ދަރިފުޅު ހުސްވަގުތުކޮޅުގައި އޭނާގެ ރައްޓެހިން އޭނާއާއެކު ނުކުޅުނީތީ ބޮޑާހާކަނީތޯއެވެ؟ ނުވަތަ އޭނާގެ އެއްބަނޑު އެއްބަފާ ކޮށްކޮ ނުވަތަ ބޭބެއަށް ބޮޑު ކޭކު ފަޅި ލިބުނީތީ ހުރީ ރުޅިއައިސަތޯއެވެ؟ އާދައިގެ މަތިން، އަޅުގަނޑުމެން ވަގުތުން އެކަން "ރަނގަޅުކުރަން" މަސައްކަތްކުރާނެއެވެ. އެހެނީ،  ދަރިފުޅު ކަންބޮޑުވެފައި ހުންނަތަން ދެކެން އެއްވެސް މަޔަކު ބަފަޔަކު ބޭނުންވާނެ ހެއްޔެވެ؟

ނަމަވެސް، ނަފްސާނީގޮތުން ވަރުގަދަ ކުދިން ތަރުބިއްޔަތުކުރުމަކީ އެކުދިންނަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކުން އެކުދިން ސަލާމަތްކުރުމެއް ނޫނެވެ - އެއީ އެކުދިންނަށް ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމެވެ. ނަފްސާނީގޮތުން ވަރުގަދަވުމަށް އެންމެ ރަނގަޅު ގޮތްތަކުގެ ތެރެއިން އެއްގޮތަކީ ކުދިންނަށް އެކުދިންގެ އިހްސާސްތަކުގެ ޒިންމާ ނެގުމުގެ ފުރުޞަތު ދިނުމެވެ.

ދަރިފުޅު އުނދަގޫ ކަންތައްތަކުން ސަލާމަތްކުރަން ބޭނުންވުމަކީ ޠަބީޢީ ކަމެކެވެ. ނަމަވެސް މައިންބަފައިން އެމީހުންގެ ދަރިފުޅުގެ އިހްސާސްތައް ބެލެހެއްޓުމުގެ ޒިންމާ ނަގާއިރު، އެމީހުން ނޭނގި ތިބެ އެކުދިންނަށް ދިރިއުޅުމުގެ އުފާވެރި އަދި ހިތާމަވެރި ވަގުތުތަކާ ކުރިމަތިލުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ނިގުޅައިގަނެއެވެ. އަމިއްލައަށް ހިތާމައާއި ނާކާމިޔާބުކަމާ ކުރިމަތިލާން ދަސްކުރުމުގެ ބަދަލުގައި، އެކުދިން ދަސްކުރަނީ އެފަދަ އުނދަގޫ އިހްސާސްތައް ފިލުވައިދިނުމަށް އެހެން މީހުންގެ މައްޗަށް ބަރޯސާވާށެވެ.

ކުދިންނަށް ބޭނުންވަނީ އުނދަގޫ އިހްސާސްތަކާ ކުރިމަތިލާން  އަމަލީގޮތުން ދަސްކުރުމުގެ ފުރުޞަތެވެ. އެހެންކަމުން، އިރުޝާދު ދޭށެވެ، ނަމަވެސް އެކުދިންގެ މަސައްކަތް މައިންބަފައިން ނުކުރާށެވެ. ކުދިންނަށް އެކުދިންގެ އިހްސާސްތަކުގެ ޒިންމާ ނެގުމުގެ ފުރުޞަތު ދިނުމުން - ބެލެނިވެރިންގެ އިރުޝާދާއެކު - އެކުދިން ބަދަލުވަނީ ވަރުގަދަ، ޤާބިލު ފަރުދުންނަށެވެ.