ރޯދަ އަށް ހުރުމުން ސިކުނޑިއަަށް އަންނަ ބަދަލުތަކާ ބެހޭ ދިރާސާއެއް ސައިންސުވެރިން ކޮށްފިއެވެ. ނަމަވެސް މި ދިރާސާގައި ސައިންސުވެރިން ބޭނުން ކޮށްފައިވަނީ މީދަލެކެވެ. އެހެނީ މީދަލުގެ ހަށިގަނޑުގެ ގުނަވަނަތައް މަސައްކަތްކުރަނީ އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކާއި ދާދި އެއްގޮތަށެވެ. އެތަކެއް ބޭސްތަކާއި އެތަކެއް ވެކްސިންތަކެއް އިންސާނުންނަށް ދިނުމުގެ ކުރުމުގެ ކުރިން މީދަލުގެ ހަށިގަނޑަށް ދެއެވެ. އެއީ އެ ބޭހުން ނުވަތަ އެ ވެކްސިނުން އިންސާނުންނަށް ކޮއްފާނެ އަސަރު ދެނެގަތުމަށެވެ. އަދި ކާމިޔާބުތޯ ބެލުމަށެވެ.
ސައިންސުވެރިންގެ މި ދިރާސާގައި ރޯދަ އަށް ހުރުމުން ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމަށް ވަނީ ހާމަކޮށްފައެވެ. މި ދިރާސާ ކޮށްފައިވަނީ ދޯހާ އިންސްޓިޓިއުޓު ފޯރ ގްރެޖުއޭޓް ސްޓަޑީސްގެ ސްކޫލް އޮފް ސައިކޮލޮޖީގެ ޕްރޮފެސަރުންނެވެ.
އާންމު އިންސާނެއްގެ ސިކުނޑީގައި 100 ބިލިޔަނައްވުރެ ގިނަ ސެލް ހުރެއެވެ. އަދި ހަށިގަނޑުގައި އުފައްދާ ހަކަތައިގެ %22 ހަކަތަ ސިކުނޑިން ބޭނުން ކުރެއެވެ. ނަމަވެސް ހަށިގަނޑުން ބާރު ދަށްވާކަމުގައި ވަނީނަމަ ސިކުނޑީގެ މަސައްކަތް ހަލުއި ކުރުވައެވެ. ރޯދަ އަށް ހުރުމުން މިކަން މިހެން ހިނގާނެއެވެ. ސިކުނޑީގެ ސެލްތަކަށް ބޭނުންވާ ކާނާ އެންމެ ގިނައިން ލިބެނީ ލޭގައި ހުންނަ ހަކުރުގެ ބާވަތަކުންނެވެ. މިއީ ހަށިގަނޑުގެ ބޮޑެތި މަސްތަކުގައި ރައްކާކޮށްފައި ހުންނަ ހަކުރުގެ އެހެން ބާވަތަކުން އުފެދޭ ހަކުރުގެ ބާވަތެކެވެ. ހަކުރުގެ މި ބާވަތް ގިނައިން އުފައްދަން ޖެހޭނަމަ ހަށިގަނޑުގެ ބޮޑެތި މަސްތަކުގެ ބާރު ދަށްވާން މެދުވެރިވެދާނެއެވެ. ރޯދަ އަށް ހުރުމުގެ ސަބަބުން ލޭގައި ހުންނަ މި މާއްދާ މަދުވާން ފަށައެވެ. ނަމަވެސް ރޯދަ އަށް ހުރުމުން ފުރަމޭގައި ޖަމާވެފައިވާ ސަރުބީތައް ވިރެން ފަށައެވެ. މިކަމުގެ ތެރޭގައި ކީޓޯން ނަމަކަށް ކިޔާ މާއްދާއެއް އުފެދެއެވެ. މި މާއްދާއަކީ ސިކުނޑީގެ ސެލްތަކުގެ މަސައްކަތް އިތުރުކުރުމަށް ވަރަށްބޮޑަށް އެހީ ވެދޭ މާއްދާއެކެވެ. އެހެންކަމުން ސިކުނޑީގެ ސެލްތަކުގެ ކާނާއެއްގެ ގޮތުގައި ކީޓޯންސް ބޭނުން ކުރެވެން ފަށައެވެ. އެހިސާބުން އިސްވެ ދެންނެވުނު ހަކުރުގެ ބާވަތް، ގިނައިން އުފައްދާކަށް ނުޖެހެއެވެ. ނަތީޖާއަކީ ހަށިގަނޑުގެ ބޮޑެތި މަސްތަކުން ވަރުދެރަވިޔަނުދީ ހިފެހެއްޓުމެވެ.
ރޯދައަށް ހުރުމުން ހަށިގަނޑުގައި ޕްރޮޓީންގެ މާއްދާއެއް އުފެދެން ފަށައެވެ. މި މާއްދާއިން ސިކުނޑީގެ ސެލްތަކުގެ ބާރު ވަރުގަދަކޮއްދީ އިތުރު ސެލްތައް އުފެއްދުމަށް އެހީވެދެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ހަނދާންގަދަ ވުމާއި ތޫނުފިލިކަން އިތުރުކޮށްދެއެވެ.
މީގެ އިތުރުން ސިކުނޑީގެ ސެލްތަކުގައި ހަކަތަ އުފައްދާ މައި މަރުކަޒު ކަމުގައިވާ މައިޓްރޯކޮންޑްރިޔާ ގެ ގާބިލިއްޔަތުކަން އިތުރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑީގެ ސެލްތަކުގެ ބާރު ގަދަވެގެން ދެއެވެ. ހަމަ އެއާއި އެކު ރޯދައަށް ހުރުމުން ލޭގައި ދައުރުވާ ކާނާގެ މިންވަރު މަދުވުމުން، ސިކުނޑީގައި ހުންނަ ބަލި ނުވަތަ ދުވަސްވީ ސެލްތައް މަރުވެއެވެ. އެއާއި އެކު އިސްވެ ދެންނެވުނު ޕްރޮޓީންގެ ސަބަބުން އައު ސެލްތައް އުފެދެން ފަށައެވެ. ކަންމިހެންވުމުން ސިކުނޑީގެ ސެލްތަކުގެ ލަޝްކަރުގެ ދުޅަހެޔޮކަން އިތުރުވެއެވެ.
ސައިންސުވެރިން ބުނާގޮތުގައި މީދަލުގެ ހަށިގަނޑުން މި ބަދަލުތައް ފެނުނު ނަމަވެސް އަދި މި ބަދަލުތައް އިންސާނެއްގެ ހަށިގަނޑު ބޭނުންކޮށްގެން ދިރާސާއެއް ނުކުރެވެއެވެ. އެހެނަސް މީދަލުގެ މި ދިރާސައިގެ %70 އަކީ ހަމަ ގައިމުވެސް އިންސާނުންގެ ސިކުނޑިންވެސް ފެންނާނެ ބަދަލުތަކެކެވެ.
ރޯދަ އަށް ހުރުމަކީ ހުރިހާ ގޮތަކުންވެސް ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ހުރިހާ ކަމަކަށް ކެތްކުރަން ދަސްވުމާއި ނަފްސު މައިތިރި ކުރުމުގެ ކުޅަދާނަކަން ލިބުމަކީ ރޯދައަށް ހުންނައިރު ލިބޭ ނަފްސާނީ ވަރަށް ބޮޑު ފައިދާއެކެވެ.
