ނުވަ ދުވަސް ތެރޭގައި ރާއްޖޭގެ ނުވަ އަތޮޅެއްގައި ޕެޑަލްބޯޑަކުން ފަލިޖަހައިގެން ދުނިޔޭގެ ރެކޯޑެއް ހެދި މަޝްހޫރު އެކްސްޓްރީމް ސްޕޯޓްސް އެތްލީޓް ޑެމިއަން ރައިޑަރ އައު ރެކޯޑެއް ހަދަން އަންނަ މަހުގައި ރާއްޖެއަށް އަންނާނެ ކަމަށް ބުނެފި އެވެ.
"ތީރު" އަށް މައުލޫމާތު ދެމުން ޑެމިއަން ބުނީ އޭނާ ރާއްޖެއަށް މިފަހަރު އަންނަން ހަމަޖެހިފައިވަނީ އަނެއްކާވެސް ދުނިޔޭގެ ވޯލްޑް ރެކޯޑެއް ހެދުމުގެ އިތުރުން އެހެނިހެން މަގްސަދުތަކާއި އެކީގައި ކަމަށެވެ. ޑެމިއަން ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ މައްޗަށް ބިނާކޮށް ޑޮކިއުމެންޓްރީއެއް ހަދަމުން އަންނަ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
ރާއްޖޭގައި ވޯލްޑް ޕްރިމިއާ އަށް ޑޮކިއުމެންޓްރީއެއް ޕްރޮޑިއުސް ކުރަމުން އަންނަ ކަަމަށް ޑެމިއަން ބުންޏެވެ. މި ފިލްމު ފެބްރުއަރީ 25 ގައި ޕްރިމިއާ ކުރުމަށް އޭނާ ރާވާފައިވެ އެވެ. ޑެމިއަން ބުނީ ރިކޯޑް އިވެންޓް 7 ފެބުރުއަރީ ނުވަތަ 2 އޭޕްރީލްގައި ފަށާނެ ކަމަށެވެ. ޑެމިއަން ވަނީ އޭނާގެ ޑޮކިއުމެންޓްރީއަށް ޕާޓްނާޝިޕްގެ ފުރުސަތަށްވެސް ހުޅުވާލާފަ އެވެ. އަދި އިވެންޓް ސްޕޮންސަރ ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައި ވެއެވެ.
"ކްރޮސިން ދަ އީކުއޭޓަރ" ގައި ދައްކުވައިދޭނީ ރާއްޖޭގެ ކަނޑުތަކާއި ރަށްރަށާއި އެރަށްރަށުގައި ދިރިއުޅޭ ދިވެހިންގެ ދެމެދު އޮންނަ ސާދާ ގުޅުން. އުންމީދު ކުރަނީ (2023 ވަނަ އަހަރު ކުރި ދަތުރަށް) 2 އަހަރު ފުރުމުގެ މުނާސަބަތުގައި މި ފިލްމު ފެބްރުއަރީ 17 ވަނަ ދުވަހު ރިލީޒްވާނެ ކަމަށް
މިފަހަރުގެ ދަތުރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 870 ކިލޯމީޓަރަށް އޭނާ ދަތުރުކުރުމަށް ހަމަޖެހިފައި ވެއެެވެ. މުޅި ރާއްޖެ ވަށާ ކުރާ މި ދަތުރަށް 17 ދުވަސް ހޭދަވާނެ ކަމަށް އޭނާ ލަފާކޮށްފައިވެ އެވެ. އެއީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ ގަމުގެ ސަރަހައްދާއި ހަމައަށެވެ. މިއީ މިހާތަނަށް އެއްވެސް މީހަކު ގާއިމުކޮށްފައިނުވާ ރެކޯޑެކެވެ. ޑެމިއަންގެ ދަތުރުގައި އޭނާއާއި އެއްކޮށް އޮސްޓްރޭލިޔާގެ އަރަމުންދާ އެކްސްޓްރީމް ސްޕޯޓްސް ތަރި ޑޭނިއަލް ލައުޒުސްޒްވެސް ބައިވެރިވާނެ ކަމަށް ޑެމިއަން މައުލޫމާތު ދިނެވެ.
ޑެމިއަން ބުނީ ރާއްޖެއަށް އައިސްގެން ވޯލްޑް ރެކޯޑް ހެދުމަށް ހަމަޖެހިފައިވާ އިވެންޓް ނިންމުމަށްފަހު އޭނާ ރާއްޖެއަށް 2023 ވަނަ އަހަރު ކުރި ދަތުރުގައި ރަށްރަށުން ފެނުނު މަންޒަރުތައް ދައްކައިދޭ ބުކްލެޓް ލޯންޗް ކުރުމަށް ރާވާފައިވާ ކަމަށެވެ.
ޑެމިއަން ބުނީ އޭނާގެ މިފަހަރުގެ ދަތުރުގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖެ ޕްރޮމޯޓް ކުރުން ކަމަށެވެ. ޑެމިއަން ދެކޭ ގޮތުގައި ހުޅަނގުގައި ރާއްޖެ ބޮޑަށް ސަމާލުކަން ހޯދާފައިވަނީ ރިޒޯޓްތަކުގެ ޒަރީޔާއިންނެވެ. ރިޒޯޓްތަކެކޭ އެއްގޮތަށް ރާއްޖޭގެ ރަށްރަށަކީވެސް ހުޅަނގުގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު ތަނަަކަށް ވެވޭނެ ތަންތަން ކަމަށް ދެކޭ ކަމަަށް އޭނާ ބުނެފައި ވެއެެވެ.
މިއަހަރުގެ މި އިވެންޓުގައި އަޅުގަނޑުގެ އަމާޒަކީ ފިޓްނަސްއާއި ސިއްހަތާއި ވެލްނެސްގެ ދާއިރާއިން އެއްވަނަ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ރިސޯޓްތަކާއި ލޯކަލް އައިލެންޑްތައް ޕްރޮމޯޓް ކުރުން.
2023 ވަނަ އަހަރުގެ ފެބްރުވަރީ 17 ވަނަ ދުވަހު ޑެމިއަން ކުރި ދަތުރަށް ރާއްޖޭގެ ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. އެދަތުރުގައި ދުވާލަކު 12 ގަޑިއިރު މެދުކެނޑުމެއް ނެތި ކަނޑުގައި ފަލިޖަހައިގެން ޑެމިއަން ވަނީ 7 ރަށަކަށް މަޑުކޮށްފަ އެވެ.
މިހާތަނަށް ޑެމިއަން ވަނީ ޖުމްލަ 20 ވޯލްޑް ރިކޯޑްތައް ހަދާފަ އެެވެ. ޑެމިއަން ފުރިހަމަކުރި ތަފާތު ރިކޯޑްތަކުގެ ތެރޭގައި 3.8 ޓަނުގެ ޓްރަކެއް 12 ކިލޯމީޓަރުގެ ދުރުމިނަށް ދަމައިގަތުން ހިމެނެ އެވެ. އޭނާ އެ ޓްރަކް ދަމައިގަތީ ދަބަހެއްގައި ވައުފަށެއް އައްސައިގެން ނެވެ. އަދި އޮސްޓްރޭލިއާގެ ކަނޑުގައި 800 ކިލޯމީޓަރުގެ ދުރުމިނެއްގައި އެކުއާ ބައިކެއް ދުއްވުމުގެ ރިކޯޑް ހިމެނެ އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން