ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ހާދިސާތަކާއި އެއަރޕޯޓުތަކުގައި ހިނގާ މަޖާ ކަންތައްތައް އިންޓަނެޓުގައި ފެތުރެމުންދާ މި ޒަމާނުގައި، ބޯޑިންގ ޕާސް ބޮޑުކޮށް ޕްރިންޓްކޮށްގެން އެއަރޕޯޓަށް ދިޔަ މީހެއްގެ ވީޑިއޯއެއް އިންޓަނެޓުގައި ވައިރަލްވެއްޖެއެވެ. މި ވީޑިއޯ އިންސްޓަގްރާމްގައި ޝެއަރކުރުމާއެކު، ގިނަ ބަޔަކު މި މަންޒަރު ބަލައި މަޖާ ކުރަމުން ދިޔައެވެ.

އިންސްޓަގްރާމްގައި ޝެއަރކޮށްފައިވާ މި ވީޑިއޯގައި ދައްކާގޮތުން، އެއަރޕޯޓުގެ ގޭޓެއްގައި ކިއުގައި ހުރި މީހަކު ހިފައިގެން ހުރީ ބޯޑިންގ ޕާހެއްގެ ބަދަލުގައި ބޮޑު ޕޯސްޓަރެއް ފަދަ އެއްޗެކެވެ. މި މަންޒަރު ބަލަން އައި ފުލުހަކު އެ ބޯޑިންގ ޕާސް ބަލައި ފާސްކުރަން އުޅޭއިރު، އޭނާގެ މޫނުމަތިން ހިނިތުންވުން ފޮރުވަން އުނދަގޫވާ މަންޒަރު ވީޑިއޯގައި ފެނެއެވެ. އަދި ބޯޑިންގ ޕާސް ހިފައިގެން ހުރި މީހާ އެ ޕާހުގައިވާ މަޢުލޫމާތު ކިޔައިދޭން އުޅޭ މަންޒަރުވެސް ވީޑިއޯގައި ހިމެނެއެވެ.

މި ވީޑިއޯގައި "ރަހުމަތްތެރިންގާތު ބޯޑިންގ ޕާސް ޕްރިންޓްކުރަން ނުބުނާށޭ" މިހެން ލިޔެފައިވެއެވެ. އަދި ވީޑިއޯގެ ކެޕްޝަންގައި "އެމީހުން މަސައްކަތް ކުރަނީ ޕްރިންޓިންގ ޕްރެސްއެއްގައި ކަންނޭނގެ" މިހެން ލިޔެފައިވެއެވެ.

މި ވީޑިއޯ ވައިރަލްވުމާއެކު، ގިނަ ބަޔަކު މަޖާ ކޮމެންޓްތައް ކުރަމުން ދިޔައެވެ. ޚާއްޞަކޮށް ފުލުހުގެ ރިއެކްޝަނަށް ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވެއެވެ. "ބޯޑިންގ ޕާސް ގެއްލިދާނެތީ ކަންނޭނގެ މިހެން ހަދާފައި މިއޮތީ" އަދި "ޓީއެސްއޭއިން ފްލައިޓް ޑީޓެއިލްސް ނުބަލައި ދޫކޮށްނުލާނެކަން ޔަގީންކުރަން މިހެން ހަދާފައި މިއޮތީ" ފަދަ ކޮމެންޓްތައް ކޮށްފައިވެއެވެ.

މީގެ އިތުރުން ބައެއް މީހުން ލަފާކުރާގޮތުގައި މިއީ ޕްރޮމޯޝަނަލް ކެމްޕޭނެއްގެ ބައެއް ނުވަތަ ހަމައެކަނި މަޖާއަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މޭކްމައިޓްރިޕް ކުންފުނިންވެސް މި ވީޑިއޯއަށް ރިއެކްޓްކޮށްފައިވެއެވެ.