މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މަޝްރޫޢުތަކުގެ އަދާހަމަ ތަފްޞީލް ޢާއްމުކޮށް ފެންނާނެ "ޕްރޮޖެކްޓް ޑޭޝްބޯޑެއް" އިއްޔެ ވަނީ ތަޢާރަފްކޮށްފައެވެ. 

އަދި މި ޕްރޮޖެކްޓް ޑޭޝްބޯޑު ބޭނުންކޮށްގެން ރައްޔިތުންނަށް މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދޭނެ ގޮތުގެ ޓިއުޓޯރިއަލެއްވެސް ވަނީ އިއްޔެގެ އެމްޓީސީސީގެ ހުރިހާ މީސްމީޑިއާ މަންސަތަކުގައި ޙިއްޞާކޮށްފައެވެ.

މި ޑޭޝް ބޯޑަކީ ސީދާ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، (ރިޓަޔަރޑް) ޑީ.ސީ.ޕީ އަހުމަދު ސައުދީގެ އިސްނެންގެވުމާއި އިރުޝާދުގެ މަތީން އުފައްދާ ބިނާކޮށްފައިވާ އޮންލައިން ނިޒާމެކެވެ. މިފަދަ ޑޭޝް ބޯޑެއް ބިނާކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް ފަސޭހައިން އެމްޓީސީސީ އިން ހިންގާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ބެލޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

މިއާއެކު، މިހާރު ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ހުރެގެން ވެސް އެމްޓީސީސީގެ މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތު ރައްޔިތުންނަށް މި ޕްރޮޖެކްޓް ޑޭޝްބޯޑު މެދުވެރިކޮށް ފޯނުންވެސް ބަލައިލެވޭނެ އެވެ.

އެމްޓީސީސީގެ އެތެރޭގެ ޓީމަކުން ފަރުމާކޮށް ތައްޔާރުކޮށްފައިމިވާ ޕްރޮޖެކްޓް ޑޭޝްބޯޑު މެދުވެރިކޮށް ލިބެން ހުންނާނެ މަޝްރޫޢުގެ ތަފްޞީލްތަކުގެ ތެރޭގައި، މަޝްރޫޢުގެ ބާވަތާއި، ކުރެވޭނެ މަސައްކަތްތަކާއި، އަގާއި، ނިމިފައިވާ ޕަސެންޓާއި އަދި އެންމެ ފަހުގެ ސްޓޭޓަސް އެނގެން ހުންނާނެ އެވެ. މި ހުރިހާ މަޢުލޫމާތަކީ ވެސް އެމްޓީސީސީގެ އޮންލައިން ޕްރޮޖެކްޓް މެނޭޖްމަންޓް ސިސްޓަމްގެ އެހީގައި ވަގުތުން އަދާހަމަކުރެވިފައިވާ އެންމެ ފަހުގެ މަޢުލޫމާތެވެ.

އެ ކުންފުނީގެ އަމާޒަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އެކިއެކި މަޝްރޫޢުތަކާއި ބެހޭ އެންމެ ފަހުގެ ތަފްޞީލީ މަޢުލޫމާތު ރައްޔިތުންނަށް ދެފުށް ފެންނާނެހެން، ލުއިފަސޭހަކަމާއެކު އަބަދުވެސް ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ކަށަވަރުކުރުން ކަމަށް ވެސް ވަނީ ބުނެފައެވެ.