ރާއްޖޭގެ ފުރަތަމަ ޖައްވީ ހަރަކާތުގައި ބައިވެރިވާން އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ހުޅުވާލައިފިއެވެ.

މި ހަރަކާތުގައި ބައިވެރިވެވޭނީ އެއިރޮސްޕޭސް އިންޖިނިއަރިން، ކޮމްޕިއުޓަރ ސައިންސް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިން ފަދަ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ އުމުރުން 35 އަހަރުން ދަށުގެ ދިވެހިންނަށެވެ.

މިމަހުގެ 7 ގެ ކުރިން އައިޖީއެސްގެ ޕޭސްބުކް ޕޭޖު މެދުވެރިކޮށް މި ފުރުސަތަށް އެދި ހުށަހެޅޭނެއެވެ. މިހަރަކާތަށް ނަގާނީ 12 ދިވެހިންނެވެ. މި ހަރަކާތައް ހޮވޭ ފަރާތްތައް ތަމްރީނުކުރުވާނީ އެމެރިކާގެ ތަޖުރިބާކަރުންގެ ޓީމަކުންނެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ ހަރަކާތް ކުރިއަށްގެންދާ އައިޖީއެސްގެ ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިގޮތުގައި މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް 'ނެނޯ ސެޓެލައިޓް އިންޖިނިއަރިންގ ޕްރޮފެޝަނަލް' ސެޓްފިކެޓް ލިބޭނެއެވެ. މިއީ ސްޕޭސް އިންޑަސްޓްރީއިން ގަބޫލުކުރާ ސެޓްފިކެޓެކެވެ.