ސީ.އައި.ޑީ އަކީ ޚާއްސަ ގޮތެއްގައި 'މަރުތައް' ތަހުޤީޤުކުރުމުގެ މައްޗަށް ބިނާކޮށް ކުރިޔަށްގެންދާ ޓީވީ ޝޯވއެކެވެ. ކުށްކުރާ މީހުން ހޯދާ، ޤާނޫނާ އެމީހުން ހަވާލުކުރުމުގެ މަސައްކަތް އެ ޝޯ އިން ދައްކުވައިދެއެވެ.
ތަފާތު އެކި އެޕިސޯޑުތަކަށް ބަހާލައިގެން، އާއިލާ އެންމެނާ އެކީވެސް ތިބެގެން ބެލޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މި ޝޯވގެ އެންމެ ފުރަތަމަ އެޕިސޯޑް ނެރެފައި ނުވަތަ ރިލީޒްކޮށްފައިވަނީ 21 ޖަނަވަރީ 1998 ގައެވެ. އެއަށްފަހު 21 އަހަރާ ގާތްކުރާ ދިގު މުއްދަތަކަށް ކުރިޔަށްދިޔަ މި ޝޯގެ ފަހު އެޕިސޯޑް ރިލީޒްކޮށްފައިވަނީ 27 އޮކްޓޯބަރ 2018ގައެވެ. ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ސީ.އައި.ޑީ އަކީ ހިންދީ ބަހުން މުޚާތަބުކުރާ، އިންޑިއާގެ އުފެއްދުމެކެވެ. މައިގަނޑު 3 ބަތަލުންގެ މައްޗަށް ބިނާވެފައިވާ މި ޝޯ ހުއްޓުމަކަށް އައުން ވެގެން ދިޔައީ ގިނަބަޔަކު މާޔޫސްކުރުވި ކަމަކަށެވެ.
2018ގައި ޓީވީ ސްކީރުން ސީ.އައި.ޑީ ގެއްލިގެން ދިޔަނަމަވެސް އޭގެ ސަބަބު އެނގިފައިވަނީ ދާދި ފަހުންނެވެ. ސީ.އައި.ޑީގެ ޓީމް މެމްބަރުން ހިމެނޭ އިންޓަވިއުއެއްގައި އެ ފަންނާނުން ފާހަގަކުރި ގޮތުގައި، ސީ.އައި.ޑީ ހުއްޓުމަކަށް އައީ ބަޔަކު މީހުން ގަސްތުގައި ކުރިކަމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ސީ.އައި.ޑީ ނިމުމަކަށް ގެނައުމުގެ މަސައްކަތް 2016ވަނަ އަހަރުގައި އެމީހުން ފަށާފައިވާކަމަށް ސީ.އައި.ޑީގެ ފަންނާނުން ބުނެއެވެ. މަގުގެ މެދުގައި ހުންނަ ބޮޑު ގަހެއް ކަނޑާލުމުގެ ބަދަލުގައި، އެގަސް އަމިއްލަޔަށް ފަނާވެ، ވީރާނާވެގެން މަރުވެގެންދާ ކަހަލަ ވަސީލަތްތައް ބޭނުންކޮށް އެގަސް ނައްތާލާ ބީދައިން، ސީ.އައި.ޑީ އާމެދުގައި ކަންތައް ކޮށްފައިވާކަމަށްވެސް ހާމަކުރިއެވެ.
ޓީވީ ޗެނަލްއިން ސީ.އައި.ޑީ ގެންނަ ވަގުތުތައް ލަސްކުރަމުންގޮސް، ރޭގަނޑު 22:00 އެއް 22:15 އަށް ބަދަލުވެ، 22:30 އިން 22:40 އަށްގޮސް، 23:05އަށްވެސް ލަސްކޮށްފައިވާކަމަށް ސީ.އައި.ޑީގެ އެހެން މެމްބަރެއްވަނީ ފާހަގަކޮށްފައެވެ. އެކަންތައް އެ ފަންނާނުން ސިފަކުރަނީ، މަޑުމަޑުން ކަރުގައި ހިފަމުންގޮސް މީހާގެ ނޭވާ ހާސްކޮށްލުންފަދަ ކަމެއް ގޮތުގައެވެ. ސީ.އައި.ޑީގެ ކާމިޔާބު އަދި ހަލުވި ދުވެލި މަޑުޖައްސާ، ނިމުމަކަށް ގެނައީ، ކުންފުންޏެއްގެ ނަންމަތީ މަސައްކަތްކުރާ ބައެއްކަމަށް ހާމަކޮށްފައި ވާއިރު، އެއީ ސީދާ ކޮން ކުންފުންޏެއްގެ، ކޮންބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.
6 އަހަރުގެ މެދުކެނޑުމަކަށްފަހު ސީ.އައި.ޑީ މިވަނީ އަނެއްކާވެސް ޓީވީ ސްކްރީނަށް އައިހެވެ. ސީ.އައި.ޑީ ސީޒަން 2ގެ އެންމެ ފުރަތަމަ އެޕިސޯޑް ރިލީޒްކޮށްފައިވަނީ 21 ޑިސެމްބަރ 2024ގައި ސޮނީ ޓީވީ (Sony TV) އިންނާއި ސޮނީލައިވް (SonyLIV) އިންނެވެ. މި ޝޯގައި މަޖާ ނުވަތަ ކޮމެޑީގެ އުސޫލުން ގެނެސްދިން، 'ފްރެޑީ'ގެ ނަމުން މަޝްހޫރުވެގެން ދިޔަ ފަންނާނު ވަނީ ޑިސެމްބަރ 2023ގައި ދުނިޔެ ދޫކޮށްފައެވެ. އެހެންކަމުން އެ ފަންނާނުގެ ހަނދާން އައު ކުރުމުގެ ގޮތުން ފްރެޑީގެ ވީޑިއޯތަކެއް ވަނީ ދައްކާލާފައެވެ. މިހާތަނަށް ސީ.އައި.ޑީ ސީޒަން 2ގެ 6 އެޕިސޯޑްވަނީ ރިލީޒްކޮށްފައެވެ.
ޓީވީ ޗެނަލްތަކުގެ އިތުރުން ސޮނީ ޓީވީގެ ޔޫޓިއުބު ޗެނަލްއިންވެސް މި އެޕިސޯޑުތައް ފެންނަން ހުންނާނެއެވެ. ސީ.އައި.ޑީ އެނބުރިއައުން ވެފައިވަނީ ވަރަށް ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދީ، ކުރީގެ ހަނދާންތައް ތާޒާކޮށްދިން ކަމަކަށެވެ. ބެލުންތެރިންނަށް ލިބުނު އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަކީ ކުރީގެ ފަންނާނުން ހިމަނައިން މި ފަހަރުވެސް ސީ.އައި.ޑީ ގެނެސްފައިވުމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން