ސައިފް ޢަލީ ޚާންއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޙަމްކޮށްލި މައްސަލައާއި ގުޅޭގޮތުން އިތުރު މަޢުލޫމާތުތައް ދަނީ ފެންމަތިވަމުންނެވެ. 

މުމްބާއީގެ ފުލުހުން ތުހުމަތުކުރާ ގޮތުގައި، ފޭރުމާއި ހަމަލާ ދިނުމުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފުރަތަމަ މަސައްކަތްކުރީ ޝާހްރުކް ހާންގެ ގެއަށް ވަދެގަތުމަށެވެ.

އެންމެ ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، ވައްކަން ކުރަން އުޅުނު މީހާއަށް ޝާހްރުކްގެ ގެއަށް ވަދެވޭގޮތް ނުވީ ވަރުގަދަ ސެކިއުރީޓީގެ ސަބަބުންނެވެ. ސައިފްއަށް އަމާޒުވި ހަމަލާގެ ފަހުން، މުމްބާއީ ފުލުހުންވަނީ އިތުރު ތަހުޤީޤުތައް ކުރުމަށްޓަކައި ޝާހްރުކްގެ ގެ، މަންނަތަށް ޒިޔާރަތްކޮށްފައެވެ. ފަހުގެ މީޑިއާ ރިޕޯޓްތަކުން އެނގޭގޮތުގައި، 14 ޖަނަވަރީގައި މަންނަތުގެ ކައިރިން ޝައްކު ކުރެވޭފަދަ މަންޒަރުތަކެއް ފެނިފައިވާކަމަށް މުމްބާއި ފުލުހުން ހާމަކުރެއެވެ. 

އިންޑިއާ ޓުޑޭގެ ރިޕޯޓުތަކުން މަޢުލޫމާތުލިބޭ ގޮތުގައި، ޝާހްރުކް ޚާންގެ ގެއާ ކައިރީގައި ހުރި ރިޓްރީޓް ހައުސްގެ ފަހަތުގައި، 6-8 ފޫޓުގެ ހަރުގަނޑެއް ބަހައްޓައިން، އެ އިމާރާތް ބެލުމަށްޓަކައި މީހަކު އުޅުނުތަން ވަނީ ފެނިފައެވެ. އެމީހަކީ ސައިފްގެ ގެއިން ވައްކަންކޮށް، ފޭރުމަށް މަސައްކަތްކުރި މީހާއަށް ވެދާނެކަމަށް މުމްބާއީ ފުލުހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.  

ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ އެތައް ބައެއްގެ ލޯތައް މިހާރު ހުއްޓިފައި ހުރީ ބޮލީވުޑް ތަރި ސައިފަށް އަމާޒުކުރި ހަމަލާއަށެވެ. ސައިފަށް ލިބުނު ހަމަލާގެ ސަބަބުން ކޮށްފައިވާ ސާޖަރީ ކާމިޔާބުކަމަށް އޭނާގެ ޓީމުންވަނީ ހާމަކޮށްފައެވެ.