އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ފުލަމް 1-0 އިން މެންޗެސްޓާ ޔުނައިޓެޑުން ސީޒަން ސަލާމަތްކުރުމުގައި މުހިއްމު ފިޔަވަޅެއް ކުރިއަށްޖެހިލައިފިއެވެ.
ރޭގެ މެޗަކީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވި ދެވަނަ ފަހަރެވެ.
ފުލަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 78 ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ޑިފެންޑަރު، ލިސަންދްރޯ މާޓިނޭޒް އެވެ.
މި މޮޅާއެކު، ޔުނައިޓެޑް ވަނީ ތާވަލްގެ 12 ވަނަ އަށް އަރައިފައެވެ. ރޭގެ މެޗަށް ނިކުތްއިރު 15 ވަނައިގައި އޮތް ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 23 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. މިއާއެކު، ގަދަ ހަތަރެއްގެ ރޭހުގައި ހިމެނޭ ޓީމުތަކާ އެ ޓީމާ ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
މި މެޗުން ބަލިވި ފުލަމް އުޅެނީ 10 ވަނައިގައެވެ. އެ ޓީމަށް 23 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ.
މި މުބާރާތުގައި ޔުނައިޓެޑަށް ދެން އޮތީ އަންނަ މަހުގެ ދެވަނަ ދުވަހު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން