބަދަލުވިތާ ތިންވަނައަށްވީ ދުވަހު ނިޔާވެފައެވެ. ގިނަބަޔަކު ބުނާގޮތުގައި ސަވަކް އެވީ ބޮޑު ގުރުބާނީއެކެވެ. ހަގީގީ "ސުޕަ ހީރޯއިންނަކީ" އެއީ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އިންޑިޔާގައި ކޮވިޑްް19 ޖެހިގެން 200،000 އަށްވުރެ ގިނަމީހުން ވަނީ މަރުވެފައެވެ. ހޮސްޕިޓާތައް ފުރި ފަރުވާ ނުދެވިގެންވެސް އެތަކެއް ބަޔަކުވަނީ މަރުވެފައެވެ. ދުނިޔޭގައި ކޮވިޑް19 ފެތުރެންފެށި ފަހުން އިންޑިޔާގެ ހާލަތު މިހާގޯސްވި މީ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ބޮޑެތިގައުމުތަކުން އަންނަނީ އިންޑިޔާއަށް އެހީތެރިވަމުންނެވެ.
