ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މެޗުގައި ސަލްޒްބާގް އަތުން އެ ޓީމު މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ.

ރެއާލްގެ ފަރާތުން ހިތްގައިމު ލަނޑުތަކެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ލަނޑު، މެޗުގެ 23 ވަނަ މިނެޓުގައި ޖޫޑް ބެލިންގހަމް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ. އޭގެ އެގާރަ މިނެޓުފަހުން ރެއާލްގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ރޮޑްރިގޯއެވެ. މި ލަނޑުޖަހަން އެހީތެރިވެދިނީ ވެސް ބެލިންގހަމެވެ. 

ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިން ރެއާލްގެ ތިންވަނަ ގޯލަކީ ސަލްޒްބާގުގެ ކީޕަރު، ޔަނިސް ބްލަސްވިޗް އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ޖެހި ލަނޑެކެވެ. އެ ޓީމުގެ ކެޕްޓަން އަދި ކީޕަރު ބްލަސްވިޗް ވިސްނާނުލާ ކުރިއަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ އަތުލުމަށްފަހު އެމްބާޕޭ ވަނީ ފަސޭހަކަމާއެކު ގޯލްގެތެރެއަށް ފޮނުވާލައިފައެވެ.

ރެއާލްގެ އަނެއް ދެ ލަނޑުވެސް ޖަހައިދިނީ ބްރެޒިލްގެ ތަރި، ވިނީޝިއުސް ޖޫނިއާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ވިނީޝިއުސް އެވެ.

މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، ސަލްޒްބާގަށް ސުން ކަނޑުވާލައިދިނީ މެޑްސް ބިޑްސްޓްރުޕް އެވެ.

މިމޮޅާއެކު، ރެއާލް އޮތީ ޗެމްޕިއަންސް ލީގުގެ ލީގު ފިޔަވަހީގެ ބުރުގެ ތާވަލްގެ 16 ވަނައިގައެވެ. ރެއާލަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އެ ޓީމަށް ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްގެން، ގަދަ އަށެއްގައި ހިމެނުމުގެ އަމިއްލަ ބާރު ނެތް ނަމަވެސް، ހަނިފުރުޞަތެއް އެބައޮތެވެ. 

މި މެޗުން ބަލިވި ސަލްޒްބާގް އޮތީ ތިން ޕޮއިންޓާއެކު، 36 ޓީމު ހިމެނޭ ލީގު ފިޔަވަހީގެ ބުރުގެ ތާވަލްގެ ފުލުން ތިންވަނައިގައެވެ. އެ ޓީމު ވަނީ މުބާރާތުން ކަޓައިފައެވެ.