އިންސާނުންގެ ތެރެއިން ވަކި ބަޔަކު، ވަކިބަލިތަކަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެއެވެ. މިހެން މިކަން ދިމައިވަނީ އިންސާނުންގެ ޠަބީއަތުގައި ހުންނަ އެކި އެކި ތަފާތުތަކުގެ ސަބަބުންނެވެ. އެގޮތުން ލޭމަށްޗަށް ދިއުމުގެ ބަލި ޖެހިދާނެކަމުގެ ބިރު ބޮޑު ބައެއް މީހުންގެ މައުލޫމާތު ހިއްސާކޮށްލާނަމެވެ.
ލޭމައްޗަށް ދިއުމުގެ ބައްޔަކީ ވަރަށް އާންމު ބައްޔެކެވެ. މި ބަލިޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހިމެނެއެވެ. ދުންފަތުގެ ސަބަބުން ލޭމައްޗަށް ދިއުމަށް މަގުފަހިކުރުވައެވެ. ދުންފަތުން ކުރާ އަސަރު، ކުރުމުގައި ދިގު މުއްދަތެއް ހޭދަވާނެއެވެ. އިންސާނާއަށް އެކަން އިހުސާސް ނުކުރެވިދާނެއެވެ. ގިނަ މީހުންނަށް މިކަން ގަބޫލުނުކުރެވެނީވެސް އެހެންވެ ކަމަށް ވެދާނެއެވެ. ނަމަވެސް ހޯދުންތަކާއި ދިރާސާތައް މިކަމަށް ހެކިދެއެވެ.
އުމުރުން ދޮށި ވުމަކީވެސް ލޭމައްޗަށް ދިއުމަށްމަގުފަހި ކުރުވާ ކަމެކެވެ. އެހެންކަމުން ދޮށީ އުމުރުގެ މީހުންނަކީ ލޭމައްޗަށް ދިއުމުގެ ބިރު ބޮޑު ބައެކެވެ. އެހެނީ އެމީހުންގެ ހަށިގަނޑުގެ ބަލިކަށި ކަމުންނާއި ގުނަވަންތަކުގެ "ދޮށި" ކަމުންނެވެ.
އާއިލީ ގޮތުން ވާރުތަކުރާ ބައެއް ބަލި ބަލި ހުރެއެވެ. އެގޮތުން ލޭމައްޗަށް ދިއުމަކީވެސް އާއިލީ ގޮތުން ވާރުތަ ކޮށްފާނެ ބައްޔެއްކަމަށް ދިރާސާވެރިން ދެކިލައްވައެވެ. އެހެންކަމުން ތިމާގެ އާއިލާގައި ލޭމައްޗަށްދާ މީހަކު ހުރިނަމަ، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އެހެނީ އޭރުން ތިބާވެސް ހިމެނިގެން އެދަނީ ލޭމައްޗަށްދިއުމުގެ ބިރު ބޮޑު މީހުންގެ ތެރޭގައި ކަމަށްވާތީއެވެ.
އިންސާނާގެ ހަށިގަނޑު ބޮޑުކޮށް ނުވަތަ ފަލަކޮށް ހުންނަނީނަމަ ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ފޮނުވައިދިނުމަށް އިތުރު ބާރުތަކެއް ލާނެއެވެ. އޭގެ ސަބަބުން ލޭމަތިވުމަށް މަގުފަހިވެއެވެ. އެހެންކަމުން، "ފަލަ" ވުމަކީވެސް ލޭމައްޗަށް ދިއުމުގެ ބިރު އިތުރުކުރުވާ ކަމެކެވެ.
ކެއުމުގައި ލޮނުގެ ބާވަތްތައް ގިނައިން ބޭނުން ކުރެވުމަކީ ހަށިގަނޑުގައި ދައުރުވާލޭގެ "ވޮލިއުމް" އިތުރުވާނޭ ކަމެކެވެ. ނަތީޖާއަކަށް ވަނީ ހިތުން ލޭފޮނުވައިދޭން އިތުރު ބާރުތަކެއް ލާންޖެހުމެވެ. އެހެންކަމުން ކެއުމުގައި ލޮނުގެ ބައި ގިނައިން ބޭނުންކުރެވޭ މީހުން މި ލިސްޓުން އުނިކުރެވޭކަަށްނެތެވެ.
ހެލުފެލިވެ ނޫޅުމާއި ހަރަކާތްތެރިވުން މަދު މީހުންނަކީވެސް މި ބަލީގެ ބިރުބޮޑު ބައެކެވެ. ހާސްކަމާއި ނުތަވަސްކަމުގައި އުޅެންޖެހިފައިވާ މީހުންވެސް މި ލިސްޓުގައި ގުނެމުން ދެއެވެ.
މިހުރިހާ ކަންކަމާއި މީހުންނަކީ ލޭމައްޗަށް ގޮސްދާނޭ ކަމުގެ ބިރު ބޮޑުމީހުންނެވެ. އެހެންކަމުން މިހުރިހާ ފަރާތްތަކެއްވެސް މިކަމުގައި ހާއްސަ ސަމާލުކަމެއް ދިނުން ވަރަށްވެސް މުހިންމެވެ. އެހެނީ ލޭމައްޗަށްދިއުމަކީ އޭގެ ނުރައްކާ ބޮޑު ބައްޔެކެވެ.
