މާލެއާއި ހުޅުމާލެއިން މާދަމާ ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް، 10 ޖަނަވަރީ 2025 ވާ ހުކުރުދުވަހުގެ ހެނދުނު 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުންވެސް މި ދެންނެވި ވަގުތުގައި ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބުނެއެވެ.
މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭނެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެއެވެ.
މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ސްޓެލްކޯ އިން ވަނީ ޝުކުރު ދަންނަވާފައެވެ. އެ ކުންފުނިން ވަނީ މި ފަދަ ކަންކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް ވެސް އެދިފައެވެ.
