ރޭގަނޑު 11 ޖަހާއިރު، އަދި އެއް އެޕިސޯޑަށްފަހު ނިދަން ދާނެކަމަށް ހިތުގައޮވެއެވެ. ނަމަވެސް 2 ގަޑިއިރު ފަހުން، ސީޒަންގެ ދެބައިކުޅަ އެއްބަޔާ ހަމައަށް ގޮސް، ލޯ ރަތްވެ، ހިތުގެ ވިންދު އަވަސްވެ، އަނެއްދުވަހުގެ އެލާމް ނުރައްކަލެއްގެ ގޮތުގައި ފެންނަން ފަށައެވެ. މިއީ އާދައިގެ ކަމެއްތޯއެވެ؟ "ނެޓްފްލިކްސް ބިންޖް ކަލްޗަރ" އަށް މަރުޙަބާ ކިޔަމެވެ.
އިންސާނާގެ ހަށިގަނޑަށް ބޭނުންވަނީ 7-9 ގަޑިއިރުގެ ނިދުމެވެ. އެއީ ހަކަތަ އާކޮށް، އާންމު އިންސާނެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައެވެ. ނިދުމުން މަހުރޫމުވުމުން ، ސިކުނޑި ވެގެންދަނީ ބެޓެރީ ހުސްވެފައިވާ ފޯނެއް ފަދައިންނެވެ. ލަސްވެ، އިތުބާރު ކުޑަވެ، ކޮންމެ ވަގުތެއްގައިވެސް ނިއްވިދާނެ އެއްޗަކަށެވެ. ނިދިން މަހުރޫމް ވުމަކީ ހަނދާނަށާއި، ސަމާލުކަމަށާއި، އަދި ދިފާޢީ ނިޒާމަށްވެސް އަސަރުކޮށް، ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވާކަމެކެވެ.
ނެޓްފްލިކްސްގެ އަސަރު
ސްޓްރީމިންގ ޕްލެޓްފޯމްތަކަށް އިންސާނާ ޓީވީ ކުރިމަތީ ބޭންދުމުގެ އުކުޅުތައް އެނގެއެވެ. އޮޓޯޕްލޭ، ސަސްޕެންސްފުލް ނިމުންތައް، އަދި ނުނިމޭ ކޮންޓެންޓާއެކު، އަހަރެމެންނަށް މަޑުނުކޮށް ދިއުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް އިތުރު އެޕިސޯޑަކަށްޓަކައި ނިދުން ގެއްލުވާލުމުން ލިބެނީ ވަރުބަލިކަމާއި، ރުޅިވެރިކަމާއި، ނުބައި ނިންމުންތަކެވެ.
މިކަމުން ސަލާމަތްވާނެ މަގު
1. ނިދުމުގެ ވަގުތު ކަނޑައެޅުން:ނިދަންޖެހޭ ވަގުތު ކަނޑައަޅައި، އެޕިސޯޑެއްގެ މެދުތެރެއިން ނަމަވެސް ހުއްޓާލުން.
2. އޮޓޯޕްލޭ ނިއްވާލުން: އެޕިސޯޑުތައް އަމިއްލައަށް ޗޫސްކުރުމަށްޓަކައި އޮޓޯޕްލޭ ނިއްވާލުން.
3. ނިދުމުގެ ކުރިން ހަމަޖެހުން:ސްކްރީން ބަލާ ވަގުތު ފޮތް ކިޔުމަށް ނުވަތަ ހިތްހަމަޖެހޭ އާދަތަކަށް ބަދަލުކޮށް، ސިކުނޑި މަޑުމަޑުން ހަމަޖެއްސުން.
4. ނިދުމަށް އިސްކަންދިނުން: ހަނދާންކުރަންވީ އެއްވެސް ޝޯއެއް ސިއްޙަތަށްވުރެ މުހިންމެއް ނޫންކަމެވެ. ސީޒަން ނިންމުމަށް މާދަމާވެސް ވަގުތު އޮންނާނެއެވެ.
ވީމާ މިފަދަ ހަށިގަނޑާއި ސިއްޙަތަށް ގެއްލުންހުރި ކަންކަމުން ދުރުހެލިވެ ކާމިޔާބު އިންސާނަކަށް ވުމުގެ އަޒުމުއާކޮށް ގަޑިއަށް ނިދުމަށްފަހު އަވަހަށް ހޭލަން އާދަކުރަންވީއެވެ.