ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ތަނބަކީ ފަތުރުވެރިކަމުގެ ޞިނާޢަތެވެ. މި ޞިނާޢަތުގެ އެންމެ މުހިންމު ދާއިރާގައި ހިމެނެނީ ރިސޯޓުތަކެވެ. ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ލިބެނީ ޑޮލަރުންނެވެ. މުޅި އާމްދަނީ ބިނާވެފައިވަނީ ބޭރުފައިސާއަށޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް، ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް މުސާރަ ދެނީ ދިވެހި ރުފިޔާއިންނެވެ. މި ފަހަކާ ޖެހެންދެން ހުރިހާ ރިސޯޓަކުންވެސް ޑޮލަރުން ދެމުން ދިޔަ މުސާރަ ބައެއް ރިސޯޓުތަކުން ދިވެހި ފައިސާއަށް ބަދަލު ގެނައީ ގާނޫނަށް ގެނެވުނު ބައެއް ބަދަލުތަކުގެ ސަބަބުން ކަމަށް ހަބަރުފަތުރާ ވަސީލަތްތަކުގައި ބުނެފައި ވެއެވެ. މިފަދައިން މުސާރަދޭ ފައިސާ ބަދަލުކުރުން، މިއީ ވަރަށް ބޮޑު މައްސަލައެކެވެ.

ރިސޯޓުތަކަށް ޑޮލަރުން އާމްދަނީ ލިބޭއިރު، މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަ ދިނުމުން ދިމާވާ އެއް މައްސަލައަކީ ޤައުމުގެ އިޤްތިޞާދުގައި އެނބުރޭ ޑޮލަރުގެ އަދަދު މަދުވުމެވެ. ސަރުކާރަށް ފަހަރުގައި ޑޮލަރު ވަންނަ މިންވަރު އިތުރުވެދާނެއެވެ. ނަމަވެސް އާއްމުން އަތްފޯރާ ހިސާބުގައި އެނބުރޭ ޑޮލަރު ހަމަ ގައިމުވެސް މަދުވާނެއެވެ. މީގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވެ، ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވެއެވެ. މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމީ ޝައްކެތްވެސް އޮތްކަމެއް ނޫނެވެ. 

މިއަދުވެސް މާދަންވެސް ޑޮލަރުކޮޅެއް ބޭނުމްވެއްޖެނަމަ، ރިސޯޓެއްގައި އުޅޭ އާއިލާ މީހެއް ނުވަތަ ރައްޓެއްސެއްގެ އަތުން ޑޮލަރުކޮޅެއް މާރުކޮށްލައިގެން ނޫން ގޮތަކަށް، ފަސޭހަ މަގަކުން ޑޮލަރު ލިބޭކަށް ނޯވެއެވެ. ދިވެހި ފައިސާއިން މުސާރަ ދޭނަމަ، އެއްކަލަ ޑޮލަރެއް، އެމީހުންގެ އަތުގައިވެސް ނުހުންނާނެއެވެ. އަދި އެމީހުންވެސް ޑޮލަރު ހޯދަން އެގޮތް މިގޮތް ހޯދަން ޖެހޭނެއެވެ. 

އަދި ހަމައެހެންމެ، މުވައްޒަފުންނަށް ދިވެހި ރުފިޔާއިން މުސާރަ ދިނުމުން، ޑޮލަރުގެ އަގު މައްޗަށް ދާ ކޮންމެ ފަހަރަކު މުވައްޒަފުންގެ މުސާރައިގެ އަގު ދަށަށް ދެއެވެ. މިއީ މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރަށް ސީދާ އަސަރުކުރާނެ ކަމެކެވެ.

އެހެންކަމުން، ރިސޯޓުތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ޢަމަލުކުރުމުން، ޤައުމުގެ އިޤްތިޞާދުގައި އެނބުރޭ ޑޮލަރުގެ އަދަދު އިތުރުވެ، ޑޮލަރުގެ އަގު ހަމަޖެހޭ މިންގަނޑެއްގައި ހިފެހެއްޓުމަށް މަގުފަހިވާނެއެވެ. އަދި މުވައްޒަފުންގެ މުސާރައިގެ އަގުވެސް ހިފެހެއްޓިގެންދާނެއެވެ.

ޑޮލަރުގެ ކަޅު ބާޒާރަކީ ހުއްޓާލެވޭނެ އެއްޗެއް ނޫނެވެ! އެހެނީ ހުދު ބާޒާރެއް ގާއިމު ކުރުމީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ވާނެ ނަމަ، ދިވެހި ރާއްޖޭގައި އެކަން ކުރާނެތާ ކިތައްމެ ދުވަހެއް ވެއްޖެއެވެ. އެހެންކަމުން ސަރުކާރުތަކަށް އޮތް ގޮތަކީ ކަޅު ބާޒާރުގައި އެނބުރޭ ޑޮލަރުގެ އަގު ހިފެހެއްޓުމަށް ފިޔަވަޅުތައް އެޅުމެވެ. ހަމަ ގައިމުވެސް އެ ޑޮލަރުތައް މަދުކޮށްގެން އޭގެ އަގު ހެޔޮވާނެ ކަމަށް ހީކުރުމީ މޮޔައަކުވެސް ހީނުކުރާނެ ފަދަ ކޮސް ހިޔާލެކެވެ. އާއްމު ނިކަމެތި މީހާއަށް ފަސޭހަކަމާއެކު ޑޮލަރު ލިބޭ ހަމައެކަނި މަގަކީ ކަޅު ބާޒާރުކަމުން، މިއީ ހަރުދަނާ ކުރަންޖެހޭ ބާޒާރެކެވެ. ސަރުކާރުން މި ބާޒާރުގެ ތެރެއަށް ވަދެގެން ނަމަވެސް މެއެވެ.

ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަމަށް ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން އަވަސް ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ހަނދާންކޮށްލުމަށް ބުނެލަމެވެ. ހިޔާލަކީ ތަފާތު އެއްޗެކެވެ. އެއްމެންގެވެސް ހިޔާލުތަކަށް އިހްތިރާމުކޮށް ގަދަރުކުރަން ޖެހޭނެއެވެ. ނަމަވެސް އެއްޗެއް މަދުވުމުން އެ އެއްޗެއްގެ އަގު ހެޔޮވާނެ ގޮތަކީ ވުމަށްވުރެ ނުވުން ގާތް ގޮތެކެވެ.