ޖަޕާނުގެ އަޝިޔާ ސިޓީން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ޖަޕާނުގެ ޓޮމިކޯ އިޓޫކާ 116 އަހަރުގައި މަރުވެއްޖެއެވެ.

4 ދަރިންނާއި 5 ކާފަ ދަރިން ތިބި އިޓޫކާ މަރުވީ 2019 އިން ފެށިގެން ދިރިއުޅެމުން އައި ނަރސިންގ ހޯމެއްގައި ޑިސެމްބަރު 29 ވަނަ ދުވަހުކަމަށް އަޝިޔާ ސިޓީގެ މޭޔަރު  ބުނެފައިވެއެވެ.

އިޓޫކާ އުފަންވެފައިވަނީ 1908 މެއި 23 ގައި އަޝިޔާއާ ކައިރި ވިޔަފާރީގެ މަރުކަޒެއް ކަމުގައިވާ އޮސާކާގައެވެ. މިއީ އެމެރިކާގައި ފޯޑު މޮޑެލް ޓީ ތަޢާރަފުކުރުމުގެ 4 މަސް ކުރިންނެވެ.

އިޓޫކާއަކީ ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ރެކޯޑު ކުރެވުނީ 2024 އޯގަސްޓުގައި ސްޕެއިންގެ މަރިއާ ބްރަންޔަސް މޮރޭރާ 117 އަހަރުގައި މަރުވުމާއި ގުޅިގެންނެވެ.

"އިޓޫކާ އޭނާގެ ދިގު އުމުރުން އަހަރެމެންނަށް ހިތްވަރާއި އުންމީދު ދިން،" އަޝިޔާގެ 27 އަހަރުގެ މޭޔަރު ރިޔޯސުކެ ޓަކަޝިމާ ބުނެފައިވެއެވެ. "އަޅުގަނޑުމެން އެކަމަށްޓަކައި ޝުކުރުވެރިވަން."

އެއްބަނޑު އެއްބަފާގައި ތިންބެއިން ހުންނަ އިޓޫކާ ދިރިއުޅުނީ ދެވަނަ ބޮޑު ހަނގުރާމައާއި ބަލިމަޑުކަމުގެ ދުވަސްވަރުގެ އިތުރުން ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރޭގައެވެ. ދަރިވަރެއްގެ ގޮތުން އޭނާ ވޮލީބޯޅަ ކުޅުނެވެ.

މޭޔަރުގެ ބަޔާނުގައިވާ ގޮތުން، އިޓޫކާގެ ދުވަސްވީ އުމުރުގައި ކެއުމަށް އެންމެ ލޯބިކުރީ ދޮންކޭލާ ޖަޕާނުގައި މަޤްބޫލު ކިރުގެ ބުއިމެއް ކަމަށްވާ ކަލްޕިސްއެވެ.

ޖަޕާނުގައި އާންމު ގޮތެއްގައި އަންހެނުންގެ އުމުރު ދިގު ކަމުގައިވީ ނަމަވެސް، އެ ޤައުމު ދަނީ ޑިމޮގްރަފިކް ހީނަރުކަމެއް ތަޖުރިބާކުރަމުންނެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމާ ގުޅިގެން ޞިއްޙީ އަދި ވެލްފެއަރ ޚަރަދުތައް އިތުރުވަމުން ދާއިރު، މި ޚަރަދުތައް ދެއްކުމަށް މަސައްކަތްކުރާނެ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖަޕާނުގައި 100 އަހަރު ނުވަތަ އެއަށްވުރެ ދުވަސްވީ 95,000 އަށްވުރެ ގިނަ މީހުން ތިބިއިރު، އޭގެ ތެރެއިން 88 އިންސައްތައަކީ އަންހެނުންނެވެ. ޖަޕާނުގެ 124 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނަކީ 65 އަހަުން މަތީގެ މީހުންނެވެ.