އިންޑިއާގެ އެންމެ މަޤުބޫލު ރިއަލިޓީ ޝޯވތަކުގެ ތެރޭ ހިމެނޭ "ބިގް ބޮސް"ގެ 14 ސީޒަން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު މި ޝޯވގެ ތެރެއިން މަޤުބޫލުކަން ހޯދި ފަންނާނުންވެސް ވަރަށް ގިނައެވެ. ޝޯވގައި ބައިވެރިވާ މަޝްހޫރު ފަންނާނުންގެ އިތުރުން ޝޯވއަށް ބެލުންތެރިންގެ ޝައުޤުވެރިކަން ދަމައިގަންނަ އެންމެ ބޮޑު ބާރަކީ ޝޯވގެ ހޯސްޓް ސަލްމާން ޚާންއެވެ. "ބިގް ބޮސް"ގެ ގޭގެ ތެރޭގައި ޖެހޭ މައްސަލަތަކާއި ހިނގާ ކަންތައްތައް، ސަލްމާން ނޫން މީހަކަށް އެހާ ރަނގަޅަށް ހައްލު ނުކުރެވޭނެކަމަށް "ބިގް ބޮސް"ގެ ފޭނުން އެއްބަސްވެއެވެ.
ހޯސްޓަށް ވުމުގެ އިތުރުން ޝޯވ ވަރަށް ގާތުން ބަލައި އޭނާގެ ނިންމުންތައް "ވީކެންޑް ކާ ވާރް" ގައި ހާމަކުރެއެވެ. އެ ބައިގައި ބައިވެރިންގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ރަނގަޅަށް ކުރަނީ ކޮން ބައިވެރިންނެއްތޯ ބަލައި ނަމޫނާ ދައްކާ ބައިވެރިން ފާހަގަކޮށް ޤަވާއިދާއި ޚިލާފުވާ ބައިވެރިންނަށް އަދަބުވެސް ދެއެވެ.
ޝޯވގެ ބައެއް ބައިވެރިން ޝޯވއާއި ވަކިވެގެން ދަނީ ސަލްމާންގެ ހިތާއި ހަމައަށް ވާސިލުވެފައެވެ. މިފަހަރު މި ހިމަނާލަނީ "ބިގް ބޮސް" އަށްފަހު ސަލްމާންގެ ފިލްމުތަކުން ފެނުނު 5 ފަންނާނުންނަށެވެ.
* ސަންތޯޝް ޝުކްލާ

"ބިގް ބޮސް 6" ގައި ބައިވެރިވެ މަޤުބޫލުކަން ހޯދި ސަންތޯޝް ޝުކްލާ ވަނީ ސަލްމާން ޚާންގެ "ޖެއި ހޯ"ގައި މާނިކް އަދި "ދަބަންގް 3"ގައި ޝުކްލާގެ ރޯލުން ފެނިގެން ގޮސްފައެވެ.
* އަރްމާން ކޯލީ

ކުރިން ބޮލީވުޑް ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ އަރްމާން ކޯލީ ވަނީ ސަލްމާން ޚާންގެ ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ"ގައި ޗިރާގް ސިންގގެ ރޯލު ކުޅެފައެވެ. އަރްމާން ބައިވެރިވެފައިވަނީ "ބިގް ބޮސް 7" ގައެވެ.
* މެހެކް ޗާހަލް

"ބިގް ބޮސް 5" އިން ވިދާލި މެހެކް ޗާހަލް ވަނީ ސަލްމާން ޚާންގެ "ވޯންޓެޑް" ގައި ޝައިނާގެ ރޯލު ކުޅެފައެވެ.
* ސަނާ ޚާން

ސަލްމާންގެ "ޖޭ ހޯ"ގައި ހޯމް މިނިސްޓަރުގެ އަންހެން ދަރިފުޅުގެ ރޯލުން ފެނިގެންދިޔަ ސަނާ ޚާންއަކީ "ބިގް ބޮސް 6" އިން ވިދާލި ފަންނާނެކެވެ.
* ގޯތަމް ގުލާޓީ

"ބިގް ބޮސް"ގެ 8 ވަނަ ސީޒަނުން ވިދާލި ގޯތަމް ގުލާޓީ، ސަލްމާންގެ ކުރިއަށް އޮތް ފިލްމު "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އިން ފެނިގެންދާނެއެވެ. މިމަހު 21 ގައި ޒީ5 ގައި މިފިލްމު ރިލީޒް ކުރާނެއެވެ.
