ކެލިފޯނިއާގެ ލޮސް އެންޖެލިސްގައި އަލިފާން ރޯވެ، ހަލުވިކަމާއެކު ފެތުރެމުންދަނިކޮށް، ސެން ފްރެންސިސްކޯއަށް 3.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް، އެ ސަރަހައްދުގެ ރައްޔިތުންގެ ބިރުވެރިކަން އިތުރުވެއްޖެއެވެ.
އެމެރިކާގެ ގަޑިން ހެނދުނު 7:00 ހާއިރު އައި މި ބިންހެލުން އައިސްފައިވަނީ ގޯލްޑެން ގޭޓް ބްރިޖްގެ ހުޅަނގު ދެކުނުން ފަސް މޭލު އަދި ގްރޭޓް ހައިވޭގެ ހުޅަނގުން ދެ މޭލު ދުރަށެވެ. މި ބިންހެލުމުގައި އެއްވެސް އިމާރާތަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ވެފައި ނުވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި ބިންހެލުން އައި ވަގުތު، ލޮސް އެންޖެލިސްގައި ޖުމްލަ ފަސް އަލިފާންގަނޑެއް ފެތުރެމުން ދިޔައެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އަލިފާންގަނޑަކީ ޕެލިސޭޑްސް ފަޔަރ ކަމަށްވާއިރު، މި އަލިފާންގަނޑު 19،978 އޭކަރުގެ ބިމަށް ފެތުރި، 5،300 އަށްވުރެ ގިނަ އިމާރާތް އަނދާފައިވެއެވެ. އަދި މި އަލިފާންގަނޑުގެ އެންމެ 6 ޕަސެންޓް އެކަނި ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
މީގެ އިތުރުން، އީޓޮން ފަޔަރ، ހާސްޓް ފަޔަރ، ލިޑިއާ ފަޔަރ އަދި ކެނެތް ފަޔަރގެ ނަމުގައި އިތުރު ހަތަރު އަލިފާންގަނޑު ފެތުރެމުންދާއިރު، ސަންސެޓް ފަޔަރގެ ނަމުން ނަންދީފައިވާ ފަސްވަނަ އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ.
މި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން މިހާތަނަށް 10،000 އަށްވުރެ ގިނަ އިމާރާތް އަނދާފައިވާއިރު، 10 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވެއެވެ. އެހެންނަމަވެސް، މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ.
މި ނުރައްކާތެރި ހާލަތުގައި، އަލިފާން ފެތުރެމުންދާ ސަރަހައްދުތަކުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުވުމަށް ވަނީ އަންގާފައެވެ. އަދި ސަލާމަތީ ބާރުތަކުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.