ސޯޝަލް މީޑިއާގައި އަތްފުނާއަޅަމުން ދިޔަ ވަގުތު ލޮލުގައި އަޅައިގަތީ ލިޔުން ކޮޅެކެވެ. ކުރު ނަމަވެސް މާނަ ފުން ލިޔުންކޮޅެކެވެ. އޭގައި ބުނެދީފައިވަނީ މިބީދައިންނެވެ. "ކުރެވިފައިވާ ފާފަތައް ގިނަވުމުގެ ސަބަބުން ތިމަންނައަށް ނަމާދެއް ނުކުރެވޭނެކަމަށް ބުނާ މީހާގެ މިސާލަކީ، ގައިގައި ގިނަ ކިލާތަކާއި މިލަތައް ހުރީތީ ފެނެއް ނުވެރޭނޭ ބުނާ މީހެއްގެ މިސާލެވެ." ނުހަނު ވިސްނުންތެރި އިބާރާތެކެވެ. ފަހުމުވާން ފަސޭހަ މިސާލެކެވެ.
ކުރެވިފައިވާ ފާފަތަކާމެދު ދެރަވެ ލަދުވެތިވެވެއެވެ. އެކަމާ ދެރަވެ ހިތާމަ ކުރެވެއެވެ. ނަމަވެސް ޝައިތާނީ ވަސްވާހުގެ ތީރުގައި މީސްތަކުން ޖެއްސުމަށް އެސޮރު ބޭނުންކުރަނީ އުކުޅެކެވެ. އެ އުކުޅަކީ ތަޢުބާވުމުގެ ފުރުސަތެއް ނެތްކަމަށް ވިސްނައިދީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތާމެދު ޝައްކު އުފައްދާ މީހާ މާޔޫސް ކޮށްލުމެވެ. އެހެންކަމުން އިތުރަށް ހެޔޮ ޢަމަލުތައް ކުރުމުގެ ބޭނުމެއް ނެތްކަމަށް ޤަބޫލު ކުރެވެނީއެވެ. ކުރެވިފައިވާ ފާފަތަކުގެ ސަބަބުން ނަމާދުކޮށް، މާތް ﷲގެ ހަޟްރަތަށް ކުއްތަންވެ، ސަޖިދަ ޖެހުމުގެ ހައްޤެއްވެސް ނެތްކަމަށް އިޙްސާސްކުރެވެނީއެވެ. ނަމަވެސް ފެންވެރުމުން މީހާގެ ހަށިގަނޑު ސާފުވެ ރީތިވާ ބީދައިން، ނަމާދާއި ތަޢުބާއަކީ ފާފަތައް ފޮހެލުމަށް އެހީތެރިވާ ޒަރީޢާއެކެވެ. ނަަމާދުގެ ސަބަބުން ފާފަތަކާ ދުރުހެލިވެވެއެވެ. މާތް ﷲ އާ އަޅާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ އިތުރަށް ވަރުގަދަވެއެވެ. ނަމާދުގެ ސަބަބުން މީހާގެ ނަފްސު ތާހިރުވެއެވެ. ފާފަތަކުން ނަފްސު ތާހިރުވެއެވެ.
ٱتۡلُ مَاۤ أُوحِیَ إِلَیۡكَ مِنَ ٱلۡكِتَـٰبِ وَأَقِمِ ٱلصَّلَوٰةَۖ إِنَّ ٱلصَّلَوٰةَ تَنۡهَىٰ عَنِ ٱلۡفَحۡشَاۤءِ وَٱلۡمُنكَرِۗ وَلَذِكۡرُ ٱللَّهِ أَكۡبَرُۗ وَٱللَّهُ یَعۡلَمُ مَا تَصۡنَعُونَ﴿ ٤٥ ﴾ (29:45)
"ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން ﷲ ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެއެވެ."
މި އާޔަތުންވެސް އެނގިގެންދަނީ، މީހާ އިސްލާމްދީނުގެ ހުދޫދުން ބޭރުވިޔަކަ ނުދީ ހިފެހެއްޓުމަށް 'ނަމާދު' އެހީތެރިވެދޭ ކަމެވެ. ފާފަތަކާއި މުންކަރާތްތަކުން ދުރުހެލިވުމަށް ނަމާދަކީ ޒަރީޢާއެކެވެ. އެހެންކަމުން ނަމާދު އަޅައިގެން ވާކަށް ނެތެވެ. ނަމާދަށް ފަރުވާތެރިވާން ޖެހެއެވެ. ފާފަތަކުގެ ކިލަނބުކަމުން ތާހިރުވާން ބޭނުންވާނަމަ އިތުރަށް ނަމާދާ ގާތްވާންވީއެެވެ. ފާފަތަކުން ދުރުހެލިވުމަށްޓަކައިވެސް ނަމާދަށް ފަރުވާތެރި ވާންވީއެވެ.
ގިނަ ފާފަތަކުގެ ސަބަބުން ނަމާދު ކުރުމުގެ ހައްޤެއް ނެތްކަމަށް ޝައިތާނާ ޖަހަމުންދާ މަޅިން ރެކިގަނެ، އެ ވަސްވާސްތަކުގައި ކޮޅުފައިން ޖަހަންވީއެވެ. ހިތްވަރާއި އައު ޢަޒުމާއެކު ތެދުވެ ހަށަމް ބަންނަންވީއެވެ. ﷲގެ ހަޟްރަތަށް ތަޢުބާވެ، ކުރެވިފައިވާ ފާފަތަކާމެދު ދެރަވެ ހިތާމަކޮށް، މަޢާފަށްއެދި ދަންނަވަންވީއެވެ. ރަޙްމާންވަންތަ މާތް ﷲގެ ރަަޙްމަތް، އެކަލާނގެ އަޅުތަކުންގެ މައްޗަށް ތަނަވަސްވެގެންވެއެވެ. އެކަލާނގެ ހަޟްރަތުން އުއްމީދު ކަނޑާނުލާށެވެ. ކިލާތަކުން ތާހިރުވާން ފެންވަރާ ފަދައިން ފާފަތަކުން ތާހިރުވުމަށް އިތުރަށް ހެޔޮ ޢަމަލުތަކާ ކައިރިވާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން