ރ. ފައިނު އެއަރޕޯޓުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން އިއުލާން ކުރެއްވީ ރ. އަތޮޅަށް މިހާރުކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ފައިނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފައިނުގެ ތަރައްގީއަށް ކުރަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެ މަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވެސް ފައިނުގައި އެއަރޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށާއި އެއީ ފައިނުގެ ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއެކީގައި މި އަންނަ މަހު، ފެބްރުއަރީ މަހުގެ ތެރޭގައި އެގްރީމެންޓް ކުރުމަށް މިހާރު ނިންމާފައި ކަމަށށެވެ. އަދި އެއަށްފަހު ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަންދެއްވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑު މި ރަށަށް އަންނަން އުންމީދު ކުރަނީ މި އެއަރޕޯޓް ހުޅުވަން އިރާދަކުރެއްވިއްޔާ"