ލާސްވޭގާސްގައި ބޭއްވުނު 2025 ވަނަ އަހަރުގެ ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯގައި އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ރިއަލްބޮޓިކްސްއިން ވަނީ އިންސާނުންނާ އެއްފަދަ އޭއައި ރޮބޮޓެއް ތަޢާރަފުކޮށްފައެވެ.

"އާރިއާ" ގެ ނަމުން ތަޢާރަފުކުރި މި ރޮބޮޓަކީ އިންސާނުންނާ އެއްފަދަ އިހުސާސްތައް ފާޅުކުރެވޭ، އަދި އިންސާނުންނާ އެކު ގާތް ގުޅުމެއް ބޭއްވޭނެ ރޮބޮޓެއްކަމަށް އެކުންފުނިން ހާމަކުރެއެވެ.

ރިއަލްބޮޓިކްސްގެ ސީއީއޯ އެންޑްރޫ ކިގުއެލް ވިދާޅުވި ގޮތުގައި މި ރޮބޮޓު ތައްޔާރުކުރުމުގެ މަޤްޞަދަކީ އިންސާނުންނާ ތަފާތު ނުކުރެވޭ ވަރުގެ ރޮބޮޓުތަކެއް އުފެއްދުމެވެ. އަދި މިފަދަ ރޮބޮޓުތަކުން ފިރިހެނުންގެ މެދުގައި ފެތުރެމުންދާ ލޯބީގެ މަހުރޫމުކަމަށް ހައްލެއް ހޯދުމެވެ. މި ރޮބޮޓަށް ރޮމެންޓިކް ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމަށާއި، އަދި ބޮއިފްރެންޑެއް ނުވަތަ ގާލްފްރެންޑެއްގެ ގޮތުގައިވެސް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރޮބޮޓުގެ އަގަކީ 175،000 އެމެރިކާ ޑޮލަރު ނުވަތަ ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާއެވެ. ކިގުއެލް ވިދާޅުވި ގޮތުގައި މި ރޮބޮޓު ތަރައްޤީކުރުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވަނީ މޫނުމަތިން ފާޅުކުރާ އިހުސާސްތަކަށެވެ. އަދި މި ރޮބޮޓަށް އިހުސާސްތައް ދައްކުވައިދެވޭނެ ކަމަށާއި، އޭގެ ޒަރީއާއިން އިންސާނުންނަށް ރޮބޮޓުގެ އިހުސާސްތައް ދޭހަކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރޮބޮޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެން، ގިނަ ބަޔަކު ވަނީ މިކަމާ މެދު ތަފާތު ޚިޔާލުތައް ފާޅުކޮށްފައެވެ. ބައެއް މީހުން މިކަމާ ޝައުޤުވެރިކަން ފާޅުކުރިއިރު، އަނެއްބައި މީހުން ވަނީ މިއީ ބިރުވެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޓެކްނޮލޮޖީގެ ދާއިރާއިން މިފަދަ ކުރިއެރުމެއް ލިބުމާ މެދު ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އަނެއްބައި މީހުން މިފަދަ ރޮބޮޓުތަކާ މެދު ރައްކާތެރިކަން އިހުސާސްކުރާތީ އެކަމާ މެދު ހައިރާންވެފައިވެއެވެ.