އެމެރިކާގައި ޓިކްޓޮކް ގަތުމަށް ބޮޑެތި އިންވެސްޓަރުންތަކެއް ވާދަކުރަމުންދާ ކަމަށް ބުނެ، އެކަމާ ގުޅޭ ޚަބަރެއް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މިގޮތުން، މަޝްހޫރު ޔޫޓިއުބަރު މިސްޓަރ ބީސްޓް ކަމަށްވާ ޖިމީ ޑޮނަލްޑްސަން އާއި، ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޮން މަސްކް އަދި ބިލިއަނަރު އިންވެސްޓަރު ފްރޭންކް މެކޯޓް ހިމެނެއެވެ.
ޓިކްޓޮކް ގަތުމަށް ޝައުގުވެރިކަން ފާޅުކުރަމުން، މިސްޓަރ ބީސްޓް ވަނީ އޭނާގެ ޓިކްޓޮކް ފޮލޯވަރުންނާ މުޚާތަބުކޮށް، އެޕްލިކޭޝަންގެ އައު ސީއީއޯ އަކަށް ވެދާނެކަމަށް ބުނެފައެވެ. އަދި އޭނާގެ ޕޯސްޓަށް 73 މިލިއަނަށްވުރެ ގިނަ ވިއު ލިބިފައިވާކަމަށް ވެސް ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓިކްޓޮކް ގަތުމަށް އެމެރިކާގެ 50 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ އެއް އުފެއްދުމަށް ހުށަހަޅާފައެވެ. އަދި އީލޮން މަސްކް އަށް ޓިކްޓޮކް ގަތުމަށް ތާއީދުކުރާކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އޮރަކަލްގެ ޗެއަރމަން ލެރީ އެލިސަން އަދި ޕްރޮޖެކްޓް ލިބަރޓީ އިންސްޓިޓިއުޓްގެ ފްރޭންކް މެކޯޓް ވެސް ވަނީ ޓިކްޓޮކް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ނަމަވެސް، ޓިކްޓޮކްގެ މުސްތަގުބަލު އަދިވެސް އޮތީ އަނދިރީގައެވެ. ޖޯޖްޓައުން ޔުނިވަރސިޓީގެ ޕްރޮފެސަރ އަނުޕަމް ޗަންދަރ ބުނާ ގޮތުގައި، މި ބޮޑު މައުލޫމާތު ޕްލެޓްފޯމެއްގެ މުސްތަގުބަލު މިފަދަ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ލުމަކީ ރަނގަޅު ގޮތެއް ނޫނެވެ.