މާޅޮސްމަޑުލު އުތުރުބުރީގެ ތަރައްޤީގައި ދަތުރުފަތުރުގެ ނިޒާމުގެ މުހިންމުކަން ބޮޑު ކަމަށާއި، އެ ގޮތުން ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް ދެން އެންމެ އަވަހަށް ޤާއިމުވެގެންދާނެ އަތޮޅަކީ ރ.އަތޮޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ފަދައިން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

މި ގޮތުން، މި ހިނގާ 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ރ.އަތޮޅުގައި އަދި ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ އިޢުލާންކުރައްވާފައެވެ.

ރ. އުނގޫފާރު އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ހިއްސާކުރައްވާފައެވެ. މެދު އަދި ދުރު ރާސްތާ ވިސްނުންފުޅުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ މަސައްކަތްތައް ކުރެވެމުން ދާއިރު، ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ޚިދުމަތް ލިބޭ ރަށަކަށް ރ. އުނގޫފާރު ވެގެންދާނެ ކަމުގެ އުންމީދު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮންޖެހުންތަކާ ކުރިމަތިވި ކަމުގައި ވީ ނަމަވެސް، މޫސުމީ ގޮތުން ފުރުޞަތު ފަހިވުމާއެކު ރ. އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތްތައް، ވަޢުދުވެވަޑައިގެންފައި ވާ ގޮތަށް ފުރިހަމަކޮށް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގެ މި ދައުރުގައި، ރ. އުނގޫފާރުގައި 500 ހައުސިންގް ޔުނިޓްގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ މި ފަދައިން ރަށުގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަރބަން ސެންޓަރެއްގެ ފެންވަރުގައި ރަށް ތަރައްޤީވެގެން އަންނައިރު، 1 ދަންފަޅިއަށް ކިޔަވައިދެވޭނެ ގޮތަށް ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު ރަށުގެ ޞިއްޙީ ދާއިރާއަކީވެސް އެންމެ މަތީ ފަންތީގައި ޚިދުމަތްދޭ ދާއިރާއަކަށް ހެއްދެވުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެ ގޮތުން، 3 އަހަރު ދުވަހުގެ ޕްލޭނެއްގެ ދަށުން ރ. އުނގޫފާރުގެ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރެވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.