އިންޑިއާގައި ބައްޕައަކު މިވަނީ އަންހެން ދަރިފުޅުގެ ގަޔަށް ބަޑިޖަހާ މަރާލާފައެވެ. އޭނާގެ ކުށަކަށްވެފައިވަނީ އާއިލާއިން ދެއްކި މީހަކާއި ކައިވެނި ކުރުމަށް އިންކާރުކޮށް، އޭނާ ލޯބިވާ މީހާއާ ކައިވެނިކުރުމަށް ބޭނުންވުމެވެ. 20 އަހަރުގެ ތަނޫ ގުރްޖަރް ވަނީ އޭނާ މަރާލުމުގެ ގަޑިއިރުތަކެއް ކުރިން، އޭނާގެ އަމިއްލަ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
އެ ވީޑިއޯގައި އޭނާގެ ނަމާއި، މަންމައާއި ބައްޕަގެ ނަން ހާމަކޮށްފައިވެއެވެ. އަދި އާއިލާ މީހުން އޭނަ ގައިގަ ތަޅާ އަނިޔާ ކުރާކަމާއި، މަރާލާނެ ކަމުގެ ބިރުދައްކާ އިންޒާރުދޭކަމަށްވެސް ވަނީ އެ ވީޑިއޯގައި ބުނެފައެވެ. އޭނާގެ ލޯބިވެރިޔާއާ ކައިވެނި ކުރުމަށް އާއިލާއިން އެންމެ ފުރަތަމަ ރުހުން ދީފައިވާކަމަށާއި، ފަހުން އެކަމާ ދެކޮޅުވީކަމަށްވެސް ތަނޫ ހާމަކުރިއެވެ. ތަނޫ ނަމަކަށް ކިޔާ މި ޒުވާނާ އެހެން މީހަކާ ކައިވެނި ކުރުވުމަށް އާއިލާއިން ކޮންމެ ދުވަހަކު ޕްރެޝަރ ކުރާކަމަށާއި، އޭނާއަށް އެއްވެސް ގޮތެއް ވެއްޖެނަމަ، ނުވަތަ މަރުވެއްޖެނަމަ އެކަމުގެ ޒިންމާދާރު ފަރާތަކަށް ވާނީ އޭނާގެ އާއިލާކަމަށް އޭނާވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯގައި ބުނެފައެވެ.
ތުހުމަތު ކުރެވޭ ގޮތުގައި، ސޯޝަލް މީޑިއާއަށް ލާފައިވާ ވީޑިއޯގެ ސަބަބުން އައި ރުޅީގައި، ތަނޫގެ ބައްޕަ މަހޭޝް ގުރްޖަރް އޭނާގެ ދަރިފުޅުގެ ގަޔަށް ބަޑިޖެހީ ނުހަނު ކައިރީގަ ހުރެއެވެ. ތަނޫގެ ދެބެއިންގެންދެދަރި ރާހުލްވަނީ މިކަމުގައި ތަނޫގެ ބައްޕައަށް ވާގިދީ އެހީތެރިވުމަށްޓަކައި އިތުރަށް ތަނޫގެ ގަޔަށް ބަޑިޖަހާފައެވެ. އިންޑިއާގެ އެކި ނޫސްތަކުން ހާމަކުރާ ގޮތުގައި، ތަނޫގެ ބައްޕަ، އޭނާގެ ދަރިފުޅުގެ މެޔަށް އަމާޒުކޮށް ބަޑިޖަހާފައިވާއިރު، ރާހުލްގެ ވަޒަން އަމާޒުކޮށްފައިވަނީ ތަނޫގެ ނިއްކުރިއާއި ކަރަށެވެ. ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯގެ ސަބަބުން ފުލުހުން އެ ސަރަހައްދަށް ގޮސްފައިވާއިރު، ބަޑިޖަހާފައި މި ޒުވާނާ މަރާލެވުނީ ފުލުހުން އެ ސަރަހައްދުގައި ވަނިކޮށްކަމަށް އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ. މަހޭޝް ހައްޔަރުކޮށްފައިވާއިރު، ރާހުލްވަނީ ފިސްތޯލާއެކު ފިލާފައިކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މި ކަންތައްތައް ވެގެން މިދިޔައީ މި ޖަނަވަރީމަހަށް ތަނޫގެ ކައިވެނި ހަމަޖެހިފައިވަނިކޮށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން