އާމަންޑޭ ބުނީމަ އެއީ ދިވެހިންގެ ތެރޭގައި އިތުރު ތައާރަފެއް ބޭނުން ނުވާނެ އެއްޗެއްކަން ގައިމެވެ. ސްކޫލުގެ އިމްތިހާނުތަކަށް ތައްޔާރުވާއިރުވެސް މީހާގެ ތޫނުފިލިކަން އިތުރުކުރުމަށް އާމަންޑް ބޭނުންކޮށް އުޅެ އެވެ. ހަމާއި އިސްތަށިގަނޑުގެ ރީތިކަމަށްވެސް މިއީ އެހާމެ ފުރިހަމަ އެއްޗެއްވެސް މެއެވެ. ނަމަވެސް ބަދަން އާއިލާއަށް ނިސްބަތްވާ އާމަންޑަކީ ސިއްހަތަށް ކިހާ މިންވަރަކަށް ފައިދާކޮށްދޭ އެއްޗެއްކަން އިނގޭތޯ އެވެ؟

ބަލިތަކަށް ރަނގަޅު ބަދަނެއް

އާމަންޑަކީ މެދުއިރުމަތިން ވުޖޫދުވީ އެއްޗެކެވެ.  ނަމަވެސް އެމެރިކާއަކީ މިހާރު ދުނިޔޭގައި އެންމެ ގިނައިން އާމަންޑް އުފައްދާ ގައުމެވެ.

އާމަންޑަކީ ސިއްހަތަށް އެކި ގޮތްގޮތުން ފައިދާތައް ލިއްބައިދޭ މުހިންމު ބަދަނުގެ ވައްތަރެކެވެ. އާމަންޑުގައި އެންޓި އޮކްސިޑެންޓްސް، ވިޓަމިން އީ، ޕްރޮޓީން، އަދި ފައިބާ ގިނައިން ހުރެ އެވެ. އޭގެ ތެރޭގައި ހިތުގެ ސިއްހަތަށް އެހީތެރިވުމާއި ލޭގެ ޕްރެޝަރު ދަށްކުރުމާއި އެހެނިހެން ކަންކަން ހިމެނެ އެވެ.

އާމަންޑަކީ ފޮނި ކާއެއްޗެހީގައި ބޭނުންކުރަން މަގުބޫލު އެއްޗެކެވެ. މި ބަދަނަކީ ކިރު، ތެޔޮ، ބަޓަރު، ފުށް، ޕޭސްޓް، ނުވަތަ މާޒިޕަން ފަދަ އުފެއްދުންތައް އުފެއްދުމަށް ވެސް ބޭނުން ކޮށް އުޅޭ އެއްޗެކެވެ.

އާމަންޑްގައި ފައިޓިކް އެސިޑް ގިނައިން ހުންނައިރު، މިއީ ހަށިގަނޑުގައިވާ ނުރަނގަޅު މާއްދާތައް ނައްތާލުމަށް ރަނގަޅު އެއްޗެކެވެ.

އާމަންޑަކީ ހަކުރުގެ މިންވަރު ދަށް ބަދަނެއް

އާމަންޑްގެ އިތުރު ފައިދާއަކީ އޭގައި ފާހަގަކޮށްލެވޭ މިންވަރަކަށް މެގްނީޒިއަމް ހުރުމެވެ. މެގްނީޒިއަމްގެ އެހީގައި ބްލަޑް ޝުގާ ލެވެލް ބެލެންސް ކޮށްދެ އެވެ. އާމަންޑްގައި ކާބްސް މަދު ނަމަވެސް ސިއްހަތަށް ފައިދާހުރި ފެޓްސް، ޕްރޮޓީން، އަދި ފައިބާ ގިނަ އެވެ. އެހެންކަމުން މިއީ ހަކުރުބަލި ހުންނަ މީހުންނަށްވެސް ފުރިހަމަ ޗޮއިސްއަކަށް ވެގެންދެ އެވެ.

އާމަންޑްގައި ހިމެނޭ ރަނގަޅު ކޮލެސްޓްރޯލް މާއްދާއިން ހަށިގަނޑުގައި ހުންނަ ވިހަ ކޮލެސްޓްރޯލްގެ ދައުރު ދަށްކޮށްދެ އެވެ.

ގިނަގިނައިން އާމަންޑް ކާނަމަ ބަރުދަން ލުއިކުރުމަށްވެސް އެހީތެރިވެ އެވެ. ސަބަބަކީ އާމަންޑްގައި ހިމެނޭ ފައިބާ މާއްދާގެ ސަބަބުން އެހާވަރަކަށް ބަނޑުހައި ހޫނު ނުވާނެ އެވެ.