ނިއުޔޯކުގައި ކުރިއަށްދާ ފިޑޭ ވޯލްޑް ރެޕިޑް އެންޑް ބްލިޓްޒް ޗެސް ޗެމްޕިއަންޝިޕްގައި ދުނިޔޭގެ ނަންބަރު އެކެއްގައި ވާ ޗެސް ކުޅުންތެރިޔާ މެގްނަސް ކާލްސަން ވަނީ ޖީންސް ލައިގެން ހުރުމުގެ ސަބަބުން މުބާރާތުން ވަކިވެފައެވެ.
34 އަހަރުގެ ނޯވޭގެ ކުޅުންތެރިޔާ ކާލްސަން މުބާރާތުގެ ޑްރެސް ކޯޑާ ޚިލާފުވެފައިވާކަމަށް ބުނެ އޭނާއަށް ހެދުން ބަދަލުކުރުމަށް އޮފިޝަލުން އެންގި ނަމަވެސް، އެކަމަށް އިންކާރުކުރުމާ ގުޅިގެން 200 ޑޮލަރުގެ ޖޫރިމަނާއެއް ކުރިއެވެ.
ކާލްސަން ހާމަކުރި ގޮތުގައި މުބާރާތުގެ ކުރިން އޭނާ ބައްދަލުވުމަކަށް ދިޔުމަށްފަހު އަވަސް އަވަހަށް ހެދުން ބަދަލުކުރަން ޖެހުނީއެވެ. އޭނާ ބުނެފައިވަނީ ގަމީހާއި ޖެކެޓް އަދި ބޫޓު ވެސް ބަދަލުކުރި އިރު ޖީންސްއާ މެދު ވިސްނާލެވިފައި ނުވާ ކަމަށެވެ.
އޮފިޝަލުން އޭނާއަށް ހެދުން ބަދަލުކުރުމަށް އެންގުމުން، މެޗަށްފަހު ބަދަލުކޮށްލަން ހުށަހެޅި ނަމަވެސް، އެވަގުތު ބަދަލުކުރަން ޖެހޭނެ ކަމަށް ބުނުމުން އެއީ އުސޫލެއްގެ ގޮތުން އޭނާއަށް ބަލައިގަނެވޭ ކަމަކަށް ނުވި ކަމަށް ކާލްސަން ހާމަކުރިއެވެ.
މި ހާދިސާއާ ގުޅިގެން ކާލްސަން ވަނީ މުބާރާތުން ވަކިވެ، މޫސުން ރީތި ތަނަކަށް ދަތުރުކުރައްވާނެ ކަމަށް ބުނެފައެވެ. އަދި އިޖުތިމާޢީ މީޑިއާގައި އޭނާ ލައިގެން ހުރި ޖީންސާއި ޖެކެޓުގެ ފޮޓޯއެއް ޝެއަރކޮށް، "އައުޓްފިޓް އޮފް ދަ ޑޭ" އޭ ލިޔެފައިވެއެވެ.
ފިޑޭއިން ބުނެފައިވަނީ އެ ފަރާތުގެ ގަވާއިދުތައް ތަންފީޒުކުރަނީ ހަމަހަމަކަމާއެކު ކަމަށާއި، އެހެން ކުޅުންތެރިއަކު ވެސް އަރައިގެން ހުރި ބޫޓުގެ ސަބަބުން ޖޫރިމަނާކުރެވުނު ކަމަށެވެ. ކާލްސަންއަކީ 2013 އިން 2023 އަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން