އަހަރެއް ނިމިގެންދާއިރު ވަރަށް ތަފާތު އިޙްސާސްތަކެއް ކުރެވެއެވެ. އަހަރު ފެށުނުއިރު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވީތޯ ނުވަތަ ނުވޭތޯ އަމިއްލަ ނަފުސާއި ސުވާލު ކުރެވެއެވެ. އަމާޒުތަކަށް ވާސިލް ވެވުނުތޯ ނުވަތަ ނޫންތޯ ސުވާލުކުރެވެއެވެ. އެކި ފަަހަރުތަކުގައި ކަންތައްވާނީ އެކި ގޮތަށެވެ. ހާލަތް މެދުވެރިވާ ގޮތުގެ ސަބަބުން، ބައެއް ލަނޑުދަނޑިތައް ހާސިލް ނުވެދޭނެއެވެ. އެއީ މައްސަލައެއް ނޫނެވެ.
ލަނޑުދަނޑިތަކެއް ކަނޑައަޅާ، އެކަމެއް ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން، އެކަމެއް ހާސިލުވިތޯ ނުވަތަ ނޫންތޯ ބަލަން ޖެހެއެވެ. އަމިއްލަ ނަފުސާއި ޢަމަލުތައް ހިސާބުކުރަން ޖެހެއެވެ. ކާމިޔާބީއާއި، ހާސިލުވެފައިވާ ލަނޑުދަނޑިތައް މިންކުރެވޭނީ އޭރުންކަމަށްވާތީއެވެ. އަހަރުގައި ކަނޑައެޅި ލަނޑުދަނޑިތަކާއި އަމާޒުތައް ތެރެއިން ހާސިލުކުރެވުނު ކަންކަމަށް އަމިއްލަ ނަފުސަށް މަރުޙަބާ ކިޔާށެވެ. އެ ބުރަ މަސައްކަތާއި ކުރި ހިތްވަރަށް އަމިއްލަ ނަފުސަށް ހައްޤު 'ކްރެޑިޓް' ދޭށެވެ. އެކަމާ އުފާކޮށް އަމިއްލަ ނަފުސު ބަލައިގަންނާށެވެ. ހަމަމިއާއެކު، ހާސިލު ނުކުރެވުނު ކަންތައްތަކާއި މެދުގައި ފިކުރު ކޮށްލުން މުހިންމެވެ. އެކަން ހާސިލް ނުވި ސަބަބުތަކަށް ކަޅިއެއް އެއްލުން ބުއްދިވެރިއެވެ. ޢަމަލުތައް ބައްޓަން ކުރެވުނު ގޮތާއިމެދުގައި އަމިއްލާ ނަފުސާއި ސުވާލު ކޮށްލުން މުހިންމެވެ. މިގޮތަށް ނަފުސު ހިސާބުކޮށް، ޢަމަލުތަކާމެދު ވިސްނުމުން، އިތުރަށް ރަނގަޅު ކުރަންވީ ކަންތައްތައް ދެނެގަނެވޭނެއެވެ. ފިޔަވަޅު ކަތިވި ހިސާބު ފަހުމުވެ، ކަންތައް ގޯސްވާން މެދުވެރިވީ ކީއްވެކަން ލޯ މައްޗަށް ސާފުކޮށް ސިފަވާނެއެވެ. މިސާލަކަށް ބުނަނީ ނަމަ ނަމާދެވެ. އައު އަހަރުގައި އެންމެ ނަމާދެއްވެސް ނޭޅުމަށް އަޒުު ކަނޑައަޅާފައިވަނިކޮށް، އެކަން ހާސިލް ނުވީ ކީއްވެ ހެއްޔެވެ؟ ކަންނެތްކަމުން ހެއްޔެވެ؟ ފަރުވާކުޑަކަމުން ހެއްޔެވެ؟ ބޭކާރު ކަންކަމަށް ވަގުތު ހުސްކުރެވުނީމަ ހެއްޔެވެ؟ މިފަދަ ސުވާލުތައް އަމިއްލަ ނަފުސަށް އަމާޒު ކުރުމުން، އޭގެ ޖަވާބުތައް ދެނެގަނެވެން ފަށާނެއެވެ. ކަމެއް ހާސިލު ނުކުރެވުމުގެ މައި މޫ، އެނގިގެންދާނެއެވެ.
އެހެންކަމުން އައު އަހަރަށް ލަނޑުދަނޑިތަކެއް ކަނޑައަޅާނަމަ، ކުރީ އަހަރުގައި ކަނޑައެޅި 'ގޯލްސް'ތަކުގެ ނަތީޖާއާއި، އެކަން ހާސިލް ކުރުމަށް ކުރެވުނު މަސައްކަތުގެ އިތުރުން، އިސްލާހު ކުރަންވީ ކަންކަމާމެދު ވިސްނާ ފިކުރުކޮށްލުން މުހިންމެވެ. އެކަންކަން ސިކުނޑީގައި ބަހައްޓައިން، އެޔަށްވުރެ ރަނގަޅަށް މި އަހަރުގައި ލަނޑުދަނޑިތައް ހާސިލްކުރަން ފަސޭހަވާނެއެވެ. އެދެވޭ ނަތީޖާއެއް ހޯދަން ފަސޭހަވާނެއެވެ. ބޭނުންވަނީ އަމިއްލަ ނަފުސު ހިސާބުކޮށް ދެނެގަތުމުގެ ހިތްވަރެވެ. ހުއްޓާނުލާ ކުރިޔަށް ދިއުމުގެ ވަރުގަދަ ޢަޒުމެވެ.