ހުޅުމާލޭ ފޭސް ދޭއްގައި ހުރި ދެ ހައިވޯލްޓޭޖް (އެޗްވީ) ޓްރާންސްފޯމަރަކަށް ގަސްތުގައި ބަޔަކު ގެއްލުންދީ، ނުރައްކާތެރި ހާލަތަށް ދޫކޮށްލާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ހުސައިން ފަހުމީ، ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ބައުންޑަރީ ވޯލަކާއެކު، ތަޅުލާފައި ރައްކާތެރިކުރެވިފައި ހުރި އެ ތަނަށް ވަދެ، ބަޔަކު މީހުން ގެއްލުންދީފައިވާ ކަމަށެވެ.

އަދި، އެޗްވީ ޓްރާންސްފޯމަށް ގެއްލުންދީފައިވާ ގޮތަށް ބަލާއިރު، އެކަން ކޮށްފައިވަނީ ޓްރާންސްފޯމަރ ސިސްޓަމްތަކާ ގުޅޭ ޓެކްނިކަލް މަޢުލޫމާތުތައް އެނގޭ ފަރާތްތަކެއްކަން ވެސް ފަހުމީގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.

އެމްޑީ ފަހުމީ ވިދާޅުވީ، މިފަދަ މުހިއްމު އިންފްރާސްޓްރަކްޗަރ އަށް ގެއްލުން ދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެ ފަރާތްތަކަށް ކަރަންޓުގައި ޖެހުމާއި، ތަފާތު ބޮޑެތި އަނިޔާތައް ލިބުމުގެ އިތުރުން ފުރާނާ އަށް ގެއްލުންވާ ހާލަތަށް ކަންތައްތައް ކުރިމަތިވެދާނެ ކަމަށެވެ.

އަދި، އެފަދަ ކަންކަމުގެ ސަބަބުން ނުރައްކާ ކުރިމަތިވަނީ ހަމައެކަނި އެކަންތައްތައް ކުރާ މީހުންނަށް އެކަނި ނޫން ކަމަށާއި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ވެސް އެކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

މީގެއިތުރުން، ފާއިތުވި އަހަރު ޓްރާންސްފޯމަރަކަށް ގެއްލުންދިނުމުގެ ސަބަބުން ހިތާމަވެރި މަރުތަކެއް ދިމާވެފައިވާ ކަމަށާއި، މިފަދަ ޢަމަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ނަތީޖާތަކަށް ސަމާލުވެ، އެފަދަ ކަންކަމާ ދުރުހެލިވެ، ހޭލުންތެރިކަން އިތުރުކޮށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ވެސް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

އަދި، މި މައްސަލަ ތަޙްޤީޤުކުރެވެމުންދާއިރު، ކުރިމަގުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅެމުންދާނެ ކަމަށް ވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.