މިދުވަސްކޮޅު އިންޑިއާ އިން އޮސްޓްރޭލިއާ އަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. އިންޑިއާ އިން އޮސްޓްރޭލިއާ އަށް ދަތުރުކޮށްފި ނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލު ހުކުމަކާއި ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު އެ ގައުމުން ދީފިއެވެ.
އޮސްޓްރޭލިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި ފިޔަފަޅަކީ ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ގިނަބަޔަކު ކޮވިޑަށް ފައްސިވާތީ އަޅާފައިވާ ފިޔަވަޅެއެވެ. އަދި ކަރަންޓީން ފެސިލިޓީތަކުން ފައްސިވާ މިންވަރު ދަށް ކުރަން ބޭނުންވާ ކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ. މިދިޔަ ހަފުތާގައި އޮސްޓްރޭލިއާ އިން ވަނީ އިންޑިއާ އިން އަންނަ ފްލައިޓުތައް މަނާކޮށްފަ އެވެ.
އޮސްޓްރޭލިއާގެ މީޑިއާތައް ބުނާ ގޮތުގައި އަމިއްލަ ގައުމަށް ދަތުރުކޮށްގެން ޖިނާއީ ކުށަކާއި އެގައުމުގެ ރައްޔިތުން ކުރިމަތިލާން ޖެހޭ މިއީ ފުރަތަމަ ފަހަރެވެ.
އޮސްޓްރޭލިއާގެ ގާތްގަނޑަކަށް 9،000 މީހުން އިންޑިއާގައި ދިރިއުޅޭކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ގައުމުން ހަމަޖައްސާފައިވާ އައު އުސޫލާ ޚިލާފަށް އެއްވެސް މީހަކު ދަތުރުކޮށްފި ނަމަ ފަސް އެހަރުގެ ޖަލު ހުކުމެއް ނުވަތަ 51،000 ޑޮލަރުން ޖޫރިމަނާކުރުމުގެ ފުރުސަތު އެބަ އޮތެވެ.
ކޮވިޑް19 ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމުގައި ފައްސިވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ.
