ރޯދަމަހަކީ އެމަހުގައި ފެން ބޮވޭ މިންވަރު ބޮޑުތަނުން މަދުވާ މަހެކެވެ. ދުވާލުގެ ވަގުތުގައި އެއްވެސް ވަރަކަށް ފެން ނުބޮއެ ހުންނަން ޖެހޭ މަހެކެވެ. އެހެންކަމުން ގައިން ފެންމަދުވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވެ ތިބުމަށް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހެއެވެ. ރޯދަ މަހު ފެން ބޮވޭ މިންވަރު މަދުމުގެ ސަބަބުން އާންމުކޮށް ދިމާވާ މައްސަލަތަކަކީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކެވެ. އެގޮތުން ޖަރާސީމު އަށަގަތުމާއި ގުރުދާ(ކިޑްނީ)ގައި ހިލަ އުފެދުން ފަދަ ކަންކަން މެދުވެރިވެއެވެ.

ފެންމަދުވުމުގެ ސަބަބުން ގުރުދާގައި ހިލަ އުފެދެން މެދުވެރިވެއެވެ. އެހެނީ ފެން މަދުވުމުގެ ސަބަބުން ކުޑަކަމުދާ ތަކެތީގައި ހުންނަ "ޔޫރިކް އެސިޑް" ނަމަކަށް ކިޔާ އެސިޑުގެ މި ބައި ގިނަވެއެވެ. އެހެންކަމުން ކުޑަކަމުދާ ތަކެތީގެ ޕީއެޗް ގެ އެސިޑުކަން ގަދަވެއެވެ. ކުޑަކަމުދާތަކެތި މިގޮތަށް ހުންނަ ކަމުގައިވަނީނަމަ، ހިލަ އުފެދުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ. އެހެނީ އެސިޑު ގިނަވުމަކީ ހިލައުފެދުމަށް މެދުވެރިކުރުވާ މައިގަނޑު އެއް ސަބަބެވެ.

ކުޑަކަމުދާ ތަކެތީގައި ޖަރާސީމު އަށަގަތުމަކީވެސް ރޯދަ މަހު ވަރަށް އާންމު ކަމެކެވެ. މިކަން ކުރިމަތިވަނީ އާންމުކޮަށް އަންހެނުންނަށެވެ. ކުޑަކަމުދާ ތަކެތީގެ ޖަރާސީމަށް ފަރުވާ ނުކުރެވި ގިނަދުވަސް ވެއްޖެނަމަ އެކަމުގެ އަސަރު ގުރުދާއަށް ކުރެއެވެ. ކުޑަކަމުދާތަކެތީގައި ޖަރާސީމު އަށަގެންފިނަމަ، ކުޑަކަމުދާއިރު ދިލަނެގުމާއި ދަށްބަނޑަށް ތަދުވުން އަދި އަވަސް އަވަހަށް ކުޑަކަމުދެވުން ހިމެނެއެވެ. މިގޮތަށް ޖަރާސީމު އަށަގަތުމަށް މެދުވެރިވަނީ މަސާނާ(ބްލެޑާރ) ތެރެއަށް ޖަރާސީމު ވަނުމުގެ ސަބަބުންނެވެ. މިކަމަށް މަގުފަހި ކުރުވާ ކަންތައްތަކެއް ހުރެއެވެ. އެއީ ކުޑަކަމުދާ ތަކެތީގެ ހޫނުކަމާއި ކުޑަކަމުދާ ތަކެތީގެ މިންވަރާއި އަދި އެ ތަކެތީގައި އެސިޑު ހުންނަ މިންވަރެވެ. ރޯދަ އަށް ހުރުމުގެ ސަބަބުން ފެން ނުބޮއެ ގިނައިރު ހުންނަން ޖެހުމުން މިކަންކަން މެދުވެރިވެދާނެއެވެ. އަދި ކުޑަކަމުދާ ތަކެތީގެ މިންވަރު މަދުވުމަކީ ޖަރާސީމު އާލާވެ ގިނަވާން މެދުވެރިވާ އެއް ސަބަބެވެ.

ގުރުދާގެ މަސައްކަތަށް ބުރުއަރުވާ އަނެއް ބައްޔަކީ ހަކުރު ބައްޔެވެ. އެހެންކަމުން ރޯދަމަހު، ހަކުރުބައްޔަށް ފަރުވާ ކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. ހަކުރު މަތިކޮށް ގިނަ މުއްދަތަކަށް ހުންނަ ނަމަ ގުރުދާގެ މަސައްކަތަށް އޭގެ ސަބަބުން ބުރޫ އަރައެވެ. އަދި ކުޑަކަމުދާ ތަކެތީގައި ޖަރާސީމު އަށަގަތުމަށް މަގުފަހިވެއެވެ. އެހެންކަމުން ކެއުމުގައި ވަކި ހާއްސަ މިންގަނޑުތަކެއް ގެންގުޅެ އެ މިންގަނޑުތަކުގައި ހިފަހައްޓަން ވާނެއެވެ. އަދި ފޮނި ކާ ތަކެތީގެ މިންވަރު މަދުކުރުން ވަރަށްވެސް މުހިންމެވެ.

އެހެންކަމުން ރޯދަމަހުގެ ރޭގަނޑުގެ ވަގުތުގައި މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުން ވަރަަށްވެސް މުހިންމެވެ. މަދުވެގެން 3 ލީޓަރުގެ ފެން ރޭގަނޑުގެ ވަގުތުގައި ބޮވޭތޯ ބަލަންވާނެއެވެ. ކުރަން ކިތަންމެ އުނދަގު ކަމެއް ކަމުގައި ވީނަމަވެސް ހިތްވަރުކޮށްލާފައި މިކަން ކުރުން ބުއްދިވެރިއެވެ. ބުއިންތަކުގެ ތެރެއިން ކެފެއިން ހުންނަ ބުއިންތަށް، ކޮފީ އަދި ކަޅުސައި ފަދަ ބުއިންތަށް ވީހާވެސް މަދުކޮށް، ތާޒާ މޭވާގެ ފަނި ބުއިން މުހިންމެވެ. އަދި ކާ ތަކެތީގައި ޕްރޮޓިން އަދި ލޮނުގެ މިންވަރު ވީހާވެސް މަދުކުރެވޭތޯ ބަލަންވާނެއެވެ. ފޮނި ތަކެތި މަދުކޮށް ހުތްކަން ހުންނަ ތަކެތި (މޭވާ) ކެއުންވެސް ވަރަށް މުހިންމެވެ. އެއީ ހުތަކީ ހަށިގަނޑުގައި ހުންނަ އެސިޑުގެ މިންވަރު ދައްކޮށްދޭ މާއްދާއެކެވެ.

ކުޅިކޮށް ކެއުމަކީ އޭގެ ސަބަބުންވެސް ކުޑަކަމުދާ ނިޒާމަށް ނުސީދާ އަސަރެއް ކުރުވާ ކަމެކެވެ. އެހެންކަމުން ކުޅި ގަދަކޮަށް ނުކެއުމަކީވެސް ކުރަންޖެހޭނޭ ކަމެކެވެ. ކޮންމެ އަކަސް މި ހުރިހާ ކަމެއްގެ މައްޗަށް އެންމެ އިސްވާ ކަމަކީ ގިނައިން ފެން ބުއިމެވެ. ގިނައިން ދިޔާތަކެތި ބުއިމެވެ. ދުޅަހެޔޮ ބުއިންތައް ގިނައިން ބުއިމެވެ. ރޯދަ މަހު ކުޑަކަމުދިއުމުގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ ލަފާހޯދުން މުހިންމެވެ. މާތް ﷲ އަޅަމެން އެންމެންގެ ސިއްހަތު ސަލާމަތުން ލަހައްޓަވައި ބާއްޖަވެރި، ދުޅަހެޔޮ ރޯދަމަހެއް އަޅަމެން އެންމެނަށް މިންވަރުކޮއްދެއްވާށި! އާމީން.