މިހާރަކަށް އައިސް ތުއްތު ކުދިން ވާހަކަ ދެއްކުން ލަސްވުމާއި، ވާހަކަ ދައްކަން އުނދަގޫވުމަކީ ވަރަށް ގިނަ ބެލެނިވެރިން ކަންބޮޑުވެފައިވާ މައްސަލައެކެވެ. އެންމެ ތުއްތުއިރު ސްކްރީންތަކަށް އެ ކުދިން ހުށަހެޅުމުގެ ސަބަބުން ނުވަތަ ކުއްޖާ އުފެދުމުގައި ހުންނަ އުނިކަމެއްގެ ސަބަބުންވެސް މި މައްސަލަ ކުރިމަތިވެއެވެ. ރާއްޖޭގައިވެސް މި މައްސަލައަށް ހައްލެއް ބޭނުންވެފައި ތިބި އެތައް ބެލެނިވެރިންނެއް އެބަ ތިއްބެވެ.

މި ދެންނެވި ތުއްތު ކުދިންނަށް ކުރިމަތިވެފައިވާ މި މައްސަލައަށް ހައްލެއް ގެނައުމަށް ކުޅުދުއްފުށި ސިޓީގައި އަތުކުރި އޮޅައިލި ޒުވާނަކީ، ނަތާޝާ އަލީ، އާންމު ނަމުންނަމަ، ނަތާއެވެ. އެ ތުއްތު ކުދިންގެ މައިންގެ ހިތްތަކަށް ތަސައްލީއެއް ހޯދައިދިނުމުގެ މަޤުޞަދުގައި ނަތާ ފެށި މަސައްކަތަކީ، 'މައިލްސް އޮފް ސްމައިލްސް' އެވެ.

ނަތާއަކީ، ކުޅުދުއްފުށި ސިޓީއަށް އުފަން ޒުވާނެކެވެ. ސައިކޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމް ހާޞިލުކޮށްގެން ރަށަށް އައި އިރު، އެ ދާއިރާއާ ގުޅުންހުރި ވަޒީފާއެއް ލިބޭކަށްނެތެވެ. އެހެންކަމުން ނަތާވެސް އެކި ތަންތަނުގައި ވަޒީފާއަދާކުރީއެވެ. ނަމަވެސް، އަބަދުވެސް ކިޔެވި އެއްޗެއްގެ ބޭނުން ނުހިފޭތީ އެކަމުގެ ކަންބޮޑުވުން އޮންނަކަމަށް ނަތާ ބުންޏެވެ. "ފުރަތަމަ ސެޝަން ނަގަން ފެށީ 2022 ގައި. ގޭ ސިޓިންގ ރޫމުގައި ފެށީ. ސައިކޮލޮޖީގެ ބެކްގްރައުންޑެއް އޮންނާނެ. ވަރަށް ކިޔަވާ ހިތުން ކިޔެވީ. އަބަދުވެސް ބޭނުންވަނީ ކިޔެވި އިލްމު ބޭނުންކުރަން. އެ އިލްމުން މީހަކަށް ފައިދާއެއް ކޮށްލަދޭން. އެންމެ ކަންބޮޑުވީ ކިޔަވާ ނިމިގެން ރަށަށް އައިއިރު އެ ފުރުޞަތު ނެތީމަ. ދެން އެކި ތަންތަނުގަ ވަޒީފާ އަދާކުރީ. އެކަމަކު ހަމަ ހިތްހަމައެއް ނުޖެހުން. ކިޔެވި އިލްމު ބޭނުން ނުކުރެވޭތީ."

މި ވިސްނުންތަކާއެކު ނަތާ ނެގީ ވަރަށް ބޮޑު ރިސްކެކެވެ. ސޯސަލްމީޑިއާގައި އިސްތިހާރެއް ޖަހައިލީއެވެ. އެ އިސްތިހާރާއެކު، މިކަމަށް މުޖުތަމަޢު ބޭނުންވެފައި އޮތް މިންވަރު ހާމަވެގެންދިޔައެވެ.

"އެ އިސްތިހާރާއެކު ވަރަށް ބޮޑު ސަޕޯޓެއް ލިބިގެންދިޔަ. މިކަމަށް ބޭނުންވެފަ އޮތް މިންވަރު އެނގުނު. އެކަމަކުވެސް ހިތަށްއެރި، މިކަން ކުރެވިދާނެބާވައޭ، މިކަމުން ކުދިންނަށް ރަނގަޅު އަސަރެއް ކޮށްފާނެބާވައޭ." މިކަން ފެށިގެން އައިގޮތް ނަތާ ކިޔައިދިނެވެ.

ނަތާގެ މަސައްކަތް ފަށައިގަތީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަތާ ހާމަކުރި ގޮތުގައި، ފުރަތަމަ ފެށީ ބުކްޝޮޕްއިން 1000ރ ގެ ސާމާނާއެކު ގޭގެ ސިޓިންގ ރޫމުގައެވެ. އޭގެ އިތުރުން އާއިލާ މީހުން ބޭނުން ނުކުރާ ކުޅޭ އެއްޗެހި ހޯދީއެވެ. މަސައްކަތް ފެށިއިރު ނަތާ ދިޔައީ ވަޒީފާއެއް އަދާކުރަމުންނެވެ. ސެޝަންތައް ނަގަނީ ހުސްވަގުތުގައެވެ. އާދައިގެ ގޮތަކަށް ފެށި މި މަސައްކަތް މަޑުމަޑުން ދިޔައީ ފުޅާކުރަމުންނެވެ. ދިރިއުޅުމުގައި ދިމާވި ބައެއްކަންކަމުގެ ސަބަބުން ދޭތެރެއަކުން މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް މި މަސައްކަތް ކުރެވުމުގެ ސިއްރަކީ، އާއިލާއާއި، ސެޝަންތައް ނަގާ ކުދިންގެ ބެލެނިވެރިންގެ ސަޕޯޓްކަން ނަތާ ފާހަގަކުރިއެވެ.

8 ޖޫން 2024 އަކީ ނަތާގެ އެންމެ ބޮޑު އެއް ހުވަފެން ހަގީގަތަކަށްވީ ދުވަހެވެ. އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ތެރަޕީ ރޫމެއް ހުޅުވިގެންދިޔަ ދުވަހެވެ. "އާއިލާގެ ވަރަށް ބޮޑު ސަޕޯޓަކުން މިހިސާބަށް މި އާދެވުނީ. ގޭގެ ދޮރުތައް ތަޅުލައިގެން މިއުޅެނީ ކުދިން ހައިޕަވެގެން ނުކުމެގެން ދާނެތީއާ ޑިސްޓްރެކްޝަން މަދުކުރަން. ވަރަށް އުނދަގޫވާނެކަންވެސް ވިސްނޭ. ފިރިމީހާ ގޭގައި ވެސް އަމިއްލަ ގޭގަ ސެޝަންތައް ނެގިއިރުވެސް އެންމެންވެސް ވަރަށް ޕޮޒިޓިވް. އެންމެންވެސް ވަރަށް އެހީވޭ. މިހާރު އިންނާނެ ބެލެނިވެރިންނަށް ކައުންސިލިންގ ދޭން ނުވަތަ މަޝްވަރާކޮށްލަން ޖާގައެއްވެސް. ކުރިން ވަރަށް އުނދަގޫ. އޯޓިސްޓިކް ކުދިންގެ ސެންސަރީ ނީޑްސްއަށް ބޭނުންވާ ސާމާނުވެސް މިހާރު ރޫމުގަ ހުންނާނެ" ނަތާގެ 'މައިލްސް އޮފް ސްމައިލްސް' އަށް ކުރި ދަތުރު ހިއްސާކުރިއެވެ.

"މައިލްސް އޮފް ސްމައިލްސް އިން މި ނަގައިދެނީ ޕްލޭ ބޭސްޑް ތެރަޕީ ސެޝަންތަކެއް. އެއީ އުމުރުން 2 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް. ކުލާސްތައް ބޮޑަށް މި ނަގަނީ އޯޓިސްޓިކް ކުދިންނަށް. އޭގެ ތެރޭގަ އުޅޭނެ ވަރަށް ކުޑަކޮށް އެހީ ބޭނުންވާ ކުދިންނާ ވަރަށް ބޮޑަށް އެހީ ބޭނުންވާ ކުދިން. އާންމުކޮށް ކުދިން ވާހަކަ ދެއްކުން މި ލަސްވަނީ ސްކްރީންތަކަށް ހުށަހެޅިގެން. ދެން އުފެދުމުގަވެސް ބައެއް ކުދިން މި މައްސަލަ އެބަ ކުރިމަތިވޭ. ޕްލޭ ބޭސްޑް ތެރަޕީގެ ތެރެއިން ކުދިންނަށް މި ދަސްކޮށްދެނީ އެކި ކަހަލަ ހުނަރާއި އިލްމު. ސްކްރީންގެ ސަބަބުން ވާހަކަދެއްކުން ލަސްވެފަ ތިބޭ ކުދިންނަށް ކުރިއެރުން އާދޭ އާންމުކޮށް އެއް މަސް ތެރޭ. އެކަމަކު އޯޓިޒަމް ހުންނަ ކުއްޖެއް ވިއްޔާ ގިނަ ދުވަސް ނަގާ. މި ކުދިންގެ ތެރޭގަ އުޅޭނެ އެއްގޮތަކަށް ބަސްބަސް ނުކިޔާ ކުދިންނާ، ދެތިންބަސް ބޭނުންކުރަން އެނގޭ ކުދިންނާ، ވާހަކަ ދެއްކުމުގަ ކޮށިކަން ހުންނަ ކުދިންނާ، އަވަސް އަވަހަށް ރުޅި އަންނަ ކުދިންނާ، ހިފިނުހުރެވޭ ކުދިންނާ، މީހުންގެ ތެރޭގައި އުޅޭއިރު ދިމާވާ ކަންކަން ހައްލުކުރަން އުނދަގޫވާ ކުދިންވެސް. ތަފާތު ކުއްޖެއް ދިމާވެއްޖެނަމަ، އެ ކަމަކާ ދިރާސާ ކުރަން. ތަފާތު ފޮތްތައް ކިޔައިގެންނާ އެކިކަހަލަ ވީޑިއޯތައް ބަލައިގެން. އެ ކުދިންނަށް އެންމެ ރަނގަޅުވާނީ ކިހިނެއް ސެޝަންތައް ގެންދިޔައީމަތޯ ބަލަން." ސެޝަންތައް ނަގާއިރު ދިމާވާ ކަންކަމުގެ ތަޖުރިބާ ހިއްސާކުރަމުން ނަތާ ހާމަކުރިއެވެ. 

ނަތާ ހާމަކުރާ ގޮތުގައި މިހާތަނަށް 50 އަށްވުރެ ގިނަ ކުދިންނަށް ސެޝަންތައް ނަގައިދެވިއްޖެއެވެ. ހުރިހާ ސެޝަންއެއްވެސް ނަގައިދެނީ ނަތާ އެކަންޏެވެ. އިތުރު މީހަކު ސެޝަންތައް ނަގައިދިނުމަށް ނުގެންގުޅެއެވެ. ގިނަ ކުދިން އެންމެ ހިތްހަމަ ޖެހެނީ އެހެންވެކަމަށް ނަތާ ޤަބޫލުކުރެއެވެ. "ޅ އަތޮޅު ދެކުއްޖަކަށް ސެޝަންތައް ނަގައިދިނިން. އަދި ނޮޅިވަރަމް 4 ކުއްޖަކަށް މިހާރު އެބަ ސެޝަން ނަގައިދެން. އެއީ ވަރަށް ތަފާތު އިހްސާސެއް. ކޮންމެ ދުވަހަކު ކަނޑު ހުރަސްކޮއްފަ 1 ގަޑިއިރުގެ ތެރަޕީ ސެޝަންއެއް ނަގަން އެ ކުދިންގެ ބެލެނިވެރިން އަންނަނީ. މީހުން ތެރަޕީއަށް ބޭނުންވެފަ ތިބިވަރު މިކަމުން އެނގެނީ." ނަތާ ސެޝަން ނަގައިދޭ ކޮންމެ ކުއްޖަކާވެސް އަދި ބެލެނިވެރިންނާވެސް އުފެދެނީ ކުލުނުން ފުރިފައިވާ ގުޅުމެކެވެ.

"އެއްފަހަރާ ގިނަ ކުދިންނެއް ނުގެންގުޅެން. އެންމެ ބޮޑު އުފަލެއް ލިބެނީ ކުދިންނަށް ކުރިއެރުން ފެންނާތީ. ކުދިން ބަދަލުވާނެ ފުދޭވަރަކަށް، އަމާޒަކީ އުމުރަށް ސެޝަން ނެގުމެއްނޫން. ވީހާވެސް އަވަހަށް އުމުރުގެ އެހެންކުދިން އުޅޭހެން އުޅެވި، މުޖުތަމަޢުގައި އުޅެވޭވަރުވުން" ނަތާގެ އަމާޒަކީމިއެވެ. ނަތާ ހާމަކުރި ގޮތުގައި، ސެޝަން ނަގާ ކުދިންގެ 75 އިންސައްތަ ކުދިންނަށް ރަނގަޅު ބަދަލެއް އާދެއެވެ. އެހެންނަމަވެސް، ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ބައެއް ކުދިން ސެޝަންތައް ހުއްޓާލަން ޖެހޭތީ އެ ކަންބޮޑުވުން ނަތާގެ އޮވެއެވެ. އަދި ޕްލޭ ތެރަޕީއިން މާބޮޑު އަސަރެއް ނުކުރާ ކުދިންވެސް އުޅޭނެކަމަށް ނަތާ ޤަބޫލުކުރެއެވެ.

ހަޤީޤަތުގައިވެސް ނަތާގެ މި އިސްނެގުމާއެކު، ތުއްތު އެތައް ކުދިންނަށް މިއަދު މިވަނީ އުފާވެރިކަން އައިހެވެ. އެދުވަހު ވަޒީފާ ދޫކޮށްލާފައި ނެގި ރިސްކުން މިއަދު ނަތާ އުފާކުރެއެވެ.