މެޓާ ނުވަތަ ފޮނި ކާއެއްޗެއްސަކީ އޭގެ ސަބަބުން ދަތްފަނި ކެއުމަށް މަގުފަހި ކުރުވާ ތަކެއްޗެވެ. ހަކުރުގެ ބާވަތްތައް ކެއުމުގެ ސަބަބުން ދަތްފަނި ކޭ ނަމަވެސް ހަކުރަކީ އޭގެ ޒާތަށް އެކަން ކުރުވާ އެއްޗެއް ނޫނެވެ. މިކަމަކީ ހަކުރުގެ ބާވަތްތައް ކެއުމުން އަނގަތެރޭގައި ހިނގާ "ހަނގުރާމަ" އެއްގެ ސަބަބުން ދިމައިވާ ކަމެކެވެ.
އަނގަތެރެއަކީ އެތަނުގައި ވަރަށްގިނަ ޖަރާސީމު އެކުލެވޭ ތަނެކެވެ. ހަށިގަނޑަށް ފައިދާކުރަނިވި ޖަރާސީމާއި ގެއްލުން ދެނިވި ޖަރާސީމެވެ. ހަކުރުގެ ބާވަތެއް ކައިފިނަމަ އަނގަތެރެއިން ހަޖަމުގެ މަސައްކަތް ފައްޓައެވެ. ކުޅުން ކުރާ މި މަސައްކަތުގެ ސަބަބުން އަނގައި ހުންނަ ގެއްލުން ދެނިވި ޖަރާސީމުތައް ގިނަވާން ފަށައެވެ. އެހެނީ މި ވައްތަރުގެ ޖަރާސީމުތަކަކީ ހަކުރުގެ ބާވަތްތަކުން ކާނާ ހޯދާ ޖަރާސީމު ތަކެކެވެ. މި ޖަރާސީމުތައް ގިނަވުމުގެ ނަތީޖާއެއްގެ ގޮތުން އަނގައިގެ "ޕީއެޗް" ގެ އެސިޑުކަން ގަދަވެއެވެ.
އެސިޑުކަން ގަދަވުމުގެ ނަތީޖާއަކީ ދަތުގެ ވަށައިގެންވާ ހަރު ފަށަލައިގައި ހުންނަ މިނަރަލްތައް ކުޅުގެ ތެރެއަށް ދަމައިގަތުމެވެ.. މިކަމުގެ ސަބަބުން މި ފަށަލައިގެ ދުޅަހެޔޮކަން ބަލިކަށިވެއެވެ. ކަން މިހެން ވީނަމަވެސް ކުޅުގައި ހުންނަ އެހެން ބައެއް މާއްދާތަކުގެ ސަބަބުން، ދަތުން މަދުވާ މިނަރަލްތައް ހަމަ ކުރުމަށް އެހީވެދެއެވެ. ނަމަވެސް މިކަން ތަކުރާރުވެ ގިނައިން ހިނގާކަމުގައިވަނީނަމަ ފޫނުބެދި ދަތުގައި ހުންނަ މިނަރަލްތަކުގެ ނިސްބަތް ދަށްވެ ދަތުގެ ވަށައިގެންވާ މި ފަށަލަ ބަލިކަށިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެފަށަލައިގެ ތަންކޮޅުކޮޅު ހަލާކުވާން ފަށައެވެ. މިގޮތަށް ހަލާކުވާ ހަލާކުވުމަށް ދަތްފަނި ކެއުމޭ ކިޔައެވެ. ފަރުވާ ނުކުރެވި ގިނަ ދުވަސް ވަނީކަމުގައި ވާނަމަ، އެ ހަލާކުވާ ތަންކޮޅު ބޮޑުވެ ފުންވެއެވެ. އޭގެ ސަބަބުން މުޅި ދަތަށް އޭގެ ގެއްލުން ލިބެއެވެ. ދަތުގެ ތެރޭގައި އިންފެކްޝަން އަށަގަތުމާއި ދަތާ ހިރުގަނޑަށް ތަދުވުމަކީ މީގެ ސަބަބުން ދިމައިވާ ކަންކަމެވެ. ނިފަދަ ބައެއް ހާލަތްތަކުގައި މުޅި ދަތް އެއްކޮށް ނަގަންވެސް ޖެހެއެވެ.
