ޖިންނި ޝައިޠާނުންނަކީ މި ދުނިޔޭގައި މާތް ﷲ ލައްވަވާފައިވާ މަޚުލޫގުންތަކެކެވެ. މިއީ މީގެ އަހަރުތަކެއް ކުރިން ކުވެއިތުގައި ހިނގައިދިޔަ ހަގީގީ ހާދިސާއެކެވެ. އެގައުމުގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިއެކެވެ. އެކި އެކި ހަފްލާތަކާއި ތަންތަނުގައި ލަވަކިޔާ ހަދާ އަންހެނެވެ. އޭނާގެ ނަމަކީ ނޫރާ ތަކައްކާ އެވެ.

އެއްރެއަކު މި އަންހެނާގެ ގާތަށް މީހަކު އައެވެ. އަދި ކައިވެނި ޕާޓީއެއްގައި ލަވަކިޔައިދިނުމަށް ދައުވަތު ދިނެވެ. މިއީ ނޫރާ އަށް އައު ކަމެއް ނޫނެވެ. އެ ދިން ދައުވަތު ގަބޫލުކޮށް، އެ ދައުވަތުގައި އޮތް ތަނަކަށް، އެ އޮތް ވަގުތަކަށް ނޫރާ އާއި އޭނާގެ ބޭންޑު ދިޔައެވެ.

ތަނުގެ ބޭރުގައި މާ ގަދަ އަލިކަމެއް ނެތަސް، ތަނުގެ އެތެރެއަށް ނޫރާމެން ވަދެގެން ދިޔައިރު އޮތީ ދިއްލާ އަލިކޮށްފައެވެ. ކައިވެނީގެ ހަފްލާއަށް އެއްވެ ތިބި މީހުން މަދެއް ނޫނެވެ. ކައިވެނި ކުރެވުނު ދެމީހުންވެސް، އެ ދެމީހުންގެ މަގާމުގައި ތިއްބެވެ.

ނޫރާ އާއި އޭނާގެ ބޭންޑުން އެ ހަފްލާގައި ލަވަކިޔަމުން ދިޔައެވެ. އިރުކޮޅެއް ފަހުން އެ ބޭންޑުގެ އެއް ބައިވެރި އަކު، ދެލޯ ބޮޑުވެ ބިރުގަނެ ތުރުތުރު އަޅަން ފެށިއެވެ. ބޭންޑުގެ އެހެން ބައިވެރިން ސުވާލު ކުރުމުން ޖަވާބުގައި އޭނާ ބުނީ، ހަފްލާއަށް އެއްވެ ތިބި މީހުންގެ ތެރެއިން އަންހެނަކު، އޭނާގެ ހެދުން ހިއްލާލަނިކޮށް ތިމަންނާއަށް ފެނުނު ކަމަށާއި އަދި ފެނުނީ އިންސާނެއްގެ ދެ ފައި ނޫން ކަމަށާއި އެއީ ހިމާރެއްގެ ދެ ފައި ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް ބޭންޑުގެ އެހެން އެއްވެސް މީހަކަށް އެފަދަ މަންޒަރެއް ފެނިފައި ނުވާތީ، އެއީ ހީވި ގޮތެއް ކަމަށް ނިންމާ ލަވަކިޔުމައިގެން ކުރިއަށްދާން އެމީހުން ގަސްތު ކުޅައެވެ.

މިގޮތަށް އަނެއްކާވެސް އިރުކޮޅަކު ލަވަ ކިޔަން ތިއްބާ ކުއްލި އަކަށް، ހަފްލާގެ ބައިވެރި އަކު ބިރުވެރިގޮތަކަށް ހަޅޭލަވާ ބިންމައްޗަށް ވެއްޓި ފުރުޅެން ފެށިއެވެ. ނަމަވެސް އޭނާއަށް އެހީވުމަށް އެއްވެސް މީހަކު ނުދިޔައެވެ. މިގޮތަށް ފަހަރަކު މީހަކު "މޮޔަވާން" ފެށިއެވެ. ބިރުވެރި އަޑު އަޑުލައްވާން ފެށިއެވެ. ގިނަބަޔަކަށް އެހެން ވުމާއި އެކު މުޅި ތަނުންހެން ކަރަންޓު ކެނޑިއްޖެއެވެ. 

ނޫރާ އާއި އޭނާގެ ބޭންޑުގެ ބައިވެރިން އަވަސް އަވަހަށް ދުވެފައި އެ ގެއިން ނުކުންނަން ދިޔައެވެ. އަނދިރިކަމުން، ބައްތިގަނޑެއްގެ އަލީގައި ނޫރާމެން އެގޭގެ ތެރެއިން ނުކުތެވެ. އަދި އެ މަގުން އަވަށްތެރެއަށް ދާން ބާރު ހިނގުމެއްގައި ހިނގައިގަތެވެ. މާ ދުރަށް ނުދެވެނީސް މުސްކުޅި ބޭބެއަކާއި ބައްދަލުވިއެވެ. އަދި ވީ ގޮތް ކިޔައިދިނެވެ.

"ސުބްހާނަ ﷲ!" ހައިރާންވެފައިވާ ހާލު އެ ބޭބެ ބުންޏެވެ! އެ ބޭބެ ބުނި ގޮތުގައި އެއީ ފަޅު ގެއެކެވެ. އެ ގޭ ފަޅުކޮށް ހުންނަތާ 50 އެތައް އަހަރެއް ވެދާނެއެވެ. އެ ގެއަކު ކައިވެނި ހަފްލާއެއް ނޯންނާނެއެވެ. ނަމަވެސް ނޫރާމެން އެ އައީ އެ ގެއިންނެވެ. ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ އެހެންކަމުން އެ ބޭބެއާއި އެކު އެ ގޭ ދޮށަށް ދިއުމަށް ނޫރާމެން ހިނގައިގަތީ އެ ބޭބެގެ ވެސް އާދޭހާއި އެކުގައެވެ.

ނޫރާމެން އެ ގެއަށް ދިޔަ އިރު އެއްވެސް އަލިކަމެއް ނެތެވެ. އެއްވެސް އަޑެއް ވެސް ނީވެއެވެ. ގޭގެ ތެރެއަށް ވަދެގެން ދިޔައިރު ފެނުނީ ވީރާނާވެ ބައުވެފައިވާ ގެއެކެވެ. ގެވަޅު ތެރޭހުރި އުސް އަށިގަނޑެއް ފާޑު ތަނެއްގައި ނޫރާމެން ލަވަ ކިޔަން ގެންގުޅު ސާމާނުތައް ހުއްޓެވެ. އެނޫން އެއްވެސް އެއްޗެއް އެ ގެއަކު ނެތެވެ. އާނއެކެވެ! އެއީ ފަޅު ގެއެކެވެ! ނޫރާމެންނަށް އެ ދެވުނީ ޖިންނީންގެ ދަރުބާރަކަށެވެ! އެއީ އިންސާނުންގެ ޖަމާއަތެއް ނޫނެވެ!

މިކަން އެނގުމާއި އެކު، ޖެހިގެން އައި ދުވަހު، ނޫރާ އާއި އޭނާގެ ބޭންޑުގެ އެންމެންނަށް ގަދަ ހުމެއް ޖެހުނެވެ! ޝައިޠާނުންނަކީ އިންސާނުންގެ ތެރޭގައި އުޅޭ ބައެކެވެ. ޖިންނީންނަކީވެސް މަޚުލޫގެކެވެ. އަހަރެމެންނަށް އޮތީ އެ އެއްޗެހީގެ ކިބައިން ސަލާމަތް ވުމެވެ. އެ މަގު ހާސިލްކުރެވެން އޮތީ ކީރިތި ޤުރުއާނާއި ސުންނަތަށް ތަބައަވެގެންނެވެ.