އުރީދޫގެ ކަސްޓަމަރުން މިހައިތަނަށް ދެކެމުން އައި ހުވަފެނުގައި "ކުލަ" ޖައްސާ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތް ތައާރަފްކޮށްފިއެވެ. 

އެހެންކަމުން 600 އާއި އެއިންމަތީގެ ޕްލޭންސް ތައް ގެންގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މަންތްލީ ޑޭޓާ އެލަވަންސްގެ ތެރެއިން މަސްނިމޭއިރު ބޭނުން ނުކޮށް ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސާ އެކު އެއްވެގެންދާނެއެވެ.

މި އޭޕްރިލް މަހުން ފެށިގެން މި ޚިދުމަތް ލިބެމުންދާ އިރު، ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާ އެކު 200ޖީބީ އާއި ހަމައަށް ޑޭޓާ އަނެއްމަހުގެ ޕެކޭޖް އެލަވަންސަށް އެއްކުރެވެއެވެ.

މިގޮތުން ސޯޝަލް މީޑިއާ އަށް ޚާއްސަ ޑޭޓާ އާއި އެޑް އޯންސް ގެ ގޮތުގައި ނަގާފައވާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވަރގެ ޚިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ކުރެވޭނެއެވެ. 

600 އަދި 800 ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާ އަދަދަކީ 30ޖީބީ އެވެ. 1000 އާއި މަތީގެ ޕޯސްޓޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވަރ ވާ އަދަދަކީ 200ޖީބީ އެވެ. 

އުރީދޫ މޯލްޑިވްސް އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ އަބަދުވެސް ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަމެއްދީގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އެގޮތުގެ މަތިން މި ލޯންޗް ކުރި ޑޭޓާ ރޯލް އޯވަރ ގެ ޚިދުމަތާއިއެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅުއްވާ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކުރެވި ހުރި ޑޭޓާ، އިތުރު އަގަކާނުލާ ދެން އަންނަ މަހުގެ މަންތްލީ އެލަވަންސްއަށް އެއްވެގެންދާނެ ކަމަށެވެ.

" ކަސްޓަމަރުންގެ މިފަދަ ބޭނުންތައް ފުއްދާދީ، އިންޓަރނެޓްގެ ތަޖުރިބާ އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް." ނިޔާޒު ވިދާޅުވި އެވެ.

އުރީދޫއިން އަންނަނީ ހެޔޮ އަގެއްގައި އެންމެ ފުރިހަމަކަމާއެކު އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ވަނީ އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް އާޗާ ޕްރިޕެއިޑްގެ ނަމުގައި ރާއްޖެއަށް މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއްވެސް ތައާރަފްކޮށްފައެވެ.

މުޅި ދުނިޔެ ކުރިމަތިވެފައިވާ ޕެންޑެމިކްއާއި ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި އިންޓަރނެޓް ބޭނުންކުރާވަރުވެސް ބޮޑުތަން އިތުރުވެފައިވާތީ، އުރީދޫއިންވަނީ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް 5 ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ ލިބޭ ގޮތަށް ސުޕަރނެޓް ޕްލޭންތައްވެސް އަޕްގްރޭޑް ކޮށްފަ އެވެ.