މިއީ ފިހާރަތަކުން ފެނުނު ނަމަވެސް މާބޮޑު ސަމާލުކަމެއް ނުދެވޭ ފަތެކެވެ. ރެސްޓޯރެންޓްތަކުގައި ކާތަކެތި ޒީނަތްތެރި ކުރުމަށް ތަށީގެ ކައިރީގައި ބަހައްޓާފައި ހުއްޓާ އާންމުކޮށް ފެންނަ މި ފަތަކީ ހީނުކުރާފަދަ ފައިދާތަކެއް ލިބިދޭ ފަތެކެވެ. އެހެންކަމުން ދެން މި ފަތް ފެނިއްޖެ ނަމަ މިފައިދާތަކަށް ވިސްނާލުން ބުއްދިވެރިއެވެ.  އެންމެ ރަގަޅީ އާންމުކޮށް ބޭނުން ކުރަން ފެށުމެވެ.

 

އުރަމަތީގެ ކެންސަރުން ރައްކާތެރިކޮށްދިނުން

ތަފާތު ބަލިތައް ގިނަ ދުވަސްވަރެއްގައި ކެންސަރުފަދަ ފަރުވާއެއް ނެތް ބައްޔަކުން ދުރުހެލިވުމަށް އެހީތެރިކަން ލިބޭނެ ފަތެއް ބޭނުން ނުކޮށް ދޫކޮށްލައިގެން ނުވާނެއެވެ. ޕާރސްލީގައި ހިމެނޭ އެޕިޖެނިން ކިޔާ މައްދާއެއްގެ ސަބަބުން އުރަމަތީ ކެންސަރު އުފައްދާ ސެލްތައް އުފެދުމުން ރައްކާތެރިކޮށްދެއެވެ. ބައެއް ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ވިހަ ނުހިމެނޭ ގޮތަށް ކެންސަރަށް ފަރުވާ ދިނުމަށް މުސްތަގުބަލުގައި އެޕިޖެނިން ބޭނުން ކުރުމަކީ ވަރަށް ގާތްކަމެކެވެ. ސަޓަނީގެ ތެރެއަށް އަޅައިގެން، ބުއިމެއް ތައްޔާރު ކުރާ އިރު ނުވަތަ ސޫޕް ހަދާއިރުވެސް މި ފަތް ބޭނުން ކުރެވިދާނެއެވެ.

 

ދުޅަ ތިރިކުރުމަށް އެހީތެރިވުން

ޕާރސްލީގައި ގިނަ އަދަދަކަށް ހިމެނޭ ވިޓަމިން ސީ، އޭ އަދި އީ ފަދަ އެންޓިއޮކްސިޑެންޓްގެ ސަބަބުން އެތެރޭގެ ގުނަވަންތަކުގައި އުފެދޭ ދުޅަ ތިރިކޮށް ހުޅުހުޅުގައި ރިއްސާބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. މީގެ އިތުރުންވެސް އަލްޒައިމާ އަދި ޕާކިންސަން ފަދަ ނުރައްކާތެރި އަދި ފަރުވާއެއް ނެތް ބަލިތަކުން ސަލާމަތް ވުމުގައި އެހީތެރިވެދޭނެއެވެ.

 

ރައްކާތެރިކަމާއެކު މަސްފިހުމަށް އެހީތެރިވެދޭ

މަހުގައި ހުންނަ ޕްރޮޓީން ފިހެވެމުންދާއިރު ހޮޓޮރޯސައިކްލިން އެމީން ކިޔާ މާއްދާއެއް އުފައްދާނެއެވެ. މީގެ ސަބަބުން ކެންސަރުޖެހުމުގެ ފުރުސަތު އޮވެއެވެ. ކަނޑުމަހާއި އެއްގަމު މަސް ފިހާއިރު ލޮނުމެދު، ލޮނު، އަސޭމިރުސް، ރާހުތް އަދި ޒައިތޫނި ތެލުގެ އިތުރުން ޕަރސްލީ ބޭނުންކުރާ ނަމަ މި މާއްދާ އުފެދުމުން ރައްކާތެރިކޮށްދޭނެއެވެ.

 

ހަމުގައި ރޫޖެހުމުން ދުރުކޮށްދިނުން

ޕަރސްލީފަތް ކެއުމުގެ ސަބަބުން ހަމަށް ލިބޭ ފައިދާތަކުގެ ތެރޭގައި އެފަތުގައި ހިމެނޭ ވިޓަމިން-ސީގެ ސަބަބުން ކޮލާޖެން އުފެއްދުން ހިމެނެއެވެ. ކޮލާޖެންގެ ސަބަބުން ހަމުގައި ހުންނަ ރޫފިލާ އިތުރަށް ރޫޖެހުމުން ދުރުކޮށްދޭނެއެވެ. ފެހިކަން ގަދަ ބާވަތްތަކުން ސަޓަނި ހަދާއިރު ޕާރސްލީގެ އިތުރުން އޮރެންޖް އަދި ރާހުތްބޭނުން ކުރާށެވެ. ވަރަށް އަވަހަށް ނަތީޖާ ފެންނާނެއެވެ.

 

ކަށި ވަރުގަދަކުރުން

މުޅި ދުވަހަކަށް ބޭނުންވާ ވިޓަމިން ކޭ ހޯދުމަށް 10 ކޯޅި ޕަރސްލީފަތުން ފުދޭނެއެވެ. ކޮންމެ ދުވަހަކަށް ބޭނުންވާ ވަރަށް ވިޓަމިން ކޭ ލިބޭ ނަމަ ކަށީގައި ރެނދުލުމުން ދުރުކޮށްދީ ލޭ މަނާކުރުމަށް އެހީތެރިވެދޭނެއެވެ.

 

ހަޖަމްކުރުމުގެ ނިޒާމް ހަމައަކަށް އެޅުވުން

ޕާރސްލީގެ ސަބަބުން ހަޖަމްކުރުން ހަމައަކަށް އަޅުވާ ބަނޑުގައި ވައިހެދުމުން ދުރުކޮށްދޭނެއެވެ. ޕާރސްލީ ކެއުމުގެ ސަބަބުން ހަށިގަނޑުން ވައިބޭރުކުރުމަށްވެސް އެހީތެރިވެދޭނެއެވެ. ރޭގަނޑު ލަސްވާފަހުން ގިނައިން ކާނަމަ ކޮންމެހެންވެސް މީގެ ފަތްކޮޅެއް ކެއުމުގައި ހިމަނާށެވެ.

 

އަނގައިން ދުވާ ނުބައިވަސް ކަނޑުވާލުން

އަނގައިން ނުބައިވަސްދުވުމަށް މެދުވެރިވާ ސަލްފަރ އެއްކޮށް ނައްތާނުލެވުނު ނަމަވެސް އަނގައިން ނުބައިވަސް ދުވުމުން ރައްކާތެރިކުރުމަށް ޕާރސްލީ މުހިންމު ދައުރެއް އަދާކުރާނެއެވެ. ޚާއްސަކޮށް ފިޔާ އަދި ލޮނުމެދު ކެއުމުން ދުވާ ވަސް ވަރަށް ބޮޑަށް ކަނޑުވާލާނެއެވެ. ދަތުގެ ޚާއްސަ ޑޮކްޓަރުން ހާމަކުރާ ގޮތުގައި އަނގައިން ދުވާ ނުބައިވަސް ކަނޑުވާލުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޕާރސްލީ ބޭނުން ކުރުމެވެ.

 

މަސާނާގައި ޖަރާސީމު އުފެދުމުން ރައްކާތެރިކޮށްދިނުން

ކުޑަކަމުދާނިޒާމުގެ ބަލީގެ އެއްވެސް އުނދަގުލެއް ތަހައްމަލު ކުރަމުންދާނަމަ އަދި ގުރުދާ އާއި މަސާނާގައި ހިލަ ހުންނަނަމަ އެކަމަށް ފަރުވާ ކުރުމަށް ފަތްޕިލާވެލީގެ ބޭސްވެރިކަން ކުރާ މީހުން ބޭނުންކުރާ އެއް ފަތަކީ ޕަރސްލީއެވެ. މިއީ މައްސަރުކަންތައް ޖެހުމުން ބަނޑުގައި ރިއްސާމީހުނަށްވެސް އެކަމުން އަރާމު ލިއްބައިދޭނެ ފަތެކެވެ.

 

ހިތުގެބަލިތަކާ ހަނގުރާމަ ކުރުން

ރޯ ޕާރްސްލީގައި ހުންނަ ފޯލޭޓް ކިޔާ ވިޓަމިން ބީ އެއްގެ ސަބަބުން ހިތުގެ މައްސަލަތަކުން ދުރުކޮށްދިނުމަށް އެހީތެރިކަން ލިބެއެވެ. ފޮލޭޓްގެ ސަބަބުން ހޯމޮސިސްޓީން ގެ މިންވަރު އެއް ހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. ހޯމޮސިސްޓީން މާ މަތިވެއްޖެނަމަ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. ފޮލޭޓް އަކީ ވިޓަމިން ސީ އެކޭ އެއްގޮތަށް ހޫނުވުމުން އޭގެ ފައިދާ ނެތިގެންދާ މައްދާއެކެވެ. އެހެންކަމުން އަބަދުވެސް މި ފަތް ރޯކޮށް ބޭނުން ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

ލޯ ސަލާމަތްކޮށް ދިނުން

ގަހުގެ ބާވަތަކުން ވިޓަމިން އޭ ލިއްބައިދޭ އެންމެ މުހިންމު އެއް ބާވަތަކީ ޕާރސްލީއެވެ. ކޮންމެ ދުވަހަކަށް ބޭނުންވާ ވަރަށް ވިޓަމިން އޭ ލިބޭ ނަމަ ލޮލުގެ ސިއްޙަތު ރަގަޅުކޮށް، ލޯ ހިކުމުން ދުރުކޮށް، ރޭކަނުވުމުން ރައްކާތެރިކޮށް ލޮލަށް މަސް އެރުމުން ސަލާމަތްކޮށްދޭނެއެވެ.