ފެންވެރުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކުރާ ކަމެކެވެ. ނަމަވެސް، މިފަދަ އާދައިގެ ކަމަކުން ވެސް އަޅުގަނޑުމެންގެ ސިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަން ގިނަ ބަޔަކަށް އެނގިފައި ނުވާކަން ފާހަގަކުރެވެއެވެ. ފަހަކަށް އައިސް ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ފެންވަރަން ވަންނަ މީހުންނަށް ސްޓްރޯކް ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މިކަމުގެ މައިގަނޑު ސަބަބަކީ ބޮލަށް ކުއްލިއަކަށް ފިނި ފެން އެޅުމެވެ. ފެންވަރަން ވަންނައިރު ގިނަ ބައެއްގެ އާދައަކަށް ވަނީ އެންމެ ފުރަތަމަ ބޮލަށް ފެން އަޅާށެވެ. މިގޮތަށް ކުއްލިއަކަށް ފިނި ފެން ބޮލަށް އެޅުމުން، ބޮލާއި ސިކުނޑީގެ ލޭހޮޅިތައް ކުއްލިއަކަށް ހިމަވެގެންދެއެވެ. މީގެ ނަތީޖާއަކަށް ވަނީ ބޮލަށް ލޭ ފޮނުވައިދޭ ލޭ ހޮޅިތަކުގެ ޕްރެޝަރު ކުއްލިއަކަށް މަތިވުމެވެ.
މި ޙާލަތުގައި އެންމެ ނުރައްކާ ބޮޑުވަނީ ކޮލެސްޓްރޯލް މަތީ މީހުންނާއި، ލޭ މައްޗަށްދާ މީހުންނާއި، އަދި ހަކުރު ބަލި ހުންނަ މީހުންނަށެވެ. މިފަދަ ޙާލަތްތަކުގައި ސިކުނޑިއަށް ލޭ ފޮނުވައިދޭ ލޭހޮޅިއެއްގައި ގަނޑު ލޭކޮޅެއް ތާށިވެ، ލޭހޮޅިއެއް ބެދިގެން ސްޓްރޯކް ޖެހުމުގެ ފުރުޞަތު އޮވެދާނެއެވެ. އަދި ހަމައެހެންމެ، ލޭ ހޮޅީގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ލޭހޮޅިއެއް ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅި ސްޓްރޯކް ޖެހުމުގެ ފުރުޞަތު ވެސް އޮވެއެވެ. ފެންވަރާއިރު ސްޓްރޯކް ޖެހޭ ގިނަ މީހުންނަށް ސްޓްރޯކް ޖެހެނީ މިފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބައެއް ދިރާސާތަކުގައި ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން، ފެންވަރަން ވަންނައިރު ސަމާލުވާންޖެހޭ ބައެއް ކަންތައްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ކުއްލިއަކަށް ބޮލަށް ފިނި ފެން ނޭޅުމާއި، ފެންވަރަން ފެށުމުގެ ކުރިން ހަށިގަނޑު ހޫނުކޮށްލުން ހިމެނެއެވެ. އަދި ބޮލަށް އަޅާ ފެނުގެ ފިނިހޫނުމިން އާދައިގެ ވަރެއްގައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އަދި ޚާއްޞަކޮށް ކޮލެސްޓްރޯލް މަތީ މީހުންނާއި، ލޭ މައްޗަށްދާ މީހުންނާއި، ހަކުރު ބަލި ހުންނަ މީހުން މިކަމަށް އިތުރަށް ސަމާލުވުން މުހިންމެވެ.
ކޮންމެ ކަމެއްގައިވެސް ރައްކާތެރިކަމާއެކު ޢަމަލުކުރުމަކީ މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ދުޅަހެޔޮ ޞިއްޙަތަކީ އަގުހުރި އަމާނާތެކެވެ. އެހެންކަމުން، ކުދިކުދި ކަންކަމުގައިވެސް ސަމާލުކަން ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ފެންވަރަން ވަނުމުގައިވެސް ރައްކާތެރިކަމާއެކު ޢަމަލުކުރުމަކީ އަޅުގަނޑުމެންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
ހަވާލާ: ހެލްތްލައިން 2024
