މިއަދުންފެށިގެން 18 ޖަނަވަރީ 2025 ގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ ބަޔާނާއި ގުޅިގެން ސްޓެލްކޯ އިން ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފިއެވެ.
ސްޓެލްކޯ އިން ބުނީ މިއީ މޫސުން ގޯސްވެ، ފެންބޮޑުވުން ކޮންޓްރޯލްކުރުމަށް ދުރާލައި ފިޔަވަޅުއެޅުމަށް ނިންމައި، ސްޓެލްކޯގެ މެނޭޖްމަންޓުން އެކުލަވާލި ޚާއްސަ ޓާސްކްފޯހެއް ކަމަށެވެ.
މި ޙާލަތުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް ބުނެއެވެ.
އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
