ވެލެންސިއާ ކޮޅަށް ލަނޑުގޯންޏެއް އޮއްސާލައި، ބާސެލޯނާ އިން ސްޕެނިޝް ލީގުގައި މޮޅުނުވުމުގެ ރެކޯޑް ނިމުމަކަށް ގެނެސްފިއެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 7-1 އިންނެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބާސެލޯނާ މޮޅުވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ބާސެލޯނާ އިން ޖެހި ހަތް ލަނޑުގެ ތެރެއިން އެ ޓީމުގެ ފާމިން ލޮޕޭޒް ވަނީ ދެ ގޯލްޖަހައިފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ފްރެންކީ ޑި ޔޯން، ފެރާން ޓޮރޭޒް، ރަފީނިއާ، ރޮބަޓް ލެވަންޑޯސްކީ އެވެ. މި މެޗުގައި ބާސެލޯނާ އިން ޖެހި ފަހު ލަނޑަކީ، ވެލެންސިއާގެ ޑިފެންޑަރު، ސެޒާ ޓަރޭގާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ވެލެންސިއާގެ ހަމައެކަނި ލަނޑުޖަހައިދިނީ ހޫގޯ ޑުރޯ އެވެ.
މި ނަތީޖާއާއެކު، ބާސެލޯނާ އުޅެނީ ތާވަލްގެ ތިންވަނައިގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. އެންމެ ކުރީގަ އުޅޭ ވާދަވެރި ރެއާލް މެޑްރިޑާއި ބާސެލޯނާއާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ރެއާލްގެ ފަހަތުން ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 21 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.
މި މެޗުން ބަލިވި ވެލެންސިއާ އޮތީ ފުލުން ދެވަނައިގައެވެ. ރެލިގޭޝަން ޒޯންގައި އޮތް ވެލެންސިއާ އަށް 21 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.