ހެނދުނު ހޭޅުމަށްފަހު، އެންމެ ފުރަތަމަ ކަމަކަށް ފެން ބުއިމަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭނެ އާދައެކެވެ. ވަރަށް ގިނަ ގަޑިއިރުތަކެއް ވަންދެން ނިދުމަށްފަހު ހޭލާއިރު، ހަށިގަނޑު ހުންނާނީ ގުދުރަތީ ގޮތުން ޑީހައިޑްރޭޓްވެފައެވެ. އެހެންކަމުން ހޭލާގޮތަށް ފެން ބުއިމުން ހަށިގަނޑު ރީހައިޑްރޭޓް ވުމަށް އެހީތެރިވެދީ، ގުނަވަންތަކާއި ނިޒާމުތައް އަލުން އެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ. އަދި ހާއްސަކޮށް ފިނިފެން ބޯނަމަ ހަށިގަނޑުގައި ހުންނަ ހަކަތަ ބޭނުންކޮށްގެން، މެޓަބޮލިޒަމް ކުރިއަރުވަ ދެއެވެ.
މީގެ އިތުރުން ހެނދުނު ފެން ބުއިމުގެ ސަބަބުން ލިބޭ ހައިޑްރޭޝަންގެ ސަބަބުން އެއްރޭ ވަންދެން ހަށިގަނޑުގައި ޖަމާވެފައިވާ ހުންނަ ވިހަތައް ފޮހެލުމަށް އެހީތެރިވެދީ، ކިޑްނީ އާއި ފުރަމޭގެ ސިއްހަތު ރަނގަޅުކޮށްދެ އެވެ. ގަވާއިދުން ހެނދުނު ހޭލާގޮތަށް ފެން ބޯނަމަ ލިބޭ އެހެން ފައިދާއަކަށް ބަލާލާ އިރު، ހަމުގެ ސިއްހަތު ރަނގަޅުވެ، ހަންގަނޑަށް އިތުރަށް ދިރުން ލިއްބައިދީ، ހިކިކަން ކުޑަވެ، އަދި ފެން ބޯއިރު ލުނބޯ ފޮއްޗެއް ބޭނުން ކުރާނަމަ، އޭގައި އެކުލެވޭ ވިޓަމިން ސީ އިން ހަންގަނޑުގައި ކޮލަޖަން އުފެއްދުން އިތުރުކޮށްދެ އެވެ.
އަދި ޑީހައިޑްރޭޝަންގެ ސަބަބުން ކުރިމަތިވާ ވަރުބަލިކަމާއި ސިކުނޑީގައި އުފެދޭ "ފޮގް" އާއި ދެކޮޅަށް މަސައްކަތްކޮށް، ހަކަތަ އިތުރުކުރުމަށް ފެނުން އެހީތެރިވެދެ އެވެ. އެންމެ ފަހު ކަމަކަށް، ޑީހައިޑްރޭޝަން އަކީ ބައެއް ފަހަރު ރުޅިގަދަވުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން ހައިޑްރޭޓް ވެފައި ހުރުމުން އެމީހާގެ މިޒާޖަށް އެދުވަހު ހެޔޮ އަސަރުތަކެއް ކުރާނެއެވެ. އެހެންކަމުން، ފެން ތައްޓަކުން ދުވަސް ފެށުމުން ދުވަހުގެ ބާކީ އޮތްބައިގައި ދުޅަހެޔޮކަމާއި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ކުރިއެރުން ލިބެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން