މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފިއެވެ.

މި މަގާމަށް އައްޔަންކޮށްފައިވަނީ އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެވެ.

އެމްޓީސީސީ އިން ވަނީ ޝަރީފް އެ މަގާމަށް އައްޔަނު ކުރުމުން މަރުހަބާ ކިޔާފައެވެ. އަދި އޭނާގެ ތަސައްވުރާއި ލީޑަޝިޕުގައި އެ ކުންފުންޏަށް ކާމިޔާބީގެ އައު އުސްމިންތަކަކަށް ދެވޭނެ ކަމުގެ އިތުބާރު އޮތް ކަމަށް ވަނީ ބުނެފައެވެ.

އަމިއްލަ ވިޔަފާރީގައި އުޅުއްވާ ޝަރީފް ވަނީ އެމްޑީޕީގެ ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އާރުއޭސީއެލް) ގެ ނޮން އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

އެމްޓީސީސީގައި އިތުރު ޑީއެމްޑީއެއް ވެސް ހުންނަވައެވެ. އެއީ ރައީސް ޔާމީން ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި މުހައްމަދު ޖަމްޝީދެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކީ ރިޓަޔަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީއެވެ.