ގުއަރާނާއަކީ ބްރެޒިލްގެ މާވީސް ނަމަކަށް ކިޔާ ސަރަހައްދުގައި ހައްދާ ގަހެކެވެ. އޮގަސްޓްމަހުން ފެށިގެން ބްރެޒިލްގެ ކޯރުތައް ހިކި، ހޫނު މޫސުން ފެށުމާއި އެކު މި ގަސްތަކުގައިވާ އޮރެންޖް ކުލައިގެ މޭވާތައް ފެޅި ކަޅުކުލައިގެ އޮށްތައް ފެންނަން ފަށާނެއެވެ. ހީވާނީ ލޮލުގެ ކަޅުކަޅި ހެންނެވެ. ނޮވެމްބަރު މަހާއި މަރޗް މަހާއި ދެމެދަކީ އޮށްތައް ކަނޑާ، ދޮވެ، ހިއްކާ، ތޮށިނޮޅާ ހަދާ ދުވަސްވަރެވެ. އޭގެ ފަހުގައި އޮށްތައް މުގުރުމަށްފަހު ފެނާއި އެއްކޮށްގެން މޮޑެއެވެ. ދެން ދިގު ލަކުޑި ގަނޑެއްގެ ބައްޓަމަށް ބޭއްވުމަށް ފަހު ދުންޖައްސައިގެން ހިއްކައެވެ. އޭރުން ހަލާކު ނުވެ އެތައް އަހަރެއް ވަންދެން އޮންނާނެއެވެ. ދެން މި ގާނާއިގެން ބުއިންތައް އުފެއްދުމާއި ބޭސްވެރިކަމަށްވެސް ބޭނުންކުރަންވީއެވެ.
މިއީ ކޮފީއަށް ވުރެ ހަތަރު ގުނަ އިތުރަށް ކެފެއިން އެކުލެވޭ މޭވާއެކެވެ. މިއީ ބޭހާއި ކޮސްމެޓިކްސް އުފެއްދުމަށްވެސް ވަރަށް ބޮޑު އަގުގައި ވިކޭ އެއްޗެކެވެ. ގުއަރާނާ ހައްދާ ސަހަރައްދުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް، މިކަން ކުރާ ގޮތް ބަލާލުމުގެ ފުރުސަތު އެ ހިސާބުތަކުގައި ވަނީ ހަމަޖެހިފައެވެ.

މާވީސް މީހުންގެ އިޤްތިޞާދާއި ސަގާފަތް އެނބުރެނީ ގުއަރާނާގެ ވިޔަފާރީގެ ވަށައިގެންނެވެ. ފިޒީ ބުއިން ތަކާއި ހަކަތަ ލިއްބައިދޭ ބުއިންތައް ހެދުމަށްވެސް ބޭނުން ކުރެވޭ މި މޭވާގެ ވިޔަފާރިން ބްރެޒިލްގެ އިޤްތިޞާދަށް ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ ފައިދާވެއެވެ. މާވީސް ގައި ދިރިއުޅޭ 2400 އާއިލާއެއްގެ މީހުން، ކޮންމެ އަހަރަކު 500 ޓަނުގެ ގުއަރާނާ އުފައްދައެވެ. މީގެ އިތުރުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ބަލަހައްޓާ ބޮޑެތި ފާރމްތައް ހުރެއެވެ.

ގުއަރާނާއަކީ ހިތުގެ ބަލިތަކާއި އެތެރޭގެ ދުޅަ އަށް ފަރުވާ ކުރުމަށް ބޭނުން ކުރެވޭ އެއްޗެކެވެ. އަދި އެތެރެހަށީގެ ގުނަވަންތަކުގެ މަސައްކަތް ގަވާއިދުން ހިންގުމަށް ގުއަރާނާ އެހީތެރިވާކަމަށްވެސް އެތައް ދިރާސާއަކުން ވަނީ ސާބިތުވެފައެވެ. މިއީ އެންޓިޑިޕްރެސަންޓް އެއްގެ އިތުރުން އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ބޭނުންކުރުމަށް ވަރަށް ރަގަޅު މޭވާއެކެވެ.

ގުއަރާނާގެ ފައިދާތައް އެންމެ ފުރަތަމަ ދެނެގަނެވި އެއާއި ބެހޭގޮތުން އޮތް ލިޔުމަކަށް ފެނުނީ 1669 ގައި ލިޔެފައިވާ ފޮތެކެވެ. މި ފޮތުގައި ގުއަރާނާގެ ފައިދާތައް ބަޔާންކުރަމުން އޭގެ އަގު ހުދުރަނާއި އެއްވަރު ކޮށް މިސާލު ގެނެސްދީފައިވެއެވެ. 18 ވަނަ ގަރުނުގައި ލިޔެވުނު ފޮތެއްގައިވެސް މިއީ އެންމެ އަގުބޮޑު ރައުސުލްމާލު ކަމަށާއި، ގުއަރާނާއަކީ ފައިސާގެ ބަދަލުގައި ވެސް ބޭނުންކުރަން ކަމުދާ އެއްޗެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.
